އެކަކަށް ސިމް ނެގޭ މިންވަރު ކަނޑައެޅުމުގެ މަސައްކަތް މޭ މަހު ފަށަނީ

އެކަކުގެ ނަމުގައި މޯބައިލް ސިމް ކާޑު ނެގޭ މިންވަރު ކަނޑައެޅުމުގެ މަސައްކަތް މެއި މަހުގެ ތެރޭގައި ފަށާނެ ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ކޭމްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު ވިދާޅުވީ، ކޮންމެ މީހަކަށް ވެސް ވަކި ވަރަކަށް މޯބައިލް ސިމް ކާޑު ލިބޭ އުސޫލެއް ހަމަޖެއްސުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.
މިގޮތުން އެންމެ ލަސްވެގެން މި އަހަރުގެ މޭ މަހު އެމަސައްކަތް ފަށާނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވީ، އެކެެއްގެ ނަމުގައި ގިނަ ސިމްތަކެއް ނަގާފައިވާ ނަމަ އެ ސިމްތައް ވެރިފައިކޮށް އެ ފަރާތުގެ އައިޑެންޓިޓީ ވެރިފައި ކުރުމަށްފަހު އެ ލިސްޓުން ނަމްބަރުތައް ކެނޑުމުގެ މަސައްކަތް ވެސް މެއި މަހު ފެށޭނެ ކަމަށެވެ.
ކޭމް އިން ފާހަގަކުރި ގޮތުގައި ރަނގަޅަށް ބޭނުން ކުރާ އެ ފަދަ ސިމްތައް ވެސް އެބަ ހުއްޓެވެ. އެގޮތުން، ބޮޑެތި އާއިލާތަކުގައި އެކަކުގެ ނަން މަތީ އާއިލާގެ އެތައް ބަޔަކަށް ސިމް ނަގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ. އެހެންވެ، އެފަދަ ސިމްތައް މިހާރު ބޭނުންކުރާ މީހާގެ ނަން މައްޗަށް ބަދަލު ކުރަން ވަނީ އެދިފައެވެ.
ސިމް ކާޑު ބޭނުންކޮށްގެން ސްކޭމް ކުރުމާއި އެނޫންވެސް ނޭދެވޭ އަމަލުތައް ކުރަމުންދާއިރު، ރާއްޖޭގައި ސިމް ކާޑު އެންމެ ގިނައިން ނަގާފައިވަނީ ބިދޭސީންގެ ނަމުގައި ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ. މިގޮތުން ރާއްޖޭގައި ނޫޅޭ ބިދޭސީންގެ ނަމުގައި 25،000 ސިމް ނަގާފައިވާ ކަމަށާއި އަދި ގިނަ ސްކޭމް ހިންގަނީ މި ސިމްތަކުން ކަމަށް ސީޕީ ފާހަގަކުރެއްވިއެވެ.
ސީޕީ ވިދާޅުވީ، ދިވެހިރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ސިމްކާޑު ގަނެފައި ތިބި ފަރާތްތަކަށް ބަލާއިރުގައި އެންމެ ޓޮޕް 5 ގައި ތިބީ ބިދޭސީން ކަމަށެވެ. އެއީ ކުރިން ރާއްޖޭގައި އުޅެފައި ނަމަވެސް މިހާރު ރާއްޖޭގައި ނޫޅޭ ބިދޭސީން ކަމަށް ސީޕީ ފާހަގަ ކުރެއްވިއެވެ.
ސިމްތައް ބޭނުންކޮށްގެން ކުރާ ކުށްތައް ހުއްޓުވަން އެޅި ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވާ ސީޕީ ވިދަޅުވީ 2،796 ސިމް ކާޑު ކަނޑާލާފައިވާ ކަމަށާއި އަދި 817 މޮބައިލް ފޯނެއް ރާއްޖޭގެ އެއްވެސް ޓެލެކޮމިއުނިކޭޝަން ޕްރޮވައިޑާއެއްގެ ތެރޭގައި ބޭނުން ނުކުރެވޭ ގޮތަށް ބްލޮކް ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ސްކޭމް ކޯލްތައް ހުއްޓުވަން 3،130 ފިޔަވަޅު އަޅާފައިވާ ކަމަށާއި 8 އައިޕީ އެޑްރެސް ބްލޮކް ކޮށްފައިވާ ކަމަށް ވެސް ސީޕީ ފާހަގަ ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ