އޭޑީއެޗުޑީ ހުންނަ ކުދިންގެ ބޭހެއް މަނާ ޑްރަގު ލިސްޓުން އުނިކުރަނީ

އެޓެންޝަން ޑެފިސިޓް ހައިޕަރއެކްޓިވިޓީ ޑިސްއޯޑަރ ނުވަތަ އޭޑީއެޗްޑީ ހުންނަ ކުދިންނަށް ދޭ ބޭހެއް، ދިވެހިރާއްޖޭގައި ބޭނުންކުރުން މަނާ ބޭސްތަކުގެ ލިސްޓުން އުނިކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އޭޑީއެޗްޑީ ކުދިންނަށް ދޭ ބޭހެއް، މަނާ ބޭހުގެ ލިސްޓުން އުނިކުރުމަށް އެދި، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ވަނީ ލަފާ އަރުވާފައެވެ. މިއާއެކު، ކެބިނެޓްގެ މަޝްވަރާގެ މަތިން، މި މައްސަލައިގަ ގޮތެއް ނިންމުމަށް އެދި، ރައީސް މުއިއްޒު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ސިޓީ އެއް ފޮނުއްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ މި ސިޓީ އިއްވާ، މި މައްސަލަ މަޖިލީުގެ ތަޅުމަށް ހުށަހަޅުއްވާފައެވެ.
ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވަނީ، 'މިތައިލްފެނިޑޭޓް' އަކީ އޭޑީއެޗްޑީ ހުންނަ ކުދިންނަށް ފަސްޓްލައިން ޓްރީޓްމަންޓަކަށް ބޭނުން ކުރާ ބޭހެއް ކަމަށާއި، އެހެންނަމަވެސް އެ ބޭހަކީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު 1ގައި ލިސްޓުކޮށްފައިވާ މަނާ ޑްރަގުތަކުގެ ތެރޭގައި އެ ބޭސް ހިމެނޭ ބޭހެއް ކަމަށެވެ. އެހެންވެ، ކެބިނެޓުން ނިންމާފައިވާ ގޮތަށް، މަނާ ޑްރަގު ލިސްޓުން އެ ބޭސް އުނިކޮށްދިނުމަށް މަޖިލީހުން ރުހުން ދިނުމަށް އެދިވަޑައިގަންނަވާ ކަމުގައި އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ވާގޮތުން، އެ ގާނޫނުގެ ޖަދުވަލު 1ގައި ހިމެނޭ މަނާ ޑްރަގު ލިސްޓަށް އުނިއިތުރެއް ގެނެވޭނީ، ނޭޝަނަލް ޑްރަގު ކައުސިލުން ދޭ ލަފައާ އެކު، ވަޒީރުންގެ މަޖިލީހުން ގޮތެއް ނިންމުމަށް ފަހު، މަޖިލީހުގެ ރުހުމާ އެކު އެވެ. އަދި އެފަދަ މައްސަލައެއް މަޖިލީހަށް ހުށަހެޅިއްޖެނަމަ، އެމައްސަލައަކާއި މެދު 14 ދުވަސް ތެރޭގައި މަޖިލީހުން ގޮތެއް ނިންމަން ޖެހޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ