ޔާމީއާއި އިމްރާންގެ ފިލްމާ ދެކޮޅަށް ގާނޫނީ ފިޔަވަޅު
އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ އިމްރާން ހާޝިމީއާއި ޔާމީ ގޯތަމް އެކީގައި ކުޅޭ ފުރަތަމަ ފިލްމު "ހަޤް"އާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. އިންޑިއާގެ ނޫހެއް ކަމަށްވާ އިންޑިއާ ޓުޑޭގައި ބުނެފައިވާ ގޮތުން ފިލްމާ ދެކޮޅަށް މައްސަލަ ހުށަހަޅާފައިވަނީ އެ ފިލްމުގެ ވާހަކަ ބިނާކޮށްފައިވާ އިންޑިއާގެ ޝާހް ބާނޯގެ އާއިލާގެ ފަރާތުން އޭނާގެ އަންހެން ދަރިފުޅު ސިއްދީގާ ބޭގަމްއެވެ. ސިއްދީގާ ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، އޭނާގެ މަންމަ ޝާހް ބާނޯގެ ހަޔާތުގެ މައްޗަށް ބިނާކޮށް ފިލްމު އުފެއްދިއިރު އެ އާއިލާގެ ހުއްދަ ހޯދާފައިނުވާ ކަމަށެވެ. އެހެންވެ, ފިލްމުގެ މަސައްކަތް ވަގުތުން ވަގުތަށް ހުއްޓާލުމަށް ފަހު ފިލްމު ރިލީޒްކުރުން މަނާކުރުމަށް ސިއްދީގާ ވަނީ ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައެވެ. ޝާހް ބާނޯގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ސިއްދީގާ ހުށަހެޅި މައްސަލައިގައި އެ އާއިލާގެ އަބުރަށް ހުތުރު ނަން ލިބި, އާއްމުންގެ ތެރެއަށް ނުކުމެ އުޅުމުގެ ހައްގު ވެސް ނިގުޅައިގަނެފައިވާ ކަމަށް ވަނީ ދައުވާކޮށްފައެވެ. ފިލްމު "ހަޤް"ގެ ޓީޒާގެ މަންޒަރެއްގައި ޔާމީ އަދި އިމްރާން--ފޮޓޯ/ބޮލީވުޑްހަންގާމާ ހަމައެއާއެކު އެ މައްސަލަ ހުށަހަޅާތާ ހަތް ދުވަހުގެ ތެރޭގައި އާއިލާއަށް ޖަވާބުދާރީވުމަށް ވެސް ސިއްދީގާ ވަނީ ކޯޓުގައި އެދިފައެވެ. ސިއްދީގާގެ ވަކީލު އިންޑިއާ ޓުޑޭއަށް މައުލޫމާތު ދެމުން ބުނީ، ދެ ގަޑިއިރުގެ ދިގު ފިލްމެއްގައި ސިއްދީގާގެ މަންމަ ބާނޯގެ ވާހަކަ ގެނެސްދޭއިރު އެއީ ކޮންކަހަލަ ވާހަކަތަކެއް ކަމާއި އޭގެ ތެދު ދޮގު އެންމެ ފުރަތަމަ އޮޅުންފިލުވަން ޖެހޭނީ ގާނޫނީ ގޮތުން އެ ހައްގު ލިބިފައިވާ އާއިލާގެ މެންބަރުންގެ ފަރާތުން ކަމަށެވެ. ވަކީ ވާރްސީ އިތުރަށް ބުނީ ޝާހް ބާނޯގެ ބައޮގްރަފީ ޝާއިއު ކުރުމުގެ ހުއްދަ ލިޔުމުން ހޯދަން ޖެހޭނެ ކަމަށާއި ބާނޯގެ ބައޮލޮޖިކަލް އަންހެން ކުއްޖަކު ހުއްޓާ، އެ ކުއްޖާގެ ހުއްދަ ނުލިބި ފިލްމު ރިލީޒްކުރުމުގެ ހުއްދަ ކޯޓުން ދޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. މީގެ ކުރިން ވެސް ކޯޓަށް ހުށަހެޅިފައިވާ އެފަދަ މައްސަލަތަކުގައި އަމަލުކޮށްފައިވަނީ އެގޮތަށް ކަމަށް ސިއްދީގާގެ ވަކީލު ވަނީ ބުނެފައެވެ. ޝޫޓިން ނިމި ޕޯސްޓު-ޕްރޮޑަކްޝަން މަރުހަލާގައި އޮތް ފިލްމު "ހަޤް"އަކީ ޑައިރެކްޓަރު ސުޕަ ވަރުމާގެ ފިލްމެކެވެ. އަންނަ ނޮވެންބަރު މަހުގެ ހަތްވަނަ ދުވަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ މި ފިލްމަކީ އިންޑިއާގައި މީގެ 40 އަހަރު ކުރިން ކުރިއަށްގެންދިޔަ މަޝްހޫރު ވަރީގެ މައްސަލައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގައި ބަތަލާ ޔާމީ ކުޅެފައިވަނީ ތިންފަށް ވަރީގެ މައްސަލައިގައި 1985 ގައި ސުޕްރީމް ކޯޓަށް މައްސަލަ ވެއްދި ޝާހް ބާނޯގެ ރޯލެވެ. އިމްރާން ކުޅެނީ އޭނަގެ ފިރިމީހާ އަހުމަދު ޚާންގެ ރޯލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ