ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނުއަގުގައި ދިން ފްލެޓްތަކެއް ބައްލަވައިގަތް މައްސަލައިގައި ހައި ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު މަގާމުން ވަކިކުރަން، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ތްރީލައިން ވިޕެއް މިއަދު ނެރެފި އެވެ.
ވީ ކިހިނެއް؟ - ފަނޑިޔާރު އަބްދުﷲ ހަމީދު މަގާމުން ވަކިކުރުމަށް ނިންމީ މިއަދު ބޭއްވި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގަ އެވެ.
މައްސަލައިގެ ފެށުން-
މިދިޔަ ސަރުކާރުގައި، 2016ގައި ދޫކުރި ފްލެޓުތަކެއް ގާނޫނުއަސާސީއާ ހިލާފަށް ހާއްސަ އަގުތަކެއްގައި ބައްލަވައިގެންނެވި ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނާ ފަނޑިޔާރުންގެ ތެރޭގައި ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިތުރުން ފަނޑިޔާރު ރައޫފް ވެސް ހިމެނިވަޑައިގަންނަވާ
އެކަމަކު، ޖޭއެސްސީން އެ ގޮތަށް ނިންމީ، އިޖުރާއީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް ކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ނިންމާފައި
މަޖިލީހުގެ ކޮމިޓީން އެ ގޮތަށް ނިންމާފައިވީ ނަމަވެސް، ފަނޑިޔާރު އަބްދުއްރައޫފް ވަނީ އިއްޔެ މަގާމުން އިސްތިއުފާ ދެއްވާފައި
އެނގުން މުހިންމު - ޖޭއެސްސީގެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމީ ގޯސްކޮށް ކަމަށް ކޮމިޓީން ނިންމިއިރު، މިއީ މިގޮތަށް ފަނޑިޔާރެއްގެ މައްސަލައިގައި ޖޭއެސްސީގެ ނިންމުމާ ދެކޮޅަށް ކޮމިޓީީގެ ނިންމުމެއް އައި ފުރަތަމަ ފަހަރެވެ. މި ކޮމިޓީގެ އަގުލަބިއްޔަތު ވެސް އޮންނަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގަ އެވެ.
ބުނީ ކީކޭ؟ - މިކަމާ ގުޅިގެން 'ދައުރު'އާ ވާހަކަދައްކަވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ފަނޑިޔާރު ހަމީދު މަގާމުން ވަކިކުރުމަށް ތްރީ ލައިން ވިޕެއް ނެރުމާ ގުޅިގެން ޕީޖީގައި މަޝްވަރާ ކުރިއިރު، ޖުޑީޝަރީ ކޮމިޓީގެ ނިންމުމާ ގުޅިގެން ވެސް ވާހަކަދެކެވުނު ކަމަށެވެ. ޕީޖީ ގްރޫޕުން ނިންމީ ކޮމިޓީގެ ނިންމުން ބަލައިނުގަނެ، ފަނޑިޔާރު ވަކިކުރުމުގެ މަސައްކަތް މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ވޯޓަށް އަހާނެ ކޮންމެ ގޮތަކަށް ނިންމި ކަމުގައި ވިޔަސް. ޖޭއެސްސީއަށް އަނުބުރާ ފޮނުވާލި މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވަނީ، އެ މަޝްވަރާ ކުރުމަށް ފަހު ގިނަ ބޭފުޅުންނަށް ފެނިވަޑައިގަތީ [ޖޭއެސްސީގެ ނިންމުން] އިޖުރާއަތާ އެއްގޮތް ކަމަށް،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ އެމްޑީޕީ ޕީޖީގެ ނިންމުން ރިއާޔަތްކުރީ ގާނޫނުއަސާސީގެ 154 ވަނަ މާއްދާއަށް ކަމަށާއި، އެހެންކަމުން ކޮމިޓީން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް، ޕީޖީގެ މި ނިންމުމާ އެކު އެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އެ މާއްދާގައި ބުނެފައިވަނީ:
ފަނޑިޔާރުން މަގާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެ މީހަކު ގާބިލު ނޫން ކަމަށް ނުވަތަ އެ މަގާމާ އެކަށީގެން ނުވާ ފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތިންބައި ކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވުމުން
މި މައްސަލައިގައި ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ބަހެއް އަދި ލިބިފައެއް ނުވެ އެވެ.
ފަނޑިޔާރު އަބްދުﷲ ހަމީދު ވަކިކުރަން އެމްޑީޕީން 3 ލައިން ވިޕެއް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ