ކައުންސިލް ނުބާއްވަން އަންގައި، މައުމޫން ރާއްޖެއިން ބޭރަށް

ނުރަސްމީ ދަތުރުފުޅެއްގައި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މާދަމާ ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވާތީ، ކައުންސިލްގެ އެއްވެސް ބައްދަލުވުމެއް ނުބޭއްވުމަށް އަންގަވައިފި އެވެ.
ޕީޕީއެމްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ރައީސް މައުމޫން ރާއްޖެއިން ބޭރުގައި ހުންނަވާ ދުވަސްތަކުގައި ވެސް ޕާޓީގެ ހިންގުމުގެ ކަންކަން ގެންދަންވާނީ ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ. އަދި ޕާޓީގެ ރައީސް ރަށުގައި ވަޑައިގެން ނޫޅުއްވާ ދުވަސްތަކުގައި ކައުންސިލް ބައްދަލުވުމެއް ނުބޭއްވޭނެ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.
ރައީސް މައުމޫން އެނބުރި ވަޑައިގެން އަސާސީ ގަވައިދުގެ 28 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުގެ މަތިން ޕާޓީގެ ރައީސްގެ ރިޔާސަތުގެ ދަށުން ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޕީޕީއެމް ވަނީ ބުނެފަ އެވެ. ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ވެސް ބުނެފައި ވަނީ ޕާޓީގެ ކައުންސިލް ބައްދަލުުވުމެއްގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ޕާޓީގެ ރައީސް ކަމަށެވެ.
ޕީޕީއެމްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ޕާޓީގެ ރައީސް ޕާޓީ އިސްލާހުކުރެއްވުމަށް ފައްޓަވައިފާ މަސައްކަތުގެ ތެރެއިން ފުރަތަމަ ކަނޑައަޅާފައިވާ ޕާޓީގެ އެތެރޭގެ ނިޒާމްތައް އިސްލާހުކުރުމުގެ ބައިގެ ތެރެއިން މިހާރު ކުރަމުންދާ މަސައްކަތަކީ ޕާޓީގެ ސައްހަ މެންބަރުން ދެނެގަތުމާއި ޕާޓީގެ ސައްހަ ގޮފިތައް އަދި ގޮފިތަކުގެ މަގާމުތައް ކަށަވަރުކުރުމާއި ޕާޓީގެ ގުނަވަންތަކާއި ކޮމެޓީތަކުގެ ހާލަތު ދެނެގަނެ އެ ގުނަވަންތަކާއި ކޮމެޓީތަކަށް ދިމާވާ ފިއްތުންތަކަކީ ކޮބައިތޯ ބެލުން ކަމަށެވެ.
މީގެއިތުރުން މި މަސައްކަތް ކަނޑައެޅިފައިވާ ޓައިމްލައިން އާއި އެއްގޮތަށް ނިންމާލެވޭނެ ކަމަށް ދެކޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ޕީޕީއެމްގެ ރައީސް މައުމޫން، ސަރުކާރަށް ފާޑު ވިދާޅުވެ، އިސްލާހީ އެޖެންޑާއެއް އިއުލާން ކުރައްވައި މަޝްވަރާ މަޖިލީހެއް އުފެއްދެވީ ޕާޓީގެ ކައުންސިލާ މަޝްވަރާ ކުރުމެއް ނެތި ކަމަށް ވުމުން ޕާޓީގެ ކައުންސިލްގެ ގިނަ މެންބަރުން ވަނީ މައުމޫނާ މެދު ހިތްހަމަޖެހިވަޑައިނުގެންފަ އެވެ. ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ކައުންސިލްގެ މަޝްވަރާއެއް ނެތި އިސްލާހީ އެޖެންޑާއެއް އިއުލާނެއް ނުކުރެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ