ތިނެއް ނޮވެމްބަރުގެ ހާދިސާއަކީ ރާއްޖޭގެ ތާރީޚުގައި އެންމެ ބިރުވެރި ހާދިސާ: މައުމޫން

ނަވާރަސަތޭކަ އަށްޑިހަ އަށްވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ހިނގައިދިޔަ ކަންކަމާއި އެކަންކަން ހިންގުމަށް ދިވެހި ބާޣީންނާއި ބޭރުގެ ދުޝްމަނުން ރޭވި ރޭވުންތަކަށް ފުންކޮށް ވިސްނާލާއިރު، އެއީ ރާއްޖޭގެ މުޅި ތާރީޚުގައި ވެސް ކުރިމަތި ކުރުވި އެންމެ ބިރުވެރި ދުވަސް ކަމަށް ގަބޫލުކުރަން ޖެހޭކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. މައުމޫން މިފަދައިން ވިދާޅުވެފައި ވާއިރު، އެމަނިކުފާނަކީ އެދުވަހު ރާއްޖޭގެ ވެރިކަމާ ހަވާލުވެ ހުންނެވި، އޭރުގެ ރައީސުލްޖުމްހޫރިއްޔާއެވެ. މިދުވަހުގެ ހަނދާންތައް އެމަނިކުފާނު ކޮންމެ އަހަރަކު ވެސް އާކުރައްވައެވެ. އެގޮތުން އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ އެމްއާރުއެމްއިން މީގެ ކުރިން ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލައާ ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ، މީގެ 34 އަހަރު ކުރިން ރާއްޖެއަށް ކުރިމަތިވި ބަޣާވާތަކީ ދިވެހީންގެ މަދު ބަޔަކާއި، ސްރީލަންކާގެ ޓެރަރިސްޓު ޖަމާއަތަކާ އެކުވެގެން ދިން ނުރައްކާތެރި ޓެރަރިސްޓު ހަމަލާއެއް ކަމަށެވެ. އެ ދުވަހުގެ ހަމަލާއަކީ ދިވެހި ތާރީޚުގައި މިހާތަނަށް ފާހަގަކުރެވޭ އެންމެ ބާރުގަދަ، އެންމެ ބިރުވެރި އަދި އެންމެ ނުރައްކާތެރި ހަމަލާކަމަށް އެ ބަޔާނުގައި ވެއެވެ. "އެ ދުވަހު 18 ވަރަކަށް ގަޑިއިރުވަންދެން ރާއްޖޭގެ ވެރިރަށް މާލޭގެ މައްޗަށް އަތްގަދަކޮށްގެން ތިބީ ގައުމުގެ އަދާވާތްތެރި ދުޝްމަނުން. އެބައިމީހުން ހަނގުރާމަ ކުރަމުން ގެންދިޔައީ މުޅި ގައުމު އެބައިމީހުންގެ އަތްމައްޗަށް ގެންދިއުމަށް. އެ ދުވަހުގެ ހަމަލާގައި 19 ދިވެހި ދަރީން ޝަހީދު ކޮށްލި،" އެމްއާރްއެމްއިން ފާހަގަކޮށްފައިވެއެވެ. މިދިޔަ އަހަރު ނަސްރުގެ ދުވަސް ފާހަގަކުރުމަށް އެމްއާރުއެމްއިން ބޭއްވި ޖަލްސާއެެއްގައި މައުމޫންގެ އަނބިކަނބަލުން އަދި އޭރުގެ ފަސްޓް ލޭޑީ ވަނީ އެދަހު އެކަމަނާގެ ތަޖުރިބާތައް ވެސް, މުޅިން އަލަށް އާންމުންނާ ހިއްސާކުރައްވާފައެވެ. https://sun.mv/170369 އެކަމަނާ ސިފަކުރެއްވި ގޮތުގައި އެ ދުވަހު ކުރެވުނީ އެންމެ ލޯބިވާ މީހުންނާ ވަކިވެދާނެކަމުގެ ހިތްދަތި އިހުސާސްތަކެވެ. (އެމްއާރުއެމް)އިން ނަސްރުގެ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގައި ނަސްރީނާ ވަހަކަދައްކަވަނީ -- ފޮޓޯ/ އެމްއާރްއެމް "އަޅުގަނޑުމެންގެ ކުދިންނާ ދެން ދިމާނުވެދާނޭ ހިތަށް އެރުމުން އަޅުގަނޑު ބޭނުންވީ އެ ކުދިންނަށް ސިޓީއެއް ލިޔެފައި ބާއްވަން. ހަމަ ބުނެލަން އެ ކުދީން ދެކެ ލޯބިވާ ވަރާއި އެ ކުދީންގެ ފަރާތުން ހިތްހަމަޖެހުން ނޫނީ ލިބިފައިނުވާކަން،" ނަސްރީނާ ވިދާޅުވިއެވެ. ނަމަވެސް އެ ސިޓީ ލިޔުއްވާކަން މައުމޫނަށް އެނގިވަޑައިގަތުމާއެކު ލިޔުއްވުން ހުއްޓާލަން މައުމޫން އެދިވަޑައިގަތެވެ. އެއާއެކު ނަސްރީނާ އެކަން ހުއްޓަވަައިލެއްވިއެވެ. ނަމަވެސް މަޔަކަށް އޭނާގެ ދަރިންގެ ހާލަތު ނޭނގި އެ ފަދަ ބޮޑު ނުރައްކަލެއްގެ ތެރޭ ހުންނަވަން ޖެހުމުން ކުރާނެ އަސަރު ނަސްރީނާއަށް ތަހައްމަލުކުރެވުނު ކަމަށް އެކަމަނާ އެދުވަހު ވިދާޅުވިއެވެ. "ނޮވެމްބަރު ތިނަކަށް ނަސްރުގެ ދުވަހޭ ކިޔުނީ، އަދި ކިއެއްތޯ މިނިވަންކަަން މަތީ މި ދުވަސް ފާހަގަމިކުރެވެނީ ދިވެހީންގެ ބަޔަކު މިކަމަށް ޓަކައި ޖިހާދުކޮށްގެން. އެތައް ބަޔަކު ފުރާނަދީގެން. އެހެންވީމަ މި އަބްތާލުންގެ ގުރުބާނީ އަޅުގަނޑުމެންގެ ހަނދާނުގައި ނުބަހައްޓައިފިނަމަ މީ މި ބަތަލުންނަށް އަދި މުޅި ގައުމަށް ވެސް ކުރެވޭ ވަރަށް ބޮޑު އިހާނަތެއް ދެއްތޯ،" ނަސްރީނާ ވިދާޅުވިއެވެ. އެދުވަހު އިންޑިއާ ސިފައިންގެ ފަރާތުން ލިބުނު އެހީތެރި ކަމަކީ ވެސް ރައީސް މައުމޫން އަބަދުވެސް ހަނދާން އާކުރައްވާ ޝުކުރު އަދާކުރައްވާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ