ވެރިކަން ލިބިވަޑައިގެންފި ނަމަ ޚާރިޖީ ސިޔާސަތު ބަދަލު ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވެއްޖެ

ވެރިކަން ލިބިވަޑައިގެންފި ނަމަ ޚާރިޖީ ސިޔާސަތު ބަދަލު ކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހިމް ރޭ ކުރެއްވި ޓްވީޓެއއްގައި ވިދާޅުވީ އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފި ނަމަ ރާއްޖޭގެ ޚާރިޖީ ސިޔާސަތު، ކުރީގެ ރައީސް ނާސިރް އިބްރާހިމް އާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގެންގުޅުއްވި ޚާރިޖީ ސިޔާސަތަށް ބަދަލު ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުގެ ވެރިކަމެއްގައި ދިވެހި ރާއްޖޭގެ ޚާރިޖީ ސިޔާސަތަކަށް ހަދާނީ ކުރީގެ ރައީސް އިބްރާހިމް ނާސިރު އާއި ރައީސް މައުމޫން ވެސް ގެންގުޅުއްވި ޚާރިޖީ ސިޔާސަތު ކަމުގައި ދަންނަވަން" ގާސިމް ވިދާޅުވިއެވެ.
މިހާރުގެ ސަރުކާރުގެ ދެވަނަ އަށް އެންމެ ބޮޑު ޕާޓީ ކަމަށްވާ ޖޭޕީއިން މިހެން ވިދާޅުވެފައިވާއިރު، މިހާރުގެ ސަރުކާރުން ގެންގުޅެނީ "އިންޑިއާ ފަސްޓް" ޕޮލިސީއެވެ. އެގޮތުން ރާއްޖެއިން ހުރިހާ ކަމެއްގައި ވެސް އެހެން ގައުމުތަކަށްވުރެ އިންޑިއާ އިސްކުރެއެވެ. އަދި މީގެ ކުރިން ރައީސް ޔާމީންގެ ދައުރުގައި ޗައިނާ އާއެކު ގާތް ގުޅުމެއް ބޭއްވެވިއެވެ.
ނަމަވެސް އިންޑިއާ ގޮތަށް ރާޢްޖޭގެ ދާޚިލީ ކަންކަމުގައި ބަސްބުނެ ޗައިނާއިން ނުހަދާ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ޖުމްހޫރީ ޕާޓީ އިން ވަކިން އިންތިޚާބުގައި ވާދަ ކުރައްވާނެ ކަން އިއުލާނު ކުރެއްވުމާއެކު ކޯލިޝަންގެ ތެރޭގައި ވަނީ ބައިބައި ވުން އުފެދިފައެވެ. ނަމަވެސް ޖޭޕީގެ ވަޒީރުން މަގާމުން ވަކި ނުކުރައްވަން ރައީސް އިބްރާހިމް ނިންމެވީ ދެވަނަ ބުރެއްގައި އެމަނިކުފާނަށް ތާއީދު ކުރެއްވުމަށް އެއްބަސް ވުމުންކަމަށް އިދުކޮޅުން އަންނަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ