ނަޝީދުގެ އިތުބާރުގެ މައްސަލަ: އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުގެ މައްސަލަ ހުއްޓުވާ ކަމަށް ބުނެ އެމްޑީޕީން ސުޕްރީމް ކޯޓަށް އިއްޔެ ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ. އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ޕާޓީގެ ފަރާތުން ހުށަހެޅި ސުޕްރީމް ކޯޓުން ބަލައިގަނެ، މައްސަލަ ހުށަހެޅުމުގެ ހުއްދަ ދާދި ދެންމެ ދީފައިވާ ކަމަށެވެ. ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިއްޔެ އާއި މިއަދަށް ވެސް އެޖެންޑާ ކުރި ނަމަވެސް، އެމަނިކުފާނުގެ ކޮއްކޯފުޅު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާން ފޮނުއްވާފައިވުމުން ޖަލްސާ ބޭއްވޭ ގޮތް ވަނީ ނުވެފައެވެ. އެމްޑީޕީން ކޯޓަށް ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ގާނޫނީ ކޮމިޓީގެ މެންބަރު އަހުމަދު އަބްދުﷲ އަފީފް ވިދާޅުވީ އެ މައްސަލަ ހުށަހެޅީ އަމީންއާންމުގެ ނިންމެވުމަކީ ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދާ ޚިލާފު ކަމެއް ކަމަށް ފެންނާތީއެވެ. އެގޮތުން އެ މައްސަލައިގައި ދެ ކަމަކަށް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/183840 އެއީ އެ ގަރާރުގެ މައްސަލަ ނުނިމެނީސް މަޖިލީހުގެ އިތުރު މަސައްކަތެއް ކުރުމަށް ޖަލްސާއެއް ނުބޭއްވޭނެ ކަމަށް ކަނޑައަޅައި ދިނުމަށާއި ރިޔާސަތު ބަލަހައްޓަން މަޖިލީހުގެ ނައިބު ރައީސާއި ނައިބު ރައީސް އުޒުވެރިވާ ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތަށް އަމަލު ކުރުމަށް މަޖިލީހުގެ އިދާރާއަށް ލާޒިމުކަމަށް ކަނޑައަޅައިދިނުމަށެވެ. އެ މާއްދާގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި، ރިޔާސަތު ބަލަހައްޓާނެ މެންބަރުންތަކެއް ކަނޑައަޅަން ޖެހޭނެ ކަމަށެވެ. އެގޮތުން ފަސް މެންބަރުން ކުރިން ވެސް ކަނޑައަޅާފައިވާކަން އިއްޔެ އެމްޑީޕީގެ ގާނޫނީ ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ. އެމްޑީޕީން އެ މައްސަލަ ހުށަހަޅާފައިވާއިރު އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ހުވާކުރެއްވުން އަންނަ މަހުގެ 17ގައި ބާއްވަން ވަނީ ހަމަޖެހިފައެވެ. މިދިޔަ ބުދަ ދުވަހު އެމްޑީޕީގެ ޕީޖީން ވަނީ، އިތުބާރު ނެތް ރައީސަކު މަޖިލީހުގެ ރައީސް ކަމުގައި ހުންނަވަނިކޮށް އިންތިޚާބީ ރައީސް ކުރައްވާ ހުވާ ބަލައި ނުގަންނާނެ ކަމަށް ބުނެފައެެވެ. ނަމަވެސް ހުވާކުރެއްވުމުގެ ޖަލްސާއަކީ އެޖަލްސާގެ ސައްހަކަމާމެދު ގާނޫނީގޮތުން ސުވާލު އުފެދުމުގެ ފުރުސަތު ނެތް ޖަލްސާއެއްކަން ކަށަވަރުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ. މަޖިލީހުގެ މިދިޔަ ދައުރުގައި ވެސް ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ފަހު އެމްޑީޕީން ވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށް ފަހު މައްސަލަ އަނބުރާ ގެންގޮސްފައެވެ. ނަމަވެސް މި ދައުރުގައި 49 މެންބަރުންގެ ސޮޔާއެކު އެ މައްސަލަ ވަނީ އަލުން ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ