މާލޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދޭ، ޑުރަގު ކެފޭއެއް ބަންދުކުރުމަށް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ކްރިމިނަލް ކޯޓުން ފުރަތަމަ ފަހަރަށް އަމުރެއް ނެރެފި އެވެ.
ވީ ކިހިނެއް؟ - ކްރިމިނަލް ކޯޓުން ނެރުނު މި އަމަރުގެ ދަށުން ބަންދުކޮށްފައިވަނީ، ހ. ގުންޒަރު އެވެ. އެ ތަން ބަންދުކުރުމަށް މިދިޔަ އަންގާރަ ދުވަހު އަމުރުކޮށްފައިވަނީ، 90 ދުވަހަށެވެ.
ތަފްސީލް - މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން ކޯޓު އަމުރަކާ ނުލައި 24 ގަޑިއިރަށް ބަންދުކުރުމުގެ ނޯޓިސް ނެރުމުގެ ބާރު ފުލުހުންނަށް ދީ މަސްތުވާތަކެއްޗާބެހޭ ގާނޫނޫ އިސްލާހުކޮށް އަމަލުކުރަން ފެށީ މިދިޔަ 7 މާޗުގަ އެވެ. ފުލުހުން ނޯޓިސް ދީފައިވާ މިފަދަ ތަންތަން ގިނަވެގެން ތިން މަސް ދުވަހަށް ވުރެ އިތުރު ނުވާ ގޮތަށް ބަންދުކުރަން އަމުރު ނެރުމުގެ ބާރު މި ގާނޫނުގެ ދަށުން ކޯޓުތަކަށް ލިބެ އެވެ.
މި ގާނޫނުގައި ވާގޮތުން:
މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ފަސް އަހަރުގެ ޖަލު ހުކުމަކާ އެކު ގިނަވެގެން 100،000ރ.ގެ ޖޫރިމަނާ ކަނޑައެޅިފައިވާ ކުށެއް
މަސްތުވާތަކެތީގެ ހިދުމަތް ދެމުންދާކަން އެނގިހުރެ އެކަން ހިނގިޔަ ދިނުމަކީ އެ ތަނެއްގެ ވެރިފަރާތާއި ކުއްޔަށް ހިފައިގެން އުޅޭ ފަރާތް، ނުވަތަ އެ ތަނާ ހަވާލުވެ ހުރި ފަރާތް ވެސް ކުށްވެރިވާނެ ކަމެއް؛ މި ފަރާތްތަކަށް ވެސް ހަރުކަށި އަދަބުތައް ކަނޑައަޅާފައިވޭ
އެނގުން މުހިންމު - ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ގާނޫނީ ކުށެކެވެ. ފުލުހުން ބުނީ، މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ މީހުންނާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ މީހުންނާ މެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމެއް - މާލޭގެ ޑްރަގު ކެފޭއެއްގެތެރެއިން މިދިޔަ މަހު ވަނީ، މަރުވެފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާ މީހަކު ފެނިފަ އެވެ. މަންޒަރު ދުށް ބައެއް މީހުން ބުނާގޮތުގައި އެ މީހާގެ ގައިގައި ކޮންމެވެސް ވަރެއްގެ "އަނިޔާގެ ނިޝާންތަކެއް" ހުއްޓެވެ. ފުލުހުން އެ ތަނަށް ދިޔައިރު އޭނާ ހުރީ "ދަންޖެހޭ މަޅީގަ" ކަމަށްވެ އެވެ.
ޑްރަގު ކެފޭއެއް ބަންދުކުރަން ފުރަތަމަ ފަހަަރަށް ކޯޓު އަމުރެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ