ޔާމީން އެދިވަޑައިގަތީ ފުއްގިރި މައްސަލަ ވެސް ލައިވްކޮށްދޭން

ރައީސް ޔާމީންގެ މައްޗަށް މީގެ ކުރިން ދައުވާ ކޮށްގެން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ގއ. ވޮޑުމުލާ މައްސަލައާއި ވ. އާރަށު މައްސަލަ ވެސް ކުރިއަށް ގެންދިޔައީ ލައިވްކޮށްގެންނެވެ.
ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރަން ރ. ފުއްގިރި ދޫކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގެ ޝަރީއަތް ފެށުމަށް ތައްޔާރުވަމުން ދާއިރު، މައްސަލަ ލައިވް ކޮށްދިނުމަށް މި މައްސަލައިގައި ދައުވާ ލިބޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފި އެވެ.
މި މައްސަލައިގެ އިބްތިދާއީ މަރުހަލާ މިއަދު ވަނީ ނިންމާލައިފަ އެވެ. ދެން އޮންނާނީ ޝަރީއަތް ފެށުމެވެ. މިއީ އާންމުންގެ ސަމާލުކަން ބޮޑު މައްސަލައަކަށް ވާތީ ރައީސް ޔާމީންގެ މައްޗަށް ދައުވާކޮށްގެން މީގެ ކުރިން ހިންގި މައްސަލަތަކެކޭ ވެސް އެއްގޮތަށް ލައިވް ކޮށްދިނުމަށް އެމަނިކުފާނުގެ ވަކީލް ޑރ. މުހައްމަދު ޖަމީލް މިއަދު ވަނީ އެދިވަޑައިގެންފަ އެވެ.ޖަމީލްގެ އެ ހުށަހެޅުމަށް މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. ޝަރީއަތުގެ މަރުހަލާ ފެށުމުގެ ކުރިން މައްސަލައިގެ ލިޔެކިޔުންތަކާ ގުޅިގެން އިދާރީ ބައްދަލުވުމެއް ބާއްވަން ނިންމާފައި ވާތީ، އެ ބައްދަލުވުމުގައި ގޮތެއް ނިންމެވުން ވެސް އެކަށީގެންވެ އެވެ. ރައީސް ޔާމީންގެ މައްޗަށް މީގެ ކުރިން ދައުވާ ކޮށްގެން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ގއ. ވޮޑުމުލާ މައްސަލައާއި ވ. އާރަށު މައްސަލަ ވެސް ކުރިއަށް ގެންދިޔައީ ލައިވްކޮށްގެންނެވެ. އާރަށު މައްސަލަ ލައިވްކޮށްގެން ކުރިއަށް ގެންދަން ފެށީ ޝަރީއަތް ފެށުމުގެ މަރުހަލާއިން ފެށިގެންނެވެ.އެ މައްސަލަ ލައިވް ކޮށްދީފައި ވަނީ ވަކީލުން އެތައް ފަހަރަކު އެދިވަޑައިގަތުމުންނެވެ. އާރަށު މައްސަލަ ބެއްލެވި އިސް ގާޒީ އަހުމަދު ޝަކީލް އޭރު ވިދާޅުވަމުން ދިޔައީ ލައިވް ކޮށްގެން ކުރިއަށް ގެންދެވޭނެ ވަސީލަތްތައް ކޯޓުގައި ނެތް ކަމަށެވެ. 
މި މައްސަލައިގައި ރައީސް ޔާމީން އިފްތިތާހީ ބަޔާން ދެއްވާނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ. މަހުގެ ފަހު ފަނަރައިގައި ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމަށް އަށް އަޑުއެހުމެއް ކައިރި ކައިރިން ތާވަލަށް ލައިފައިވެ އެވެ. އިބްތިދާއީ މަރުހަލާގެ އަޑުއެހުންތައް އޮންލައިންކޮށް ކުރިއަށް ގެންދިޔަ ނަމަވެސް، ހެކިބަސް ނަގަން ފެށުމުން އަޑުއެހުންތައް ކުރިއަށް ގެންދާނީ ކޯޓަށް ހާޒިރުވެގެން ކަމަށް ގާޒީ ވިދާޅުވެފައިވެ އެވެ.އެކަމަކު ރައީސް ޔާމީނަށް ކޮންމެ ދުވަހަކު ދަތުރު ކުރައްވަން ދަތުފުޅުވާނަމަ އެމަނިކުފާނު ޖަލުން އޮންލައިންކޮށް ބައިވެރިވުމުގެ އިހްތިޔާރު ގާޒީ ދެއްވި އެވެ. ރައީސް ޔާމީން ވިދާޅުވެފައި ވަނީ ދަތުރުކުރައްވަން ދަތިފުޅުވާނެ ކަމަށާއި އެމަނިކުފާނަކީ ބަލިހާލަތު ހުންނެވި ގޮތުން މާގިނައިރު އިށީންދެ އިންނަން އުނދަގޫވާ ބޭފުޅެއް ކަމަށެވެ. އެކަމަކު ވަކީލުންނާ މަޝްވަރާކުރެއްވުމަށްފަހު ވަކި ގޮތެއް ކޯޓަށް އަންގަވާނެ ކަމަށެވެ.ފުއްގިރި މައްސަލައިގެ ދައުވާގައިވާ ގޮތުން ރައީސް ޔާމީން ރިޝްވަތު ނަންގަވާފައި ވަނީ ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން ކްރިކް ރިޒާ މެދުވެރިކޮށެވެ. އަދި މަނީލޯންޑާ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓް މެދުވެރިކޮށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ