ނަޝީދާއި ސޯލިހު ޕާޓީން ވަކިވެގެން ދިޔަ ނުދޭނަން: ފައްޔާޒު

ރިޔާސީ އިންތިހާބު ބޯމަތިވެފައި އޮއްވާ އެމްޑީޕީ ދެފަޅިވެގެން ދިޔަ ވަގުތު އެ މައްސަލަ ހައްލު ކުރުމަށް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެއްވުނު ކަމަށާއި ނަމަވެސް ދެން ކުރީގެ ރައީސް ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ޕާޓީން ވަކިވުމުގެ ފުރުސަތެއް ނުދެއްވާނެ ކަމަށް އޭރު އެމްޑީޕީގެ ޗެއާޕަސަންގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއިލް އިއްޔެ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފައްޔާޒު މިގޮތަށް ވިދާޅުވީ ނަޝީދުގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ފ. ބިލެތްދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ޕާޓީގެ މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ތަފްސީލު - އެ މެންބަރު ކުރި ސުވާލަކީ، ނަޝީދު އިންތިހާބުން ބަލިވެއްޖެ ނަމަ ޕާޓީގައި ދެމިހުންނާނެތޯ އެވެ. ސުވާލަށް ނަޝީދު ދެއްވި ޖަވާބަށް ފަހު، ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، އޭރު އެކަން ދިމާވާން ޖެހުނު ބައިވަރު ސަބަބުތައް އެބަހުރި ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލަށް ވަޑައިގަންނަވަން ބޭނުންނުވާކަން ފާހަގަކޮށް، ފައްޔާޒު ޔަގީންކަން ދެއްވީ ދެން އެފަދަ ކަމެއް ދިމާނުވާނެ ކަމަށެވެ.
"ރައީސް ނަޝީދު އެ ވިދާޅުވިހެން ރައީސް ނަޝީދަށް ޕާޓީ ރޫޅާނުލެވުނު. އެހެން ނަމަވެސް ޕާޓީ ވަރަށް ބޮޑަށް ނިކަމެތިވި. އެއީ ހަގީގަތަކީ. އަޅުގަނޑުމެންނަށް އަލުން އަނބުރާ ތެދުވެވޭނީ އަޅުގަނޑުމެން އެންމެން އެއްކޮށް ތިބެގެން،" ޕާޓީ ދެފަޅިވިއިރު އޭރުގެ ރައީސް ސޯލިހު އަރިހުގައި ކެބިނެޓްގެ އެންމެ ނުފޫޒު ގަދަ މިނިސްޓަރުގެ ގޮތުގައި ހުންނެވި ފައްޔާޒު ވިދާޅުވި އެވެ.
ސޯލިހާއި ނަޝީދާ ދެމެދު އޮތް ހިޔާލުތަފާތުވުން ބޮޑުވެގެންދިޔަ އިރު ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން އެންމެ އިސް އެކަކަށް ހުންނެވީ ފައްޔާޒެވެ. ނަމަވެސް އެ މައްސަލަ ހައްލުނުކުރެވި، ނަޝީދު ޕާޓީން ވަކިވެވަޑައިގެން އެމްޑީޕީއާ ދެކޮޅަށް ނުކުންނެވީ އެވެ.
ފައްޔާޒު ވިދާޅުވީ އޭރު އެ މައްސަލަ ހައްލު ކުރަން ކުރި މަސައްކަތް އެއަށްވުރެ ބާރުލާނުކުރެވުމަކީ ހެދުނު ގޯހެއްކަން ގަބޫލުކުރައްވާ ކަމަށެވެ.
"އަޅުގަނޑަކީ މިއަދު މި ޕާޓީ ތެރޭގައި ސިޔާސީ ގޮތުން ބަސްވިކޭ މީހެއް. އޭރު އަޅުގަނޑުގެ މިސްޓޭކަކީ، އޭރު އެ ދިމާވި ކަންތައްތަކުގައި އެއަށްވުރެ ބާރުލާ އަޅުގަނޑަށް ނުހިފުނު އެ ހައްލު ކުރަން،"  ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް ދައުވަތު ދެއްވައި ޕާޓީ އަލުން އެއްބައި ކުރަން އިސް ރޯލެއް އަދާ ކުރެއްވި ފައްޔާޒު ވިދާޅުވި އެވެ.
"އެކަމަކު މިހާރު މި ދަންނަވަނީ ޔަގީންކަމާ އެކު ރައީސް ނަޝީދަކަށް ވެސް ރައީސް ސޯލިހަކަށް ވެސް ދެނެއް މި ޕާޓީން ވަކިވެެގެން ދިޔަނުދޭނަން."
ނަޝީދު އޭރު އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވި އެވެ. ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުނު މައިގަނޑު އެއް ސަބަބަކީ އެއީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ