ފިހާރައެއްގެ އަންހެން މުވައްޒަފުންތަކަކާ ފޮށުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ އެސްޖޭ މޯލްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންތަކަކާ ފޮށުމުގެ ތުހުމަތުގައި މީހަކު ހިފެހެއްޓުމަށް ފަހު ދޫކޮށްލައިފިއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން، އެސްޖޭ މޯލްގައި މަސައްކަތްކުރާ ބިދޭސީ އަންހެން މުވައްޒަފުންތަކެއް ފަހަތުގައި ހުންނަ މަންޒަރު ފެނެއެވެ. އަދި, އަންހެން މުވައްޒަފުންނާ ފޮށުނު ކަމަށް ބުނާ މީހާ އެ ސަރަހައްދުގައި އޭނާއާ ސުވާލުކުރި ފުލުހުންނާ ހަޑިހުތުރު ބަހުރުވައިން މުއާމަލާތްކުރާ މަންޒަރު ވެސް ފެނެއެވެ. އެ ވީޑިއޯގައި ތުހުމަތުކުރާ ގޮތުގައި، މި މީހާއަކީ އާންމުގޮތެއްގައި އެސްޖޭ މޯލްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނާ ފޮށި، މުވައްޒަފުންގެ ގަޔަށް އަތްލާ މީހެކެވެ. މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، މި މައްސަލައިގައި 55 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ އިރުއޮއްސި 6:05 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. މި މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށް ފަހު އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ