ހަނގުރާމައާއި ގުޅިގެން މެދުކަނޑާލި އެމިރޭޓްސްގެ ދަތުރުތައް އަލުން ފަށައިފި

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރަމުންދިޔަ ޝެޑިއުލް ދަތުރުތައް ހަތަރު މަސްދުވަހަށް މެދުކަނޑާލާފައި އޮތުމަށްފަހު، އެމިރޭޓްސް އިން އަލުން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.
ކޮންމެ ދުވަހަކު ބާއްވާ މި ދަތުރުތަކުގައި ބޭނުންކުރަނީ ބޯއިން 777 މަރުކާގެ ބޯޓުތަކެވެ. މި ފްލައިޓް މާލެއަށް ޖެއްސުމަށްފަހު ދެން ދަތުރުކުރާނީ ކޮލަމްބޯއަށެވެ. އަދި އެނބުރި ދުބާއީއަށް ކުރާ ދަތުރު EK653 ވެސް ކުރިއަށްދާނީ ކޮލަމްބޯއިން މާލެއަށް ޖެއްސުމަށްފަހުއެވެ.
އެމިރޭޓްސް އަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ގެންނަ އެއް އެއާލައިން ކަމަށްވާއިރު، މި ދަތުރުތައް އަލުން ފެށުމަކީ މެދުއިރުމައްޗާއި ޔޫރަޕް އަދި އެމެރިކާ ފަދަ ސަރަހައްދުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ކަނެކްޓިވިޓީ އިތުރަށް ފުޅާވެގެންދާނެ ކަމެކެވެ. ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުން ގަބޫލުކުރާ ގޮތުގައި މިއީ ދެ ގައުމުގެ ދެމެދުގައި އޮންނަ ފަތުރުވެރިކަމާއި ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމެކެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ވައިގެ ސަރަހައްދުތައް ބަންދުކުރުމުން މުޅި އެ ސަރަހައްދުގެ އެއާޕޯޓުތަކުން 30,000 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކުރަން ޖެހުނެވެ. މީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށްވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. ސަބަބަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ގާތްގަނޑަކަށް 30 އިންސައްތަ އަކީ މެދުއިރުމަތީގެ މަގުން ދަތުރުކުރާ ފަރާތްތަކަށް ވުމެވެ.
އެމިރޭޓްސްއިން މިހާރު ދަނީ އެ އެއާލައިންގެ ވިއުގަ އަލުން ބިނާކުރަމުންނެވެ. އެގޮތުން މާޗް މަހުގެ މެދަކާ ހަމައަށް 110 އަށްވުރެ ގިނަ މަންޒިލްތަކަށް ދަތުރުތައް ވަނީ ފަށާފައެވެ. ނަމަވެސް، މިހާރު ދަތުރުތައް ކުރަމުންދަނީ ކުރިން ބޭނުންކުރި ވައިގެ މަގުތަކުގެ ބަދަލުގައި، ރައްކާތެރިކަން ކަށަވަރުކޮށްފައިވާ އާ މަގުތަކެއްގައެވެ.
ހަނގުރާމައިގެ ސަބަބުން އެމިރޭޓްސްގެ އިތުރުން ގަތަރު އެއާވޭސް އަދި އިއްތިހާދު އެއާވޭސްއަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބި، ގިނަ ދަތުރުތަކެއް ކެންސަލްކުރަން ޖެހުނެވެ. އެހެންނަމަވެސް، ސަރުކާރާއި ދާއިރާގެ ހިއްސާދާރުން ގުޅިގެން ކުރި މަސައްކަތުން މިހާރު ގިނަ އެއާލައިންތަކެއްގެ ދަތުރުތައް ވަނީ އަލުން ފަށާފައެވެ. އެމިރޭޓްސްއިން ރާއްޖެއާއި ލަންކާއަށް ހިދުމަތް ދޭތާ މިހާރު ތިރީސް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ