ހައިކޯޓުގެ އިސް ފަނޑިޔާރަކަށް ޝަހީދު، ސިވިލް ކޯޓުގެ އިސްގާޒީއަކަށް މަރްޔަމް ހަމަޖައްސައިފި

ހައިކޯޓުގެ އިސްފަނޑިޔާރަކަށް އެ ކޯޓުގެ ފަނޑިޔާރު ހުސެއިން ޝަހީދު އަދި ސިވިލް ކޯޓުގެ އިސްގާޒީގެ މަގާމަށް އެ ކޯޓުގެ ގާޒީ މަރްޔަމް ވަހީދު ހަމަޖައްސަވައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ދެ މަގާމަށް ބޭފުޅުން ހަމަޖެއްސެވީ މިއަދު ކަމަށެވެ.
ޝަހީދަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން މާސްޓާސް އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ އަދި ބެޗްލާސް ޑިގްރީ އިން ޝަރިއާ އެންޑް ލޯ ހައްދަވާފައިވާ ބޭފުޅެކެވެ. ޝަހީދު ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ 26 ނޮވެމްބަރު 2014 ގައެވެ. ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވީ 24 ޖުލައި 2018ގައެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހައިކޯޓުގެ ކުރީގެ އިސްފަނޑިޔާރުގެ މަގާމުގައި ހުންނެވި ހާތިފް ހިލްމީ އެ މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެން ހައިކޯޓުގެ އިސްފަނޑީޔާރުކަމުގެ މަގާމު ވަގުތީ ގޮތުން މިއަދާ ހަމައަށް ހަވާލުކުރައްވާފައި ވަނީ ޝަހީދުއާއެވެ.
ސިވިލް ކޯޓުގެ އިސްގާޒީގެ މަގާމަށް އައްޔަން ކުރެއްވި މަރްޔަމަކީ ވިލާ ކޮލެޖުން މާސްޓާސް އޮފް ޝަރީއާ އަދި މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާސް އޮފް ލޯސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފުރަތަމަ ސިވިލް ކޯޓުގެ ގާޒީއެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވީ 13 އޭޕްރިލް 2016ގައެވެ. އޭގެ ކުރިން މަރްޔަމް ވަނީ ކ. ގާފަރު މެޖިސްޓްރޭޓް ކޯޓާއި ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ