ގައުމަށް ހެޔޮއެދޭ ދެ އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކުރާނެ: ގާސިމް

ގައުމަށް ހެޔޮއެދޭ އަދި އިހްލާސްތެރި ކޮންމެ މީހަކުވެސް، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކުރާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދިން ”ހޭލުން“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ގައުމުގެ މަސްލަހަތާއި، އަމާންކަމާއި، އަދި ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.
މީގެ އިތުރުން މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކުރިމަތިވާ އިގްތިސާދީ ހީނަރުކަމަށް ބެލިޔަސް، މިއީ މާކުރިންވެސް ކުރަން ޖެހިފައި އޮތް ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދެ އިންތިހާބު އެއްކޮށްލުމަށް ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ ފާސްކޮށްފައެވެ. ނަމަވެސް ގާނޫނުއަސާސީ އޮތްގޮތުން މި ބިލު ތަސްދީގު ކުރެއްވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން ކަމަށްވާތީ، އަންނަ މަހުގެ 4 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އެ ވޯޓު ނެގުމަށް ވަނީ ނިންމާފައެވެ.
ގާނޫނުއަސާސީއަށް ގެންނަންޖެހޭ މުހިންމު އިސްލާހުތައް ގެންނަން ފެއްޓެވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ގާސިމް ވަނީ ސެލިއުޓް ކުރައްވާފައެވެ. އެގޮތުން ދެ އިންތިހާބު އެއްކޮށްލުމުގެ އިތުރުން، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމާއި، މަޖިލިސް މެމްބަރުންގެ އަދަދު ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ގާސިމް ތާއީދު ކުރެއްވިއެވެ.
 ”ދިވެހި ގައުމަށް ހެޔޮ އެދޭ، އިހްލާސްތެރި ވިސްނުން ހުރި އެއްވެސް މީހަކު މިއާ ދެކޮޅަށް ވޯޓުލާކަށް ނުފެނޭ،“ ގާސިމް ވިދާޅުވިއެވެ.
ކުރީގެ ސަރުކާރަށް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވީ، ޖޭއެސްސީ އިސްލާހުކުރުމަށް ވައުދުވެ އެމްޑީޕީން ފަސް އަހަރު ނިންމާލީ އެއްވެސް ކަމެއް ނުކޮށް ކަމަށެވެ. އަދި މަޖިލިސް މެމްބަރުންގެ އަދަދު ވަކިވަރެއްގައި ހިފެހެއްޓުމަށް އެމަނިކުފާނު އަމިއްލަފުޅަށް ހުށަހެޅުއްވި އިސްލާހުތައްވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ބޭރުކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ގާސިމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދެ އިންތިހާބު އެއްކޮށްލުމުން ވެރިކަމަށް އަންނަ ބޭފުޅަކަށް ދައުރުގެ ފުރަތަމަ ހަ މަސްދުވަހު މަޖިލިސް މެޖޯރިޓީ ހޯދުމުގެ މަސައްކަތުގެ ބަދަލުގައި، ސީދާ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ