600 މީހަކަށް އެބޯލާ ޖެހި، 139 މީހުން މަރުވެއްޖެ

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާއި ޔުގެންޑާގައި ހަލުވިކަމާ އެކު ފެތުރެމުންދާ އެބޯލާ ބަލީގެ ނުރައްކާ އިތުރުވެ، ބަލިޖެހިފައިވާ ކަމަށް ބެލެވޭ މީހުންގެ އަދަދު 600އަށް އަރައި އޭގެ ތެރެއިން 139 މީހުން މަރުވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗުއޯ) އިން އިއްޔެ ބުނެފި އެވެ.
ޑަބްލިއުއެޗުއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔޭސަސް ވިދާޅުވި ގޮތުގައި، މި ބަލިމަޑުކަމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ސަމާލުކަންދޭންޖެހޭ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެކެވެ. ނަމަވެސް، މިއީ މުޅި ދުނިޔެއަށް ފެތުރިދާނެ ފަދަ ބަލިމަޑުކަމެއްގެ ނުރައްކަލެއްގެ މިންގަނޑަށް އަދި ފެތޭ ހާލަތެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓެޑްރޯސް ވިދާޅުވީ، މި ބަލިމަޑުކަން ގައުމީ އަދި ސަރަހައްދީ ފެންވަރުގައި ފެތުރުމުގެ ފުރުސަތު ބޮޑު ނަމަވެސް، ދުނިޔޭގެ ނިސްބަތުން މި ބަލީގެ ނުރައްކާ އޮތީ ކުޑަ މިންވަރެއްގައި ކަމަށް ޑަބްލިއުއެޗުއޯ އިން އަންދާޒާކުރާ ކަމަށެވެ.
އެބޯލާގެ 'ބުންޑިބުގްޔޯ' ވައްތަރުގެ ސަބަބުން ފެތުރޭ މި ބަލިމަޑުކަން މިހާރު ވަނީ ކޮންގޯގެ އިޓޫރީ އަދި ނޯތު ކީވޫ ޕްރޮވިންސްތަކަށް ފެތުރިފަ އެވެ. އޭގެ ތެރެއިން 51 ކޭސްއެއް ލެބޯޓްރީ ތަހުލީލުތަކުން ވަނީ ކަށަވަރުކުރެވިފަ އެވެ. މީގެ އިތުރުން ޔުގެންޑާގެ ކަމްޕާލާއިން ވެސް ދެ މީހަކަށް މި ބަލި ޖެހިފައިވާކަން ކަށަވަރުވެފައިވާއިރު، އޭގެ ތެރޭގައި ކޮންގޯއިން ދަތުރުކުރި މީހަކު މަރުވުން ވެސް ހިމެނެ އެވެ.
ޑަބްލިއުއެޗުއޯގެ އެމަޖެންސީ ޗީފް ޗިކްވޭ އިހެކްވީޒޫ ވިދާޅުވީ، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ބަލި ފެތުރެމުންދާ ހުރިހާ މަގުތަކެއް ދެނެގަނެ، އެކަން ހުއްޓުވުމަށް ކަމަށެވެ.
ސިއްހީ މާހިރުން ގަބޫލުކުރާ ގޮތުގައި މި ބަލިމަޑުކަން ފެށިފައިވަނީ މީގެ މަސްތަކެއް ކުރިންނެވެ. ބަލީގައި މަރުވި ކަމަށް ބެލެވޭ ފުރަތަމަ މީހާ ރިޕޯޓްކޮށްފައިވަނީ މިދިޔަ މަހުގެ 20ގަ އެވެ. ތަހުގީގު ކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި، ބަލި ގިނަ ބަޔަކަށް ފެތުރުމަށް މެދުވެރިވީ ޖަނާޒާއެއްގެ ތެރެއިން ނުވަތަ ސިއްހީ ހިދުމަތްދޭ މަރުކަޒެއްގެ ތެރެއިންނެވެ.
ޑަބްލިއުއެޗުއޯ އިން ފާހަގަކުރި ގޮތުގައި، އެބޯލާގެ މި ވައްތަރަށް ފަރުވާ ދިނުމަށް މިހާތަނަށް އެއްވެސް ވެކްސިނެއް ނުވަތަ ރަސްމީ ފަރުވާއެއް ނެތެވެ.
ކޮންގޯގައި މަސައްކަތްކުރި މެޑިކަލް މިޝަނަރީއަކަށް މި ބަލި ޖެހުމާ ގުޅިގެން، އިތުރު ފަރުވާއަށް އޭނާ މިހާރު ދަނީ ޖަރުމަނަށް ބަދަލުކުރެވެމުންނެވެ. ނަމަވެސް، ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ޔޫރަޕްގެ ގައުމުތަކުގައި މި ބަލި ފެތުރުމުގެ ފުރުސަތު އޮތީ ވަރަށް ކުޑަ މިންވަރެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ