މުބާރާތެއްގެ ކާމިޔާބުކަން މިނެކިރާނީ އެ މުބާރާތުގެ ނަތީޖާ އާއި ކުޅޭ މެޗުތަކުން އެކަންޏެއް ނޫނެވެ. މުބާރާތާއި އެހެން ގައުމުތަކާ ގުޅިފައިވާ މިންވަރަކީ ވެސް މުހިންމު އެއްޗެކެވެ. އެ މުބާރާތެއް ބަލަން އެހެން ގައުމުތަކުން އެ ގައުމުތަކަށް ދާ މިންވަރާއި ކުރާ ހޭދަ އަކީ ވެސް މުހިންމު އެއްޗެކެވެ. ނަމަވެސް އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާގައި ހުކުރު ދުވަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކީ ތަފާތު މުބާރާތަކަށްވާނެ އެވެ. އެންމެ ބޮޑު ސަބަބަކީ އެމެރިކާއިން ގިނަ ގައުމުތަކާ ޖެހިގަތުމެވެ.
ވޯލްޑް ކަޕް ކުރިމަތީގައި އޮއްވައި އެމެރިކާއިން ހަނގުރާމަ ފެށީ އިރާނާ ދެކޮޅަށެވެ. އެންމެ ފުރަތަމަ ބޮން އަޅައި ގޮއްވާލި އެއްތަނަކީ އެ ގައުމުގެ މަޝްހޫރު އާޒާދީ ސްޓޭޑިއަމެވެ. މިއާއެކު އީރާނުގެ ފުޓްބޯޅަ ލީގު ހުއްޓުމަކަށް އައެވެ. ސްކޫލަތަކާއި އެނޫން ވެސް މަދަނީ އެތައްތަނެއް ވަނީ ހަލާކު ކޮށްލައިފަ އެވެ. މާޗު މަހުގެ 27 ވަނަ ދުވަހު ނައިޖީރިއާ ދެކޮޅަށް ނުކުތުމުގެ ކުރިން ގައުމީ ސަލާމް ކިޔަމުންދިޔައިރު އިރާނުން ސްކޫލް ދަބަސްތަކެއް ހިފައިގެން ތިބީ މިނާބު ސިޓީ އަށް ބޮންއަޅައި ކިޔަވާ ކުދިންގެ ސްކޫލްތައް ހަލާކުކޮށްލުމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.
ތަފާތު އެތައް މައްސަލަތަކާ ގުޅުވައި ވޯލްޑް ކަޕް ކުޅޭ 48 ގައުމުގެ ތެރެއިން އިރާނަކީ އެމެރިކާއިން ވިސާ ނުދޭ ލިސްޓުގައިވާ ގައުމެކެވެ. އަނެއް ގައުމަކީ ހައިޓީ އެވެ. މީގެ ތެރެއިން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް (އައިއާރުޖީސީ)ގައި އެއްވެސް ދުވަސްވަރަކު އުޅެފައިވާ މީހަކަށް ވިސާ ނުދޭން ވަނީ ނިންމާފަ އެވެ. މިހެންވެ އިރާނުގެ މީހުންނަށް ވޯލްޑް ކަޕަށް ބަލަން އެމެރިކާ އާއި ކެނެޑާ އަށް ދިއުމަކީ ފަސޭހަ ކަމެއް ނޫނެވެ. ވޯލްޑް ކަޕް ގުރުނެގުމުގެ ރަސްމިއްޔާތަށް އެމެރިކާ އަށް އަދި ފީފާ ކޮންގްރެކްސް އަށް ކެނެޑާ އަށް އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ވަޑައި ނުގެންނުވުނީ ވެސް މިހެންވެ އެވެ. އޭނާ އަކީ އައިއާރުޖީސީގެ ކުރީގެ މެމްބަރެކެވެ.
ދެން އޮތީ ވިސާ ދީފިނަމަ ވާނެ ގޮތެކެވެ. ބެލެވޭ ގޮތުގައި ވިސާ ދިނަސް އެމެރިކާ އަށް އިރާން މީހަކު ނުދާނެ އެވެ. ސަބަބަކީ އެމެރިކާ އާއި ކެނެޑާއަށް އެތެރެވާން އުފުލަންޖެހޭ ތަކުލީފު އެކަންޏެއް ނޫނެވެ. އެނބުރި ގައުމަށް އައުމުން ހައްޔަރު ކޮށްފާނެ ކަމުގެ ބިރު ވެސް ބޮޑީ އެވެ. އެއީ އިޒްރޭލަށް ޖާސޫސް ކޮށްދީފާނެ ކަމުގެ ތުހުމަތުގަ އެވެ. މިހެންވެ އިރާނުގެ މީހުންނަށް އެންމެ ސަލާމަތްކަން ބޮޑު ގޮތަކީ ކިތަންމެ ބޭނުންވިޔަސް ވޯލްޑް ކަޕް ހަމަލޮލުން ބަލަން ނުދިއުމެވެ.
އިރާނުގެ ފުޓްބޯޅަ ޓީމުގެ އެންމެ މަޝްހޫރު ކުޅުންތެރިއަކީ ފޯވަޑް ސަރްދާން އަޒްމޫނެވެ. އޭނާ ޓީމުން އުނިކުރީ ހަނގުރާމައިގައި ޔޫއޭއާއީ އިރާނުގެ ގުޅުން ގޯސްވެފައިވަނިކޮށް ޔޫއޭއީގެ އަމީރާއެކު ނަގާފައިވާ ފޮޓޯ އެއް ސޯޝަން މީޑިއާ އަށް ދޫކޮށްލުމުންނެވެ. މިހެންވެ ގައުމީ ސަލާމަތަށް އިރާނުން އިސްކަންދީފައިވާ މިންވަރު މިކަމުން އެކަނި ވެސް ދޭހަކޮށްދެ އެވެ.
ފީފާއިން ވަރަށް ބޮޑަށް ބާރު އެޅުމުން ވޯލްޑް ކަޕް ޓިކެޓެއް އޮތްނަމަ ތަންކޮޅެއް ސަހަލު ގޮތަކަށް އެމެރިކާގެ ދޮރާށިން އެތެރެވުމަށް މަގުފަހި ކޮށްދިނުމަށްޓަކައި އެމެރިކާއިން ވަނީ ފީފާ ޕްރިއޮރިޓީ އެޕޮއިންޓްމަންޓް ޝެޑިއުލިން ސިސްޓަމް (ޕާސް) ތައާރަފް ކޮށްފަ އެވެ. މީގެ ބޭނުމަކީ އިންޓަވިއުއާ ނުލައި ވިސާ ހަމަޖައްސައިދިނުމެވެ. އެކަމަކު މިއީ ވިސާ ލިބޭނެ ކަމުގެ ޔަގީން ކަމެއް ނޫނެވެ.
ބައެއް ގައުމުތަގެ މީހުން އެމެރިކާ އަށް އެތެރެވުމަށް ވިސާ އަށް އެދޭއިރު ފައިސާ ވެސް ދައްކަން ޖެހެ އެވެ. މި އަގު އުޅެނީ 185 ޑޮލަރާއި 435 ޑޮލަރާ ދެމެދުގަ އެވެ. މިވަރު ހަރަދުކޮށްގެން އެމެރިކާ އަށް އެތެރެވާއިރު އެ ގައުމުގެ ދަތުރުފަތުރާއި ހޮޓާހޮޓަލުގެ އަގުތަކާއި އާއްމު އެހެން ހިދުމަތްތަކުގެ އަގު ވެސް ވަނީ އަތްނުފޯރާ ފަށަށް އަރައިފަ އެވެ. އިރާން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގުބޮޑުވުމާ ވެސް އެކު 10 ޑޮލަރުން ކުރެވޭ ކާރު ނުވަތަ ބަސް ދަތުރުގެ އަގު މިހާރު ވަނީ 120 އާއި 140އާ ދެމެދުގަ އެވެ. މިހެންވެ އެމެރިކާ މީހުންގެ މެދުގައި ވެސް ވަނީ ރުޅިވެރިކަން އުފެދިފަ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕުގައި ގައުމުތަކަށް ހުޅުވާލެވިފައިވާ ހަމައެކަނި ގައުމަކީ މެކްސިކޯ އެވެ. ކެނެޑާ އާއި އެމެރިކާއިން ޖާގަ ނުދިނުމުން އިރާން ވެސް ކޭމްޕް ކުރަން ފުރުސަތު ދިނީ މެކްސިކޯ އެވެ. އެކަމަކު އެ ގައުމުގައި ކުޅެނީ 104 މެޗުގެ ތެރެއިން އެންމެ 13 މެޗު ކަމުން ވޯލްޑް ކަޕުގެ ހަގީގީ އުފާ ލިބުން ދުރެވެ.
ވިސާ ދިނަސް އިރާން މީހުން ވޯލްޑް ކަޕް ބަލަން އެމެރިކާ އަށް ނުދާނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ