ބިޑިބޯ ޔޫސުބާ ދުންބޯ ކަތްދަވެސް ބޯންވީ ރޫޓުން ސިނގިރެޓް!

ދުނިޔޭގެ ތާކު ބަޔަކު ކަމެއް ކުރާގޮތަކަށް އެއްކަމެއްވެސް މުއިއްޒެއް ނުކުރެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުން މީހުން ދުރުކުރުވުމުގެ ނަމުގައިވެސް މުއިއްޒު ކުރާން އުޅެނީ ވައްކަން ކަމަށް ގަބޫލު ކުރެވެއެވެ. ވާނީ އެހެންތާއެވެ. މުއިއްޒު ކަމެއް ކުރާއިރު މާޒީގައި ކަންކަން ހިނގާފަ ހުރިގޮތް ގޮތަށް ބަލާލުމެއް ނޯވެއެވެ. ކުރެވޭ ކަމަކުން ކުއްލި ނުބައި އަސަރު ކުރާނީ ކިހާ މީހުންނަކަށްތޯ ބަލާލުމެއް ނޯވެއެވެ. ކަމެއްކުރެވޭ ގޮތަކުން ނިކުމެދާނެ ހިތި ނަތީޖާއަށް ބަލާލުމެއްވެސް ނޯވެއެވެ.
ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑުބައެއް ދުންފަތުގެ އިސްތިއުމާލު ކުރަނީކީ އަދަކު އިއްޔެއަކުނޫނެވެ. އެ މީހުން އެކަން ކުރަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ސިއްހަތަށާއި ޖީބަށް ގެއްލުންވާކަން ނޭނގިއެއްވެސް ނޫނެވެ. ސަރުކާރުން ފިއްތާ ދަތި ނުކުރިޔަސް ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވާން ބޭނުން މީހުން އެކަމާ ދުރަށް ދާކަމީވެސް ހަގީގަތެކެވެ.
ކަށީގައި ހިފާފައި ހުންނަ ދެއްވަކީ އަމިއްލައަށް ބޭނުންވެގެން ނޫނީ ފިލާނެ ކަމެއް ނޫންކަން ކުރިން ވެރިކަން ކުރި ވެރިންނަށް އެނގެއެވެ. ކުރީގެ ވެރިން ދުންފަތުގެ އިސްތިއުމާލުން ރައްޔިތުން ދުރުކުރުމުގެ ހެޔޮ ނިޔަތް އޮތުމުން ކަންކުރަމުން އައީ ވިސްނުންތެރިކަމާ ކެއްތެރިކަމާއެކުގައެވެ. ކުރީގެ ވެރިން އާމްދަނީ ހޯދާ ވަސީލަކަށް ދުންފަތް ނުހަދައެވެ. ދުންފަތުން މީހުން ދުރުކުރުމަށް ދައުލަތުން ކުރެވޭ ހޭދައަކީ އަގުލިބެންޖެހޭ ކަމެއްކަމަކަށްވެސް އެ ވެރިން ނުދެކެއެވެ. ރައްޔިތުންނަށް ވިސްނާދީގެން އެތައް ބަޔަކު ދުންފަތާ ދުރުކުރުވިއެވެ.
މިސްކިތްތަކުގެ އެތެރެ ނޫން ކޮންމެ ތަނެއްގައިވެސް ދުންފަތުގެ އިސްތިއުމާލު ކުރެވުނު ޒަމާން ދިވެހިން ދުއްޓެވެ. ނަމަވެސް މަޑުމަޑުން އިސްތިމާލުކުރުން މަނާ ސަރަހައްދުތައް އިތުރުވަމުން ގިނަވަމުން ދިޔައީ މީހުނަށްވެސް އެގޮތް ގަބޫލު ކުރުވައިގެންނެވެ. ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތްދޭ ހުރިހާ ތަންތަނާއި ސްކޫލްތަކާއި އޮފީސްތަކާއި ކުޅިވަރުކުޅޭ ބިންތަކާއި ޕަބްލިކް ޓްރާސްޕޯޓް އުޅަނދުތަކާއި ކުޑަކުދީންގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ދުންފަތުގެ އިސްތިއުމާލުކުރާ އެންމެންމެ މިހާރު ގަބޫލުކުރެއެވެ. ގިނަ މީހުން އެއްވާ ތަންތާގައިވެސް މަދު މީހަކު ނޫނީ ދުންފަތުގެ އިސްތިއުމާލެއް ނުކުރާނެއެވެ. 
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަކީ ރަނގަޅު ތަރުތީބަކުން އިންތިޒާމްވެގެން ރާއްޖޭގައި ކޮންޓްރޯލް ކުރެވެމުންދިޔަ އާދައެކެވެ. ދުންފަތަކީ އަގުބޮޑުކޮށް މަނާކޮށްގެން ހުއްޓުވޭ ވަރަށްވުރެ ނުރައްކާތެރި ދެއްވެކެވެ. އަގުބޮޑުކޮށްގެން ނުހުއްޓުވޭކަން ކުރީގެ ވެރިންވަނީ ތަޖުރިބާކޮށްފައެވެ.
އެހެނެއް ކަމަކު މިހާރު ވަކިބަޔަކު އެތެރެކުރާ ސިނގިރެޓް ނޫން ދުންފަތުގެ ހުރިހާ ބާވަތެއް ބޭނުން ކުރުން މަނާކޮށް ސިނގިރޭޓްގެ އަގު އިންތިހާއަށް ބޮޑު ކުރުވުމަކީ ސަރުކާރުން އިންތިޒާމް ވެގެން ހިންގާ ނުރައްކާތެރި ޖަރީމާއެކެވެ. މުއިއްޒަށް ބައިއަޅައިގެން ހިންގާން ރާވާ މިލިޔަން ޑޮލަރުގެ ވަގުވިޔަފާރިއެކެވެ. މުއިއްޒު މިގެނައި ކުއްލި ބަދަލުން ޒަމާނުއްސުރެ އަނބުރައިގެން ބިޑިބޯ ޔޫސުބާއި ދުންފަތް އަޅައިގެން ދުންބޯ ކަތްދަ ވެސް ރޫޓުން އެތެރެކުރާ ސިނގިރޭޓް ބޯން ސަރުކާރުން މަޖުބޫރު ކުރުވާނީ ލައްކަ ބޮޑު ޑީލެއްގެ ދަށުންތާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ