2024ގައި ހަދިޔާކުރި 7.6 މިލިއަން ޑޮލަރުގެ ޑައިވިން ސާމާނުން އޮޕަރޭޝަނަށް ފަސޭހަވިކަމަށް އުންމީދުކުރަން: ޖަޕާން
ކަނޑުމަތީގެ ނުރައްކާތެރި އޮޕަރޭޝަނެއްގެ ތެރޭގައި އެމްއެންޑީއެފްގެ ސިފައިންގެ ބޭކަލަކު ނިޔާވި ހާދިސާއާ ގުޅިގެން، ޖަޕާނުން ރާއްޖެއަށް ހަދިޔާކުރި ޑައިވިން ސާމާނުގެ ބޭނުން މިފަދަ އޮޕަރޭޝަންތަކުގައި ހިފަމުންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ އިއްޔެ ވިދާޅުވެއްޖެއެވެ. ސަފީރު އިޝިގާމީ އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2024 ވަނަ އަހަރު ޖަޕާން ސަރުކާރުން ރާއްޖޭގެ ކޯސްޓުގާޑަށް ހަދިޔާކުރި 7.6 މިލިއަން ޑޮލަރުގެ ޑައިވިން ސާމާނުގެ ސަބަބުން، މިހާރު ކުރިއަށްދާ އޮޕަރޭޝަންތަކަށް ފަސޭހަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. ޑިސެމްބަރު 17، 2024 ގައި ޖަޕާނުން ހަދިޔާކުރި މި އެހީގެ ތެރޭގައި، ޑައިވް ކުރުމުގެ ތެރޭގައި ދިމާވާ "ޑިކޮމްޕްރެޝަން ސިކްނެސް" ނުވަތަ ބެންޑުވުމުގެ ހާލަތްތަކުގައި އަވަސް ފަރުވާ ދިނުމަށް ބޭނުންކުރާ ޕޯޓަބަލް ރިޕްރެޝަން ޗެމްބަރާއި، ޒަމާނީ އެހެނިހެން ޑައިވިން އިކުއިޕްމަންޓްތައް ހިމެނެއެވެ. މި ތަކެތި ސިފައިންނާ ހަވާލުކޮށްދެއްވީ އޭރުގެ ސަފީރު ޓަކެއުޗީ މިޑޯރީއެވެ. މި ހަފްލާގައި އޭރުގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. https://x.com/JapanAmbMV/status/2055968193257295996 ޖަޕާނުގެ ސަފީރު މިކަން ފާހަގަކުރައްވާފައި މިވަނީ، ގެއްލުނު ފަތުރުވެރިންތަކެއް ހޯދުމުގެ އޮޕަރޭޝަނެއްގައި އުޅުއްވި އެމްއެންޑީއެފްގެ ސާޖަންޓު ފަސްޓު ކްލާސް މުޙައްމަދު މަހުދީ ނިޔާވުމާ ގުޅިގެން، ކަނޑު އަޑީގެ އޮޕަރޭޝަންތަކަށް ބޭނުންވާ ވަސީލަތްތަކުގެ މުހިންމުކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. މި ހާދިސާއިން އެނގޭ އެއް ކަމަކީ ރާއްޖޭގެ ސިފައިންގެ ޑައިވަރުން މިހާތަނަށް 50 މީޓަރަށް ފީނުމަށް ތަމްރީނުވެފައިވީ ނަމަވެސް، ކަނޑު އަޑީގެ މާ ފުން ސަރަހައްދުތަކުގައި ހިންގާ އޮޕަރޭޝަންތަކަށް ބޭނުންވާ ފަންނީ ގާބިލުކަން އިތުރުކުރަން ޖެހިފައިވާ ކަމެވެ. https://sun.mv/222137 މިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން މިހާރު ވަނީ 100 މީޓަރަށް ޑައިވްކުރެވޭ ފެންވަރަށް ސިފައިން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ނިންމާފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ