ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރަގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒް މެންބަރު ކަމުގެ ހުވާ ކުރައްވާނީ 24 އޭޕްރީލްވާ ހޯމަދުވަހު ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައިފިއެވެ.
މަޖިލީސް އިދާރާއިން މައުލުމާތުދެއްވާ ގޮތުގައި ޝާޒް މެންބަރުކަމުގެ ކުރެއްވުން އޮންނާނީ އެދުވަހު ހެނދުނު 10:00 ގައެވެ. އަދި ހަމަ އެދުވަހުގެ ޖަލްސާގައި ޝާޒް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ގުރައިދޫ ދައިރާގެ ބައި އިލެކްޝަން ދަރުކާރުގެ މައިޕާޓީ އެމްޑީޕީ އަދި ރައީސް ސޯލިހުގެ ފަޅީގައި ހުންނެވި މެންބަރު ޝާޒް ކާމިޔާބު ކުރެއްވީ އެދާއިރާ ފާއިތުވި 3 ދައުރުގައިވެސް ތަމްސީލުކުރަމުން އައި ޕީޕީއެމް ބަލިކޮށްގެންނެވެ.
ޝާޒް ގޮނޑި ހޯއްދެވީ ޕީޕީއެމްގެ ކެންޑިޑޭޓް ހުސެއިން ރިޒާ އާއި އެމްއެންޕީގެ ކެންޑިޑޭޓް އަލީ އާރިފް އާއި ވާދަކުރައްވައިގެންނެވެ.
15 އޭޕްރީލް 2023 ވީ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ދާއިމީ ނަތީޖާ ދައްކާގޮތުން ޝާޒް އިންތިހާބު ކާމިޔާބު ކުރެއްވީ 1,346 ވޯޓު ހޮއްދަވައިގެންނެވެ. އެއީ ވޯޓުލީ މީހުންގެ ނިސްބަތުން 49.96 އިންސައްތައެވެ.
ޕީޕީއެމްގެ ފަރާތުން އިންތިޚާބުގައި ވާދަކުރެއްވި ހުސެން ރިޒާއަށް ލިބިވަޑައިގަތީ 1226 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ ނިސްބަތުން 45.51 އިންސައްތައެވެ.
އެމްއެންޕީގެ ކެންޑިޑޭޓަށް ލިބިވަޑައިގަތީ 122 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 4.53 އިންސައްތައެވެ.
މި ދާއިރާގެ ބައި އިލެކްޝަން ބާއްވަން ޖެހުނީ ކުރިން އެދާއިރާ ތަމްސީލުކުރެއްވި މެންބަރު އިބްރާހިމް ރިޒާ 23 ފެބުރުއަރީ 2023 ގައި އަވަހާރަވުމާއި ގުޅިގެންނެވެ.
ޕީޕީއެމްގެ ޓިކެޓްގައި އެ ދާއިރާ ތަމްސީލުކުރައްވަމުން ގެންދެވި ރިޒާ އަވަހާރަވީ ގޮހޮރުގެ ކެންސަރަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މެލޭޝިއާގައެވެ.
ގުރައިދޫ ދާއިރާގެ މެންބަރު ރިޒާ އަވަހާރަވެއްޖެ
ގާނޫނީ ވަކީލު ކަމުގެ ފާސް ނަންގަވައިގެން އެދާއިރާގައިވެސް ހިދުމަތް ކުރައްވަމުން ގެންދެވި މަރްހޫމް ރިޒާ އަކީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމާއި ނައިބު ރައީސްކަންވެސް ކުރެއްވި ބޭފުޅެވެ. ރިޒާ ވަނީ 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހާ މިހާރު މިހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ކ. ގުރައިދޫ ދާއިރާ ތަމްސީލުކުރައްވާފައެވެ.
ޝާޒް ގުރައިދޫ ދާއިރާގެ މެންބަރުކަމުގެ ހުވާކުރައްވާނީ ހޯމަ ދުވަހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ