ބޮޑު ބަދަލުގެ އެންމެ މުހިންމު ފިޔަވަޅަކީ މި ސަރުކާރު ބަދަލުކުރުން: ޝިފާޒް

މި ބޮޑު ބަދަލުގެ އެންމެ މުހިންމު ފިޔަވަޅަކީ މި ސަރުކާރު ބަދަލުކުރުން ކަމަށާއި އެކަމަށް 12 ވަނަ ދުވަހުން ފެށިގެން ނިކުންނާނެ ކަމަށް އެމްޑީޕީގެ ކުރީގެ ނައިބުރައީސް އަހުމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ހުންނެވީ ނ. އަތޮޅުގަ އެވެ.
ނ. ވެލިދޫ ޖަލްސާގައި ޝިފާޒް ވިދާޅުވީ ކަމަކަށް އެދި ރައީސް ނަޝީދު ނިކުންނެވީމާ، އެކަމަށް ރައްޔިތުން އާބަސް ބުނާނެ ކަން ރައްޔިތުން ދަނީ ސާބިތު ކުރަމުން ކަމަށެވެ. މި މަސައްކަތް ފެށިގެން އައީ ފައްޔާޒްގެ ހިޔާލާއިއެކުގައި ކަމަަށް ޝިފާޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމްޑީޕީން ކަމެއް ކުރަން އުޅެގެން އެކަން ކާމިޔާބު ވާނެ ކަމަށެވެ.
ޝިފާޒް ވިދާޅުވީ މި ބޮޑު ބަދަލުގެ އެންމެ މުހިންމު ފިޔަވަޅަކީ މި ވެރިކަން ބަދަލުކުރުން ކަމަށާއި އެ މަސައްކަތް ފަށާނެ ދުވަހަކީ 12 ވަނަ ދުވަސް ކަމަށެވެ.
“އަޅުގަނޑުމެން މުއިއްޒު ފަހާ ދުއްވައިގަންނާނެ ދުވަހަކީ 13 ވަނަ ދުވަސް. މި ވެރިކަން އަޅުގަނޑުމެން ބަދަލު ކުރާނަން”
ޝިފާޒް ވަނީ އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމުގައި ކަންކަން ހިނގަމުން އައިގޮތް ފާހަގަކުރައްވާފައެވެ. އެގޮތުން އެ ވެރިކަމުގައި ރައޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ކޮށްދެއްވި ކަމަަށް ވިދާޅުވިއެވެ. އަދި އޭރު އެމްޑީޕީގެ ސަރުކާރުން ދުވަސްވީ މީހުންނަށް ދިން އިނާޔަތާއި، ކިޔަވާ ކުދިންނަށް ފޮތް ފަންސޫރާއި، އަދި ހިލޭ ބޭސް ފަރުވާ ވެސް ގެނެސްދިން ކަމަށެވެ.
އޭރު އެކަން އެގޮތަށް އެމްޑީޕީން ކޮށްދިންއިރު، މިއަދު އއކަމުގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބެމުންދާ ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން އެންމެ ކުޑަ އިނާޔަތްވެސް ކަނޑާލާ ކަމަށާއި އެކަމަށް ވަކާލާތު ކުރާ މުވައްޒަފުވެސް ކަނޑާލާ ކަމަށް ޝިފާޒް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ