ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފި

ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަަށް މޫސުން ގޯސް ވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ. މެޓް އޮފީހުން ބުނީ، އުތުރާއި މެދު ރާއްޖޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލަށް ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި 35 މޭލާއި 45 މޭލަށް ވައި ގަދަވާނެ ކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް އެވަރެޖްކޮށް ވައި ޖެހޭނީ ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދު ކަމަށް ވެސް މެޓުން ބުންޏެވެ. ވިލާގަނޑުގައި ދެކުނުގެ އަތޮޅުތަކަށް ވެސް 35 މޭލާއި 45 މޭލަށް ވައި ގަދަވެގެންދާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ. ދެކުނާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސާރަކުރާއިރު ގުގުރުމާއެކު ބޯކޮށްވާރެ ވެހޭނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެކަމަށް ވަނީ ލަފާކޮށްފައެވެ. މެޓް އޮފީހުން ބުނީ އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ކަނޑުތައް ގަދަވާނެ ކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް ކަނޑުތައް އަދައިގެ ވަރަކަށް މަޑުވާނެ ކަމަށް އެ އޮފީހުން ބުނެއެވެ. ނަމަވެސް ވިލާގަނޑުގައި ގަދަވުން އެކަށިގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ. ހަމައެއާއެކު ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ. މިއަދާއި މާދަމާ ވެސް ކަނޑުތައް ވަރަކަށް ގަދަވާނެ ކަމަށް އެ އޮފީހުން ލަފާކޮށްފައިވެއެވެ. މިދުވަސްވަރަކީ ފުރަތަމަ ޓާމް ބަންދަށްފަހު މީހުން ރަށްރަށަށް ފުރާ ދުވަސްކޮޅުކަމުން ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. ހަމައެއާއެކު ކުދިކުދި ޑިންގީގައި ކަނޑުމައްޗަށް ނިކުތުމާއި، މޫދަށް އެރި އުޅުމުގައި އޮޔަށް ސަމާލުވުމަށް ވެސް އެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ