ރައީސް ޞާލިޙާއެކު ކޯލިޝަން ނަހައްދަވާނެ ކަމަށް ރަސްމީކޮށް ގާސިމް އަންގަވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓުގައި ނުކުންނަވާ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ އެކު ކޯލިޝަން ހަދަން ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ދިން ދައުވަތަށް ދެކޮޅު ހަދައި އެ ޕާޓީގެ ފަރާތުން އެކަން ރަސްމީކޮށް ރައީސް ޞާލިޙަށް އަންގައިފިއެވެ.
ގާސިމް ސޮއި ކުރައްވައި ރައީސަށް މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނޭ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އޭނާ ކަމުގައި ކަނޑައަޅައި އެކަން ފާސްކޮށްފައިވާ ކަމަށެވެ. އެހެންކަމުން ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ނިންމުން ތަންފީޒުކުރުމުގައި ސާބިތުވެ ހުރި ވާހަކަ ދަންނަވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ޖޭޕީން ދެ ފަހަރު ވެސް އެމްޑީޕީގެ ކެނޑިޑޭޓުންނަށް ބައިއަތު ހިފާފައި ވަނީ ރާއްޖޭގެ ސަރަހައްދާއި މިނިވަންކަމާއި އިސްތިގުލާލާއި، ދިވެހިންގެ ދީން ރައްކާތެރިކޮށް، ރާއްޖޭގެ ސްޓްރެޓެޖިކް އެސެޓްތަކާއި އިގްތިސާދު ހިމާޔަތްކޮށް ކުރިއަރުވުމަށް ކަމަށެވެ.
އަދި އެކަން ކުރީ ރައްޔިތުންގެ މެދުގައި އިންސާފު ގާއިމްކޮށް ދިވެހިންގެ މެދުގައި އިޖުތިމާއީ ހަމަޖެހުން އާލާކޮށް، ގައުމަށް ތަރައްގީއާ ކުރިއެރުން ގެނެސްދީ އަދި ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ވައުދުވެ ދެއްވި ޔަގީންކަމުގެ މައްޗަށް ކަމަށް ވެސް ބުނެފައިވެއެވެ.
އެ ސިޓީގައި އިތުރަށް ބުނެފައިވަނީ ޖޭޕީން ވަކި ކެނޑިޑޭޓެއް ނެރެން ނިންމާފައި ވަނީ ރައީސް ޞާލިޙްގެ ޒައާމަތުގައި އެކަންކަމާ މެދު މިހާތަނަށް އަމަލު ކުރެއްވި ގޮތުންނާއި ކަންކަން ހިނގަމުންދާ ގޮތުން ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.
އަދި ކޯލިޝަނެއްގައި އެކުގައި މަސައްކަތްކުރުމަށް ރައީސް ދެއްވި ދައުވަތަށް ގާސިމް ޝުކުރު އަދައިކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ