އެޗުއާރްސީއެމްއިން ކޮންމެ އަހަރަކު ނެރޭ އަހަރީ ރިޕޯޓަކީ، ޤާނޫނުތަކާއި ޤަވާއިދުތަކާއި ބައިނަލްއަޤުވާމީ މުޢާހަދާތަކުގެ އަލީގައި އެކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރެވޭ މިންވަރު ވަޒަންކުރުމަށް އެކުލަވާލާ ރިޕޯޓެއްކަމަށާއި އެއީ ތަހުގީގީ ރިޕޯޓެއް ނޫންކަމަށް އެޗްއާރްސީއެމުން ވިދާޅުވެއްޖެއެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެކޮމިޝަނުން ތައްޔާރުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު އާންމުކުރައްވާފައެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ވިދާޅުވީ އެކޮމިޝަނުގެ ދަށުން އުފައްދާފައިވާ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ މައިގަނޑު 4 މަޤްސަދު އޮންނައިރު އޭގެ ތެރެއިން އެންމެ މުހިއްމު މަޤްސަދަކީ މިނިވަންކަން ގެއްލޭގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާއި މީހުންނާއި، މީހުން ބަންދުކޮށްފައި ތިބޭ ތަންތަނަށް ޒިޔާރަތްކޮށް އެތަންތަނުގެ ޙާލަތު ވަޒަންކުރުމެވެ. އެގޮތުން އެފަދަ ތަންތަނުގައި ތިބޭ މީހުންނާމެދު ޢަމަލުކުރަމުންދާގޮތް ދެނެގަތުމާއި ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަދި އިންސާނީ ކަރާމާތް ގެއްލޭ އަދަބު ދިނުމާއި ދަށު ދަރަޖައިގެ ޢަމަލެއް ހިންގާތޯ ނުވަތަ އެފަދަ ކަމަކަށް މަގުފަހިވެދާނެ ކަމެއް ހިނގާތޯ ބެލުންކަމަށެވެ. އަދި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކާއި އެހެން މުވައްޒަފުން ބަންދުގައި ތިބޭ މީހުންނާ މެދު ޢަމަލުކުރަނީ ޤާނޫނުތަކާއި ގަވާއިދުތަކުގެ މަތިން އަދި ބައިނަލްއަޤުވާމީ މުޢާޙަދާތަކުގައި ބަޔާންކުރާގޮތަށްކަން ކަށަވަރުކުރުމެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޗްއާރްސީއެމްގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ ޑިރެކްޓަރ ޖެނެރަލް އަމީރާ ނަޢީމް ވިދާޅުވީ، އެޗްއާރްސީއެމްގެ ދަށުން ބަންދުގައި މީހުން ތިބޭ ތަންތަން ބެލުމާއި ރިޕޯޓު އެކުލަވާލުމުގެ މަސައްކަތް ކުރަނީ ތަޙުގީގަކަށް ނޫންކަމަށެވެ.
"އަޅުގަނޑުމެންނަށް މަތިކޮށްފައި އޮންނަނީ މިނިވަންކަން ގެއްލޭގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ތަންތަނުގެ ޙާލަތު ދެނެގަނެ އެތަންތަނާއި ގުޅޭގޮތުން ރިޕޯޓު އެކުލަވާލާ، ކަމާ ގުޅުންހުރި ފަރާތްތަކަށް ރަނގަޅުކުރަން ފެންނަ ކަންކަން ރިކޮމެންޑޭޝަންގޮތަށް ރިޕޯޓެއްހެން ހުށައަޅަނީ. އަޅުގަނޑުމެން އެކުލަވާލާ ރިޕޯޓަކީ ތަޙުގީގީ ބޭނުމަށް ތައްޔާރުކުރާ ރިޕޯޓެއް ނޫން." އަމީރާ ވިދާޅުވިއެވެ.
އެކި ސަބަބުތަކަށްޓަކައި ދައުލަތުގެ ބެލުމުގެ ދަށުގައި، މިނިވަންކަން ގެއްލޭގޮތަށް މީހުން ބައިތިއްބާ މަރުކަޒުތަކާއި ޖަލު ފަދަ ތަންތަނަށްކުރާ ޒިޔާރަތްތަކުގައި މަޢުލޫމާތު އެއްކުރުމަށް އިންޓަރވިއުކުރުމާއި، އޮބްޒަވޭޝަން ހެދުމާއި އެއަށް ބިނާކޮށް ރިޕޯޓު ހެދުމުގެ ބާރުވަނީ ކޮމިޝަނަށް ލިބިދީފައެވެ. އެފަދަ ތަންތަނުގައި ތިބޭ ފަރާތްތަކަށް ފޯރުކޮށްދޭ ފަރުވާއާއި، އަނބުރާ މުޖުތަމަޢަށް ނެރުމަށް ކުރާ މަސައްކަތުގައި ރަނގަޅުކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށައެޅުން ހުށައެޅުމާއި، ލަފާދީ ބިނާކުރަނިވި ބައްދަލުވުންތައް ބައްވާ، އިސްލާޙުކުރަންޖެހޭ ކަންކަމާއި ގުޅިގެން ސަރުކާރާއި ރައްޔިތުންގެ މަޖިލީހަށާއި ކަމާބެހޭ އެންމެހާ ފަރާތަކާއި ގުޅިގެން މަސއްކަތް ކުރުމަކީ އެކޮމިޝަނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތެކެވެ. މީގެއިތުރުން ރައްޔިތުން ހޭލުންތެރިކުރުވުމަށްޓަކައިވެސް ކޮމިޝަނުން މުހިއްމު މަސައްކަތްތަކެއް ކުރަންޖެހެއެވެ.
ކޮމިޝަންގެ ރިޕޯޓުތަކަކީ ތަޙުގީގީ ރިޕޯޓުތަކެއް ނޫން: އެޗުއާރްސީއެމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ