ހިމަބިހި ކޭސްތައް އިތުރުވެ، އައިޖީއެމްއެޗުގައި ހެލްޕު ޑެސްކެއް ގާއިމްކޮށްފި

ރާއްޖޭން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ހިމަބިހި ޖެހިފައިވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ހުމާއި ރަތްބިހީގެ އަލާމާތެއް ހުރި ނަމަ، އެހީތެރިކަން ފޯރުކޮށްދިނުމަށް އައިޖީއެމްއެޗުގައި ހެލްޕު ޑެސްކެއް ގާއިމުކޮށްފި އެވެ. 
އައިޖީއެމްއެޗުން ބުނީ މިދުވަސްވަރު ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާތީ ހުމާއި އެކު ރަތްކުލައިގެ ބިހީގެ އަލާމާތެއް ހުރި މީހުންނަށް ބޭނުންވާ އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޮޑެތި މީހުންގެ ކުއްލި ފަރުވާދޭ ބައި (މެއިން އީއާރު) ގެ އެމްބިއުލާންސް ޕޯޓިކޯ ކައިރީގައި ހެލްޕު ޑެސްކެއް ގާއިމުކޮށްފައިވާ ކަމަށެވެ. 
އައިޖީއެމްއެޗުން ބުނީ ކުޑަކުދިންނާއި މާބަނޑު މީހުން ހިމެނޭ ގޮތަށް އެއްވެސް މީހެއްގެ ކިބައިން ހުމާއި ރަތްކުލައިގެ ބިހި ނެގުން ފަދަ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ، ޑޮކްޓަރަށް ދެއްކުމަށް ހެލްޕް ޑެސްކަށް ރިޕޯޓުކުރުމަށް އެދޭ ކަމަށެވެ. އޭރުން ކުރިއަށްދާންވީ ގޮތުގެ އިރުޝާދު ލިބޭނެ ކަމަށް ބުންޏެވެ. 
އެތަނުން ހެނދުނު 8:00 އިން ރޭގަނޑު 11:00 އާ ހަމައަށް އެހީތެރިކަން ލިބޭނެ އެވެ. އެފަދަ ބަލި މީހުން އެ ގަޑީގެ ފަހުން ފަރުވާ ބޭނުން ނަމަ، މެއިން އިމަޖަންސީ ރޫމްގެ ޓްރިއަޖްގެ ނަރުހުންނަށް އެކަން އެންގުމަށް އެދިފައިވެ އެވެ. އަދި ކުޑަކުދިންގެ ފަރާތުން ބަލީގެ އަލާމާތް ފެނިއްޖެ ނަމަ، ކުޑަކުދިންގެ އިމަޖަންސީ ރޫމްގެ ޓްރިއަޖް ނަރުހުންނަށް އެކަން އެންގުމަށް ހޮސްޕިޓަލުން އެދެ އެވެ. 
ބަލި ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން، ހުން އައިސް ރަތްބިހި ނަގާފައިވާ ބަލި މީހުން ހޮސްޕިޓަލަށް ދާއިރު މާސްކް އެޅުމަށް އިރުޝާދިނުމަށާއި ބަލި މީހާއާ އެކު އެހީތެރިންގެ ގޮތުގައި ވީހާވެސް މަދު ބަޔަކު ހޮސްޕިޓަލަށް ދިއުމަށް އެ ހޮސްޕިޓަލުން އިލްތިމާސްކުރެ އެވެ. 
ރާއްޖެއިން ހިމަބިހި ނައްތާލާފައިވަނިކޮށް އެ ބަލި ޖެހިފައިވާ ދެ މީހަކު ފެނިފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައި ވަނީ މިމަހުގެ 13 ގަ އެވެ. އެކަމާ ގުޅިގެން އާއްމުކޮށް އަމަލުކުރާ އުސޫލުތަކުގެ މަތިން ކޭސް އިންވެސްޓިގޭޝަން ހަދައި، ކޮންޓެކްޓުން ދެނެގަތުމާއި ކޮންޓެކްޓުންނަށް ވެކްސިން ދޭން ފަށާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފައިވެ އެވެ. 
މި ދުވަސްވަރު ދުނިޔޭގެ އެކި ކަންކޮޅުތަކާއި އަވަށްޓެރި ގައުމުތަކުގައި ވެސް އެ ބަލި ފެތުރޭ މިންވަރު އިތުރުވެފައިވެ އެވެ. 
The most trusted news source in the Maldives
ރާއްޖެއިން ހިމަބިހި ނައްތާލީ 2018 ވަނަ އަހަރުގަ އެވެ. އެކަމަކު އޭގެ ފަހުން، ވެސް ރާއްޖެ އިން ހިމަބިހީގެ ކޭސްތަކެއް ފެނިފައިވެ އެވެ. އެގޮތުން 2020 ވަނަ އަހަރާއި 2023 ގެ ތެރޭގައި ވެސް އައްޑޫއިން ކުޑަކުއްޖަކު އެ ބައްޔަށް ޕޮޒިިޓިވްވި އެވެ. 
އެ ބަލިން ރައްކާތެރިވާން ރާއްޖޭގައި ދެ ޑޯޒުގެ ވެކްސިން ޖަހަ އެވެ. ފުރަތަމަ ޑޯޒް ނުވަ މަހުގައި އަދި ދެވަނަ ޑޯޒު ޖަހަން ޖެހެނީ ކުއްޖާއަށް ދޮޅު އަހަރުގަ އެވެ.
ހިމަބިހީގައި، އާއްމު ބަލިތަކުގައި ވެސް ފެންނަ އަލާމާތްތައް ހުއްޓަސް، އެ ހާލަތު ސީރިއަސްވެ، މީހާގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮވެ އެވެ. އޭގެ ތެރޭގައި ނިއުމޯނިޔާ ޖެހުމާއި ލޮލުގެ ފެނުމަށް އަސަރުކުރުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ