ޙަޤީޤަތް ނުބަލައި އެންމެ ނިކަމެތި ގޮތުގަ އަނބިމީހާ މަގުމަތިކޮށްލި މީހަކަށް އެކުގަ އުޅޭނެ އަނތބަކު ނުލިބެން މެދުވެރިވި އާދައާ ޚިލާފް ސަބަބު- އެންމެންނަށް ޢިބްރަތެއް!

ރަށުގައިހުރި އަޅުގަނޑުގެ ކޮއްކޮއަކު މާލެއަންނާތީ ފެރީ ގަނޑިއަށް ޖުމްހޫރީ މައިދާނަށް ދިއަދުވަހެކެވެ. ފެރީގެ އިންޖީނަށް ކަމެއް ދިމާވެގެން އާދެވުނީ ތަންކޮޅެއް ލަހުންނެވެ. އަނބުރާ ގެއަށްގޮސްފައި އަންނަހައިރު ނެތުމުން ޖުމްހޫރީ މައިދާނުގެ ގޮނޑިއެއްގައި މަޑުކޮށްލައިގެން އިނީމެވެ.  
އެހެން އިންދާ ސްކޫލުގައި ވަރަށް އެކުގައި އުޅުނު ޒުވާނަކަށް ފެނިގެން އައިސް ގޮނޑީގެ އެއކޮޅުގައި އިށީނދެއިނދެ ސްކޫލްދައުރުގެ ހަނދާންތައް އައުކުރަމުން ހީނސަމާސަކުރިއެވެ. ދެމީހުންވެސް ހުނީމެވެ.  
ކޮއްކޮ ގޮވައިގެން ގެއަށް ދިއުމުން ފިރިމީހާ ބުނީ ގެއަށް ނުވައްދާނެ ކަމަށެވެ. ކޮއްކޮބަލައޭ ކިޔާފައި ގޮސް ލޯބިވެރިޔއާއިއެކު މަޖާކުރިތަން ފެނުނު ކަމަށާއި ބޭވަފާތެރި އަންތބަކު ގެންގުޅެން ބޭނުން ނުވާ ކަމަށެވެ. ކަންތައް ވީގޮތް ކިޔައިދޭން އުޅުމުން އަޑުއަހަން ބޭނުން ނުވާކަމަށް ބުނެފައި ގެތަޅުލީ އަޅުގަނޑުގެ ހެދުންކޮޅުވެސް ކޮތަޅަކަށް އަޅާފައި ހުރިނަމަވެސް ހެދުންކޮޅުވެސް  ނުދީއެވެ.  
ދާނެ ތަނެއް ނެތެވެ. ރައްޓެއްސަކުވެސް ނެތެވެ. އަތަކު ރުފިޔާއެއްވެސް ނެތެވެ. އެވަޤުތު ކޮއްކޮބުނީ އިހަށް ގެސްޓް ހައުސަކަށް ދިއުމަށެވެ. ބޭސްކުރަން ގެނައި ރުފިޔާ އޭނާގެ އަތުގައި ކޮންމެވެސް ވަރަކަށް އެބަހުރިކަމަށެވެ. އެހެންބުނީމާ ޓެކްސީއެއް ހުއްޓުވައިގެން ދިއައީ ގެސްޓްހައުސަކަށެވެ. 
އެރޭ ހޮޓަލަކުން ބަތްޕާރުސަލެއް ގަނެގެން ދެބެއިން ކައިނިމިގެން ނިދަން އޮށޯވެފައި ކުއްލިއަކަށް ހަދާންވީ އެދުވަހު ބައްދަލުވި އެކުވެރިޔާ ކަމެއް ޖެހިއްޖެނަމަ ގުޅާށޭ ބުނިކަމެވެ. އެހެންވެ ނަންބަރަށް ގުޅައިޅީމެވެ. ދެމީހުން ބައްދަލުވީތީ ވަރަށް ބޮޑު އަދަބެއް ލިބިއްޖެ ކަމަށް ބުނެ ގެއަށް ދިއުމުން ކަންކަން ހިނގައިދިއަގޮތް ކިޔައިދިނީމެވެ.  
އެކުވެރިޔާ ބުނީ ކަންބޮޑުނުވުމަށެވެ. "ތިއަ ކަހަލަ ފިރިއަކަށް ވިސްނައިދޭން ކުރެވޭނެ ކަމެއް ނޭނގެ. އެކަމަކު އިރާދަކުރެއްވިއްޔާ މަގުމަތިވާކަށް ނުޖެހޭނެ. މިގޭގައި ކޮޓަރިއެއް އެބަހުރި. މިރޭ ތިއަތަނުގަ މަޑުކުރޭ. އަހަރެމެން ދެމަފިރިން މާދަމާ ހެނދުނު ދެބެއިން ބަލައިދާނަން." ކަމަށް ބުނެފައި އޭނާ ފޯނު ބޭއްވީއެވެ.  
އަނެއްދުވަހު ހެނދުނު ދެމަފިރިން އެކުގައި އައިސް ދެބެއިން އެގެއަށް ގެންގޮސް ތިބޭނެ ކޮޓަރިއެއް ދެއްކިއެވެ. ބޭނުންހައި ދުވަހަކު ތިބުމަށާއި ކެއިންބުއިމަށް އެއްވެސް ޚަރަދެއް ކުރަން ނުޖެހޭނެ ކަމަށާއި ކޮށްދެވުނު ކަމެއް ކޮށްދޭނެ ކަމަށްވެސް ބުންޏެވެ.  
އެގޭގައި ތިބޭތާ މަހެއްހައި ދުވަސްފަހުން ބަނޑަށް އުނދަގޫވާތީ ޑޮކްޓަރަށް ދެއްކުމުން ބުނީ އިނީ ބަލިވެކަމަށެވެ. އެކުވެރިޔާގެ އަނބިމީހާގެ ގާތުގައި އެވާހަކަބުނީމާ ހީނގެންފައި ބުނީ ގެއަށް ކުޑަކުދިން އިތުރުވުމަކީ ﷲ ލައްވަވާ ރަޙްމަތެއް ކަމަށެވެ.  
ކޮއްކޮގެ ބޭސްފަރުވާގެ ކަންކަންވެސް ނިމުނީ 3 މަހެއްހައިދުވަހުންނެވެ. ނިމިގެން ރަށަށްދާން އުޅެންފެށީމައި ދެމަފިރިން ބުނީ މަޑުކުރެވޭނެ ނަމަ އަޅުގަނޑު ވިހައި ގަދަވަންދެން މަޑުކޮށްދިނުމަށެވެ. އެއީ އެދެމަފިރިންނަކީވެސް ވަޒީފާއަދާކުރާ ދެމަފިރިންކަމަށްވުމުން އަޅުގަނޑު ގޮވައިގެން ކޮންމެ ކޮންމެ ވަޤުތަކު ޑޮކްޓަރަށް ދައްކަން ދިއުން ފަދަ ކަންކަންކުރަން އުނދަގޫވާނެތީ ކަމަށެވެ.  
ކޮންމެއަކަސް އެގޭގައި ދަތިކަމެއް ނުއޮވެއެވެ. މަނާކަމެއްވެސް ނުއޮވެއެވެ. އެހެންވެ އުޅެމުން ދިއައީ އަމިއްލަ ގެއެއްގައި އުޅޭފަދައިންނެވެ ދެމަފިރިންނަށް ނުޖައްސައި ގޭތެރޭގެ ހުރިހާ ކަންކަން އަޅުގަނޑުމެން ދެބެއިންކޮށްދޭތީ ދެމަފިރިން ތިބެނީ ވަރަށް އުފަލުންނެވެ.  
ދުވަސްފުރައި ލިބުނީ ވަރަށް ލޯބިލޯބި އަންހެންކުއްޖެކެވެ. ދަރިފުޅުގެ ފޫޅުމާފޯމުގައި ސޮއިކޮށްދޭން ބުނީމާ ހޮސްޕިޓަލަށް އައިސް އެކަންކޮށްދިނެވެ. އޭނާ އަޅުގަނޑު އެހައިބޮޑަށް ނިކަމެތިކޮށްލުމުންވެސް އެއްވެސް ދެރައެއް ނުލިބި އުފަލުގައި ދިރިއުޅެވޭކަން އެނގުމުން އޭނާގެ ހިތަށް އަސަރުތަކެއް ކުރިއެވެ. ކަރުއެލުވާލައިގެން އެތައް އިރަކު ކަޅިޖަހާނުލައި ބަލަންހުއްޓެވެ.  
އެދުވަހު ޕާކުގައި އަޅުގަނޑާއިއެކު އިނީ ލޯބިވެރއެއް ނޫންކަމާއި އެކުވެރިއެއްކަން ޔަޤީންކުރެވުމުން ކުރެވުނު ކުށްހީގެ މައްޗަށް ޢަމަލުކުރެވުނީތީ ވަރަށް ދެރަވާކަމަށްވެސް ބުންޏެވެ. އަދި ހޮސްޕިޓަލުން ދޫކޮށްލީމާ އޭނާގެ ގެއަށް ދިއުމަށާއި އަލުން ކައިވެނިކުރަން ބޭނުންވާ ކަމަށްވެސް ބުންޏެވެ.  
އަޅުގަނޑުގެ އެކުވެރިން (އެގޭ ދެމަފިރިން) ވެސް އަޅުގަނޑުގެ ކޮއްކޮވެސް އެކަމަކަށް ޤަބޫލެއް ނުވިއެވެ. ބުނީ އެބާވަތުގެ ފިރިން ދެންވެސް ކަންކަން ކުރާނީ ކޮން ގޮތަކަށްކަން ނުއެނގޭއިރު ދެން ރަނގަޅުވާނީ އެހެން ދިރިއުޅުމަކަށް ވިސްނުން ކަމަށެވެ. އެކުވެރިޔާގެ ދެމަފިރިން ބުނީ ޚަރަދަށް ކަންބޮޑުނުވުމަށާއި ކައިވެނި ކުރެވި އަމިއްލަ ފައިމައްޗަށް ތެދުވެވެންދެން ހުރިހާ ކަންކަންވެސް ކޮށްދޭނެ ކަމަށެވެ. ދަތިޙާލެއްގައި ޖެހެން ނުޖެހޭނެ ކަމަށެވެ.  
ޙާލުގައި ޖެހުނު ދުވަހު އެހީތެރިވި ދެމަފިރިންނާއި ދެކޮޅަށް އަލުން އެގެއަށްދާކަށް އަޅުގަނޑަކަށް ނުކެރުނެވެ. އެހެންވެ ހޮސްޕިޓަލުން ގޮސް އެގޭގައި އިންނަތާ އަހަރުވާން ކައިރިވެފައި ހުއްޓައި ދެމަފިރިންގެ ތެރެއިން އަންހެންމީހާގެ ދެބެންގެދެދަރި ފިރިހެނަކު އަޅުގަނޑާއި ކައިވެނިކުރަން ބޭނުންވެގެން ބުނުމުން ކައިވެނިކުރީއެވެ.  
ދެވަނަ ކައިވެންޏަށް މިހާރު 8 އަހަރުވެއްޖެއެވެ. ދެދަރިންވެސް ލިބިއްޖެއެވެ. ފިރިމީހާއަކީ ކުރީގެ ފިރިމީހާއަށްވުރެ ހުރިހާ ގޮތަކުންވެސް ރަނގަޅު މީހެކެވެ. ފިރިމީހާގެ ރަޙްމަތްތެރިއަކު ވަނީ ކޮއްކޮއާއިވެސް ކައިވެނިކޮށްފައެވެ. އެދެމަފިރިންވެސް ދިރިއުޅެމުން އަންނަނީ ވަރަށް އުފަލުގައެވެ. ވީމާ އެދުވަހު ގެއިން އަޅުގަނޑު ބޭރުކޮށްލިކަން ވެފައިމިވަނީ އަޅުގަނޑުމެން ދެބެއިންނަށް ލެއްވެވި ރަޙްމަތަކަށެވެ. 
ދެން އޮތީ ކުރީގެ ފިރިމީހާގެ ވާހަކައެވެ. އެއިގެފަހުން އޭނާ އިތުރު 3 ކައިވެނިކޮށްފިއެވެ. އެކަކާއިއެކުވެސް ދިރިނުއުޅެވިގެން މިހާރުވެސް އުޅެނީ އެކަންޏެވެ. އޭނާ އެންމެފަހުން ވަރިކުރި އަނބިމީހާ އާއި ދާދިފަހުން ބައްދަލުވިއެވެ. އޭނާ ބުނީ އޭނާގެ ބަސް ޤަބޫލުކޮށް އަލުން ނުގުޅުނުކަން އެއީ ލިބުނު ބޮޑު ނަޞީބެއް ކަމަށެވެ. ދެވަނަ ކައިވެނީގައި އުޅެނިކޮށް ގަދަހުމެއް ޖެހިފައި ގަދަވިފަހުން ހިނގައި އުޅެވުނުނަމަވެސް ތުރުތުރުއަޅާކަމަށެވެ. އޮށޯވެއްޖެ ނަމަ ހީވަނީ އުނގަނޑުން ތިރީގައި ވާގިވެސް ނުހުންނަހެން ކަމަށެވެ. ފައި ގުޑުވައިލެވެނީވެސް ގަދަކަމުން ކަމަށެވެ. ޑޮކްޓަރުންނަށް ދައްކައިގެން ވީކަމެއް ނެތްކަމަށެވެ. 3 ކައިވެނީގައިވެސް ދިރިނޫޅެވުނީ  އެހެންވެގެން ކަމަށެވެ.  
އިތުރަށް ބުނާނެ އެއްޗެއް ނެތެއް ނޫންތޯއެވެ؟ އޭނާ އަޅުގަނޑަށް އެހާލު ޖެއްސީ ބަލިވެއިންކަން ނުއެނގިހުރެ ނަމަވެސް އެވަރުގެ ބޮޑުދެރައެއްދީ، ވަންނާނެ ތަނެއް ނެތް އަނބިމީހާ މަގުމައްޗަށް އެއްލައިލުމުގެކުރިން ތިމާއަށް ފެނުނު މަންޒަރާއި ވިސްނުނު ގޮތަކީ ޙަޤީޤަތްކަން ބަލައިލަންޖެހޭނެ ނޫންތޯއެވެ؟ ނަމަވެސް އަމިއްލައަށް ގޮތް ނިންމައި އަޅުގަނޑަށް ދިން ބޮޑު ދެރަ އޭނާ އާއި ބައްދަލުކުރިގޮތް އެއޮތީ އެނގެން ނޫންތޯއެވެ؟  
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ އަޅުގަނޑުގެ ކުރީގެ ފިރިމީހާ އަޅުގަނޑާއިމެދު ކަންތައްތައް އެކުރިގޮތަށް ކަންތައްކުރަން ހެޔޮނުވާނެއެވެ. އެއީ އިންސާނިއްޔަތުކަން ހުރި މީހަކު ކަންތައް ކުރާނެ ގޮތެއް ނޫނެވެ.   
- ދިނާޝާ / މިއަދުނޫހުގެ ކިޔުންތެރިއެއް   
- ޢިބްރަތްތެރި ވާހަކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ