ބޭރަށް ފުރާ ކޮންމެ މީހަކަށް 1000 ޑޮލަރު ދޭން ނުފެށުނީ ހަނގުރާމައާއި ހެދި - ރައީސް

ކުރިން އިއުލާންކޮށްފައި އޮތްގޮތައް ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް ބޭންކް ރޭޓްގައި 1000 ޑޮލަރު ނުދެވުނީ މެދުއިރުމަތީގައި ފެށުނު ހަނގުރާމައިގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
2025 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރުގައި ދެގުނަކޮށް، އެ އަދަދު 1,000 ޑޮލަރަށް އިތުރުކުރެވިގެންދާނެ ކަމަށެވެ.
ނަމަވެސް މިއަހަރުގެ ފުރަތަމަ ކުއަރޓަރު ނިމުނުއިރުވެސް އެއަރޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު ދެގުނަކޮށް، އެ އަދަދު 1,000 ޑޮލަރަށް ބޮޑުނުކުރާތީ މިއަދު ނޫސްވެރިޔަކު ވަނީ ރައީސް މުއިއްޒާއި ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ފުރާ ކޮންމެ ދިވެއްސަކަށް 1000 ޑޮލަރު ދޭން އެދުވަހު އިއުލާން ކުރެއްވި ނަމަވެސް އެގޮތައް އެކަން ނުކުރެވުނީ ފެބްރުއަރީ 28 ވަނަ ދުވަހު މެދުއިރުމަތީގައި ފެށުނު ހަނގުރާމައިގެ ސަބަބުން ކަމަށެވެ. ނަމަވެސް 1000 ޑޮލަރު ފުރާ ދިވެހިންނަށް ދެވޭނެ ދުވަހެއް ބެލުމަށް އެމްއެމްއޭ އިން މިހާރު ހިސާބު ޖައްސަވަމުން ގެންދަވާ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.
"2025 ވަނަ އަހަރު އެހައި ސާފުކޮށް އެކަން އިއުލާންކުރިއިރަކު ނޭނގޭ 2026 ވަނަ އަހަރުގެ ފެބުރުވަރީ 28 ގައި މެދުއިރުމަތީގައި ހަނގުރާމައެއް ފެށޭނެ ކަމެއް. ހަނގުރާމައާ ގުޅިގެން އެމްއެމްއޭ އިން މިހާރު ހިސާބު ހައްދަވާފައި އެ ބޭފުޅުން އެބައްލަވަނީ ދެން އެންމެ އަވަހަށް ކިހާ އަވަހަކަށްތޯ އެކަން ކުރެވޭނީ." ރައީސް ވިދާޅުވިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން މިއަދަށް ހަމަވާ 50 މިލިއަން ޑޮލަރުގެ ލޯނު މިއަދު ހެނދުނު ދައްކަވާފައިވާ ކަމަށް ވެސް މިއަދު ރައީސް ވިދާޅުވިއެވެ. އެއީ އިންޑިއާއިން ނަގާފައިވާ ލޯނެކެވެ. އިބޫގެ ވެރިކަމުގައި ތިން ފަހަރެއްގެ މަތިން އިންޑިއާ އިން 50 މިލިއަން ޑޮލަރުގެ ލޯން (ޖުމްލަ 150 މިލިއަން ޑޮލަރު) ނަގާފައި ވެއެވެ.
ރައީސް މުއިއްޒު މިއަދު ވިދާޅުވީ އިބޫގެ ސަރުކާރުން އައީ އެލޯން އަނބުރާ ނުދައްކާ ރޯލްއޯވަރ ކުރަމުން ކަމަށެވެ. އެކަމަކު މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު އޭގެ ތެރެއިން އެއް 50 މިލިއަން ޑޮލަރު ވަނީ ޖެނުއަރީ 7، 2024 ގައި އިންޑިއާއަށް ދައްކާފައި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ބާކީ ދައްކަން އޮތް ބައި ރޯލްއޯވާ ކުރަމުން އައުމަށްފަހު އޭގެ އެއް ޕޭމަންޓް މިއަދު ދައްކާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވެ އެވެ. އެހެންކަމުން މިހާރު ދައްކަން އޮތީ އޭގެ ތެރެއިން 50 މިލިއަން ޑޮލަރެވެ. އެ ފައިސާ ވެސް އަންނަ ސެޕްޓެމްބަރު 17 ގައި ދައްކާނެ ކަމަށް ރައީސް މުއިއްޒު މިއަދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ