ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުން ޚިދުމަތްދެނީ ރައްޔިތުންނަށެވެ. ރައްޔިތުންގެ ފައިސާ މެނޭޖްކޮށް، ދައުރުގެ ތެރޭގައި ރައްޔިތުންނާއި ގުޅުންހުރި މުހިއްމު އެތައް މަޝްރޫއެއްގެ މަސައްކަތް ސަރުކާރުގެ ވުޒާރާތަކުން ކުރެއެވެ. އެތަންތަނުން ރައްޔިތުންނަށްދެވޭ ޚިދުމަތްތަކުގެ މަޢުލޫމާތާއި، ވުޒާރާގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަންކަމަކީ އާންމު މަޢުލޫމާތުކަމަށާއި އެއީ ކޮންމެ ރައްޔިތަކަށްވެސް ފެންނާނެހެން ހުންނަންޖެހޭ މަޢުލޫމާތުކަމަށް "މަޢުލޫމާތު ހޯދާ ލިބިގަތުގެ ޙައްގުގެ ޤާނޫނު"ގައިވަނީ ބަޔާންކުރައްވާފައެވެ.
އެޤާނޫނު ވުޖޫދުވީފަހުން 12 އަހަރުގެ ތެރޭގައި މިމަޢުލޫމާތުތަކެއް ސަރުކާރުތަކުގެ އެއްވެސް ވުޒާރާއަކުން އަދާހަމަކޮށް، އާންމުކޮށްފައިނުވެއެވެ. ޤާނޫނުގައި ވަކިކަމެއް ކުރުމަށް ލާޒިމުކުރުމުން އެކަމަށް އިޙްތިރާމުކޮށް އެކަންކުރުމަކީ ސަރުކާރުން ރައްޔިތުންނަށް ދައްކައިދޭންޖެހޭ ނަމޫނާއެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގައި، ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމަށް 13 މައުލޫމާތެއް ހާމަކުރަންޖެހޭކަމަށްވަނީ ބަޔާންކޮށްފައެވެ. އެގޮތުން މިމައުލޫމާތު ހާމަކުރަން ޖެހެނީ، ހަމައެކަނި އެކަންކަމަށް އެކަނި ހަނިނުވާނެ ގޮތުގެމަތިން، ރައްޔިތުންގެ މަސްލަހަތަށްޓަކައި، މަދުވެގެން އަހަރަކު އެއްފަހަރު، ނުވަތަ ދައުލަތުގެ އެ އިދާރާއަކުން ކަނޑައަޅާ އެއަށްވުރެ އަވަސް މުއްދަތެއްގައެވެ. އަދި ރައްޔިތުންނަށް ފަސޭހައިން ލިބިދެވޭނެ ގޮތެއް، ދައުލަތުގެ ކޮންމެ އިދާރާއަކުންވެސް އަމިއްލަ އިސްނެގުމުގެ މަތިން މިމައުލޫމާތު ޝާޢިއުކުރަން ޖެހޭނެކަމަށް އެޤާނޫނުގައިވަނީ ބަޔާންކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ 16 ވުޒާރާއަކުން ޤާނޫނުގައި ބަޔާންކުރާ މަޢުލޫމާތު މިހާރު އާންމުކޮށްފައިވާކަމަށެވެ. އިސް ތަރުޖަމާނު ވިދާޅުވީ ރައްޔިތުންނާ ގުޅުންހުރި މަޢުލޫމާތު ހާމަކުރެއްވުމަކީ އެކަމުގައި ސަރުކާރުން އެއްވެސް ހުރަހެއް އަޅުއްވާނެކަމެއް ނޫންކަމަށެވެ. އަދި ވީހާވެސް ބޮޑަކަށް މަޢުލޫމާތު ހާމަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދުދެއްވާކަމަށް ވިދާޅުވިއެވެ.
އެގޮތުން ސަރުކާރުގެ އެންމެ އިސްވެރިޔާގެ ޙައިސިއްޔަތުން ރައްޔިތުންނާ ގާތަށް ވަޑައިގެން އެއްވެސް ހުރަހެއްނެތި ރައްޔިތުންގެ ޝަކުވާއާއި ކަންބޮޑުވުން އަޑުއައްސަވާ، ރައީސުލްޖުމްހޫރިއްޔާ، އެކަންކަމަށް ޖަވާބުދާރީވަމުންގެންދެވިކަން ފާހަގަކުރެއްވިއެވެ. އަދި އެކި ނަންނަމުގައި ޕޮޑްކާސްޓުތަކާއި، އިންޓަރވިއުތައް އެމަނިކުފާނު ދެއްވާކަން ތަރުޖަމާނުވަނީ ފާހަގަކުރައްވާފައެވެ.
ސަރުކާރުން މަޢުލޫމާތު ހާމަކުރެއްވުމަށް ކޮންމެ ހަފުތާއަކު ބާއްވަވަމުންގެންދަވާ ވަޒީރުންގެ ފޯރަމްތަކާއި، ނޫސްވެރިންގެ ބައްދަލުވުންތަކާއެކުވެސް ވުޒާރާތަކުގެ މަސައކަތްތަކާ ގުޅޭ މަޢުލޫމާތު ހާމަކުރަމުންދާކަން ސަރުކާރުން ފާހަގަކުރައްވައެވެ. ތަރުޖަމާނު ވިދާޅުވީ، ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ މަޢުލޫމާތާއި މީހުންގެ ޒާތީ މަޢުލޫމާތު ފިޔަވައި އެހެން ހުރިހާ މަޢުލޫމާތެއް ހާމަކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމެއްކަމަށެވެ.
2008 ވަނަ އަހަރު ޢަމަލުކުރަންފެށި ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އެންމެ މުހިއްމު އެއްކަމަކީ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ސަރުކާރު ހިންގުމަށް ލިބިދިން ބާރެވެ. އެއީ ސަރުކާރުގެ އިދާރާތަކުގައި ހުންނަ މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ތިލަކުރުމަށް އޮންނަ ބާރެވެ. އަމިއްލަ އީޚްތިޔާރުގައި ހާމަކުރަންޖެހޭ މަޢުލޫމާތު މީގެކުރިން ހާމަކޮށްފައިނުވާއިރު، ޤާނޫނުގެ ދަށުން އާރްޓީއައި ހުށައަޅައިގެން މަޢުލޫމާތު ހޯދުމުގައިވެސް އެތައް ހުރަހެއް ކުރިމަތިވާކަމުގެ ކަންބޮޑުވުން އޮވެއެވެ.
އިންފޮމޭޝަން ކޮމިޝަނަރު ފަހަގަކުރެއްވި ފަދައިން މިއީ ފެށުމެކެވެ. މިކަން މިގޮތުގައި ދެމެހެއްޓުމަށް ބަރު އަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާއިރު ރާއްޖޭގައި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ސަރުކާރުގެ ހިންގުމަށް ހެޔޮ ބަދަލެއް އައުމުގެ އުއްމީދުމިވަނީ އައުވެފައެވެ.
ހާމަކުރުން ލާޒިމު 13 ބާވަތުގެ މަޢުލޫމާތު ހާމަކުރުމަށް 12 އަހަރު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ