ކަންކަމަށް އެދިގެން ދަލީލު ނެތި ޤުރްއާނުގެ ވަކިބައެއް ކިޔެވުމާއިމެދު އެނގުން މުހިންމު ކަންކަން-

އަތްމަތިދަތިވުމުން، ނުވަތަ ހިތާމައެއް ލިބުމުން ނުވަތަ އެނޫންވެސް ކަމެއް ކުރިމަތިވުމުން ރަޙްމަތަށް އެދިގެން ޤުރްއާން ކިޔެވުމުގައި ވިސްނާލަންޖެހޭނެ ކަންކަން އެބަހުއްޓެވެ.
ތިމާ ކަމަކަށް އެދިގެން މީހަކު ބުނީތީ އެކަމަށް އެއްވެސް ދަލީލެއް ނެތި، ސުންނަތުން އެނގެން ނެތި ކީރިތި ޤުރްއާނުގެ ވަކި ބައެއް، (ވަކި ސޫރަތެއް ނުވަތަ އާޔަތެއް، ވަކި އާޔަތްތަކެއް ނަމަވެސް ކިޔެވުމަކީ ނުރައްކާތެރި ކަމެކެވެ. އަދި އަމިއްލައަށް ވިސްނިގެން އެފަދަ ކަމެއްކުރުންވެސްމެއެވެ.
ކަމަކަށް އެދިގެން ކުރަންޖެހޭނީ ޤުރްއާނާއި ސުންނަތުން ސާބިތުވާ ކަންކަމެވެ. އަދި ކިޔަވަންވާނީ ވެސް ޤުރްއާނާއި ސުންނަތުން އެކަމަކަށް އެދިގެން ކިޔަވަން ސުންނަތުން ޘާބިތުވާ އާޔަތްތަކާއި ސޫރަތްތަކެވެ. ޘާބިތުވާ ޛިކުރްތަކެވެ.
އެނޫންގޮތަކަށް އެކަން ކޮށްފިނަމަ އެކަންވާނީ ބިދުޢާއަކަށެވެ. އެއީ އެންމެ ނުރައްކައުތެރިކަން ބޮޑު އެއްކަންތަކެވެ. އެއިރުން ދީނަށް ކަންކަން އިތުރުކުރެވޭނެތީއެވެ.
ކަންކަމަށް އެދިގެން މީހުން ބުނާ އެބާވަތުގެ ކަންކަން ނުކުރާށެވެ. ދުޢާކުރާށެވެ! ޤުރްއާން ކިޔެވުން ގިނަކުރާށެވެ! ދަމުނަމާދުކުރާށެވެ. ސަޖިދަ އެމީހަކު ބޭނުންވަރަކަށް ދިގުކުރެވޭނެއެވެ. ބޭނުން ބަހަކުން ބޭނުން ދުޢާއެއް ކުރެވޭނެއެވެ.
ވީހައި ގިނައިން ޤުރްއާން ކިޔަވަންވީއެވެ. އެއީ އެންމެ މަތިވެރި އެއް އަޅުކަމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަންނަންވެސް ޤުރްއާން ކިޔަވާށެވެ. ނަމަވެސް ވަކި ބޭނުމެއް ޙާޞިލްކުރަން ކިޔަވަންވާނީ ޤުރްއާނާއި ސުންނަތުން ސާތުވާ ސޫރަތްތަކާއި އާޔަތްތަކެވެ.
މިސާލަކަށް މީހަކަށް ކަމެއް ދަތިވެގެން ކަމެއް ކުރަމުން ދަނިކޮށް އެކަން ހިންމަވައިދެއްވަވައިވެސްފާނެއެވެ. ނަމަވެސް އެއިގެ މާނައަކީ އެކަމަކީ އެކަން ޙާޞިލުކުރަން އޮތް ކަމަކަށް ވުމެއް ނޫނެވެ. ކަމަކަށް ބޭނުންވެގެން އެއްވެސް ކަމެއް ނުކޮށް ހުއްޓައިވެސް އެކަން ހިންމަވައިދެއްވަވައިފާނެއެވެ. އެއިގެ މާނައަކީ ތަޤްވާވެރިކަން އިތުރުކުރަން، އަޅުކަންކުރުން ގިނަކުރަން މަސައްކަތްނުކޮށް ދުޢާނުކޮށް ހުރުމުން ކަންކަން ފުއްދަވައިދެއްވަވާނެކަމަށް ޤަބޫލު ނުކުރުމެއް ނޫނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ގުޅުންހުރި ލިޔުމެއް: https://islamqa.info/en/answers/115841/singling-out-verses-from-some-soorahs-to-recite-them-at-times-of-hardship-and-difficulty
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ