ރިޔާސީ ވައުދާ އެއްގޮތަށް މާމިގިލީ ޕޯޓުގެ މަސައްކަތް އަދިވެސް ނުފެށޭތީ ކަންބޮޑުވުން ރިޔާސީ ވައުދާ އެއްގޮތަށް މާމިގިލީ ޕޯޓުގެ މަސައްކަތް އަދިވެސް ނުފެށޭތީ ކަންބޮޑުވުން

ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް އެމްޕީއެލްއިން ހިންގަމުންދިޔަ އދ. މާމިގިލީ އިންޓަނޭޝަނަލް ޕޯޓު އަލުން ހުޅުވުމަށް އެއްވެސް މަސައްކަތެއް ނުކުރާކަން އެނގިއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާމިގިލީގައި ހުޅުވި އިންޓަނޭޝަނަލް ޕޯޓުން ހިދުމަތް ދިނުން މިދިޔަ ސަރުކާރުގައި ހުއްޓާލި އެވެ. އެގޮތުން ރިޔާސީ އިންތިހާބުގައި މުއިއްޒު ވައުދުވީ އެ ޕޯޓު މި ސަރުކާރުން ހުޅުވާނެ ކަމަށެވެ.
އަދަދު އަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި މާމިގިލީ އިންޓަނޭޝަނަލް ޕޯޓު ހުޅުވުމަށް މި ސަރުކާރުން މިހާތަނަށް އެއްވެސް މަސައްކަތެއް ނުކުރާއިރު، މާމިގިއްޔަށް މާދަމާ މުއިއްޒު ކުރައްވާ ދަތުރުގައި ވެސް ޕޯޓާ ގުޅޭ އެއްވެސް ކަމެއް ޝެޑިއުލްކޮށްފައި ނެތެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި މުއިއްޒު ވިދާޅުވީ މާމިގިލީ ޕޯޓުގެ ހިދުމަތް ދޭން ފަށައި އެކަން ހަގީގަތަކަށް ހަދާނީ މި ސަރުކާރުން ކަމަށާއި އެތަން ފީސިބަލް ތަނަކަށް ހަދައިދޭނެ ކަމަށެވެ.
"ޕޯޓެއް ކުރިއަށްދާނ،ީ ޕޯޓާ ގުޅިގެން ކުރަންޖެހޭ ކަންކަން ހިމަނައިގެން. އެހެންވީމާ ޕޯޓު ހަގީގަތަކަށް ހަދައި ފީސިބަލް ތަނަކަށް ހެދުމަކީ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ރަށުގެ ރައްޔިތުންނާއި ފެސިލިޓީއެއް މިރަށުގައި ގާއިމްކޮށްދޭނެ ވާހަކަ ދަންނަވަން،" ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި މުއިއްޒު ވިދާޅުވި އެވެ.
މާމިގިލީގެ ތަރައްގީއަށް ރިޔާސީ އިންތިހާބުގައި މި ސަރުކާރުންވީ އެއްވެސް ވައުދެއްގެ މަސައްކަތް މިހާތަނަށް ފަށާފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ގިނަ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ސަރުކާރުން މާމިގިލީގައި ފަށަން ވައުދުވި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުން، ޔުނިވާސިޓީ ކެމްޕަހެއް ގާއިމުކުރުން، އޭޓީއެމް ހިދުމަތް، އާ މިސްކިތެއް އިމާރާތްކުރުން، ފެންވަރު ރަނގަޅު ހޮސްޕިޓަލެއް އަދި ޒުވާނުންނަށް ސްޕޯޓްސް ފެސިލިޓީއެއް އެޅުމެވެ.
އދ. އަތޮޅަށް މުއިއްޒު ކުރައްވާ ދަތުރުގައި މާދަމާ މާމިގިއްޔަށް ވަޑައިގެން އެ ރަށުގެ ބީއެމްއެލް ބްރާންޗުގައި ބިންގާ އަޅައި، ހޮސްޕިޓަލުގައި ބިންގާ އަޅައި، އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަސްއެއް އެޅުމަށް އެމްއޯޔޫއެއްގައި ސޮއިކޮށް، އައިޑީކާޑާއި ޕާސްޕޯޓް ހިދުމަތް ފެށުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ