އާރަށުގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފެއް ނުކުރާނަން: ޕީޖީ

ވ. އާރަށް ދޫކުރުމުގެ ބަދަލެއްގެ ގޮތުގައި ރިޝްވަތު ނަގައި އެ ފައިސާ ލޯންޑާ ކުރި މައްސަލާގައި, އެ ހިޔާނާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ހޯއްދެވި މަންފާކަމަށް ބުނެ 53 މިލިއަން ރުފިޔާ، ދައުލަތަށް ދައްކަންކުރި ހުކުމް ބާތިލުކޮށްފައިވަނިކޮށް މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ނުކުރާނެކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުން ބުނީ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ނުކުރިނަމަވެސް ހައިކޯޓުގައި އެކަން ފާހަގަކުރާނެ ކަމަށެވެ. އަދި އާރަށުގެ މައްސަލަ ކުރިމިނަލް ކޯޓަށް ހުށައެޅި އިރުވެސް އެ ފައިސާ ދައުލަތައް ނަގައިދިނުމަށް އެދިފައިވާނެ ކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެއެވެ.
ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ދައުލަތުން، މަނީ ލޯންޑަރިންއާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ޔާމީންގެ ފަރާތުން އަނބުރާ ހޯދުމަށް އެދިފައިވަނީ ލޯންޑާ ކުރި ކަމަށް ތުހުމަތުކުރާ އެއް މިލިއަން ޑޮލަރާއި އެ ފައިސާ އިންވެސްޓު ކޮށްގެން ޔާމީނަށް ލިބުނު ފައިދާއެވެ.
އެ މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީންގެ މައްޗަށް ކުރީ 11 އަހަރުގެ ޖަލު ހުކުމެކެވެ. އެ ހުކުމް ޔާމީންގެ މައްޗަށް އިއްވީ 25 ޑިސެމްބަރު 2022 ގައެވެ. އަދި، 53 މިލިއަން ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ 26، ފެބްރުއަރީ 2023ގައެވެ.
ފައިސާ ދައްކަން ޔާމީންގެ މައްޗަށް ކުރި އަމުރާ ގުޅިގެން ހައި ކޯޓުގައި ކުރިއަށްގެންދިޔަ އިސްތިއުނާފީ ޝަރީއަތް ނިންމައި ހައިކޯޓުން ކުރި ހުކުމުގައި ވަނީ، މައުޟޫއީ މައްސަލައިގެ ހުކުމުގައި ކުށްކޮށްގެން ހޯދިކަމަށް ދައުލަތުން ބުނާ މުދަލާއި ފައިސާ ނެގުމަށް ހިމަނާފައި ނެތުމުން އަލުން އަމުރަކަށް އެދެވިދާނެ ގާނޫނީ ހަމައެއް ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ ބާތިލު ހުކުމެއް ގޮތުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވިއެވެ.
މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މުހައްމަދު ފައިސަލްއެވެ. ދެން ތިއްބެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި، ފަނޑިޔާރު ދީބަނާޒު ފަހުމީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ