ޤަތަރާއި އެކުވެރި ޢަރަބި އިމާރާތަށް ސަފީރުން ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއިން ސްޓޭޓް އޮފް ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުން މިއަދު ޢައްޔަން ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، ސްޓޭޓް އޮފް ޤަތަރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، ޢައްޔަންކުރެއްވީ އާދަމް ޝަރީފު ޢުމަރެވެ. އަދި އެކުވެރި ޢަރަބި އިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ޢައްޔަން ކުރެއްވީ ޠާރިޤު އިބްރާހީމްއެވެ.
ސަފީރުންނަށް މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ސްޓޭޓް އޮފް ޤަތަރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، ޢައްޔަންކުރެއްވި، އާދަމް ޝަރީފް އުމަރަކީ، އަދުގެ ސަރުކާރުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާވަނީ ކުރީގެ ސަރުކާރުތަކުގައިވެސް ވަޒީރުކަން ކުރައްވާފައިވާ، އަދި މިހާރުވެސް ޚާރިޖީ ވުޒާރާގެ އިސް މަޤާމެއް ފުރުއްވަމުންދާ ތަޖުރިބާކާރު ބޭފުޅެކެވެ.
އެކުވެރި ޢަރަބި އިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ޢައްޔަން ކުރެއްވި ޠާރިޤް އިބްރާހީމަކީ، މި ސަރުކާރުގެ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ކުރީގެ ސަރުކާރުތަކުގައިވެސް ވަޒީރުކަމާއި ސަރުކާރުގެ އިސް މަޤާމުތައް އޭނާ ފުރުއްވާފައިވެއެވެ.
ކުރީގެ ދެ ވަޒީރުން ކަމުގައިވާ ޠާރިގް އިބްރާހިމްއާއި އާދަމް ޝަރީފު އުމަރު ސަފީރުންގެ ގޮތުގައި އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދެއްވާފައިވަނީ މިމަހުގެ 15ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ