އެމްޑީޕީގެ މަޖިލިސް މެމްބަރުން ކުރާ ހަމައެކަނި މަސައްކަތަކީ ސަރުކާރަށް ސަނާކިޔާ، އެމެމްބަރުންގެ ޖީބަށް އެއްޗެއް އިތުރުކުރުންކަމުގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ، ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގުބޮޑުވުން ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ގޮވާލާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ހުށައަޅުއްވާފައިވާ ގަގާރަށް ބަހުސްކުރައްވަމުންނެވެ.
ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގުބޮޑުވުން ކޮންޓްރޯލްކުރުމަށް ސަރުކާރަށް ގޮވާލާ ހުށައެޅި ގަރަރާއި ދޭތެރޭގައި ބަހުސްކުރުމަށް އެމްޑީޕީއަށް ލިބުނު ވަގުތު ހަމަވެގެންދިޔައިރު، އެ މެމްބަރުން ކުރިހާވެސް ކަމަކީ ރައީސުމްޖުމްހޫރިއްޔާއަށް ސަނާކިޔުންކަމަށެވެ.
ރައްޔިތުން، މެމްބަރުން އިންތިހާބުކޮށްފައި މަޖިލީހަށް ފޮނުވީ ރައީސަށް ސަނާކިޔަން ނޫންކަމަށާއި، މެމްބަރުން އިންތިހާބުކޮށްފައި ފޮނުވީ އެރައްޔިތުންގެ ކަންބޮޑުވުންތަކުގެ ވާހަކަދެއްކުމަށްކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ، އެރައްޔިތުން ދައްކާ ވާހަކަތަކަށް ހައްލެއް ހޯދައިދޭންޖެހޭކަމަށެވެ. އެހެންނަމަވެސް އެކަން ކުރުމުގެ ބަދަލުގައި ސަރުކާރަށް ނިސްބަތްވާ އެމްޑީޕީގެ މެމްބަރުން މަޖިލީހުގައި ތިބެ، ކުރިހާވެސް ކަމަކީ ރައީސުލްޖުމްހޫރިއްޔާއަށާއި، ވަޒީރުންނަށް ސަނާ ކިޔުންކަމަށެެވެ.
އާޒިމް ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ ވާހަކަ އެމްޑީޕީގެ މަޖިލިސް މެމްބަރުން އަޑެއް ނާހާނެކަމަށެވެ. ރާއްޖޭގެ ރައްޔިތުން ދިރިއުޅެމުންދަނީ ދަތި އުނދަގުލުގައިކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ، އެފަދަކަންކަމުގެ ވާހަކަދެއްކުމެއް ނެތްކަމަށެވެ. ސަރުކާރުން އިސްރާފުކުރަމުންދާއިރު، އެވާހަކަވެސް ދެއްކުމެއް ނެތްކަމަށެވެ. މެމްބަރު ވިދާޅުވީ، ސަރުކާރަށް ސަނާކިޔާ މެމްބަރުންނަށް ކޮންމެވެސް އެއްޗެއް ސަރުކާރުން ދޭކަމަށާއި، ރައްޔިތުންމީހާ އުޅެނީ ދަތި އުނދަގުލުގައިކަމަށެވެ.
ތަކެތީގެ އަގާއި ހިދުމަތުގެ އަގު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާއިރު، މިކަންކަން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ސަރުކާރުގެ އިސްރާފު އިންތިހާއަށް ބޮޑުވެފައި އޮތުންކަމަށް މެމްބަރު އާޒިމް ވިދާޅުވިއެވެ.
ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގުބޮޑުވުން ކޮންޓްރޯލްކުރުމަށް ސަރުކާރަށް ގޮވާލާ ހުށައަޅާފައިވާ ގަރާރަށް ބަހުސްކުރައްވަމުން، އިދިކޮޅު މެމްބަރުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ސަރުކާރުން ކަންކުރަމުންދާ ގޮތްތަކަށް ބަލާއިރު، ރައީސްއަށް ދެވަނަ ދައުރެއް ނުލިބޭނެކަމަށްވެސް ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ މެމްބަރުން ހަމައެކަނި ކުރާކަމަކީ ސަރުކާރަށް ސަނާކިޔާ، ޖީބަށް އެއްޗެއް އިތުރުކުރުން: މެމްބަރު އާޒިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ