ހަވީރު މީޑިއާ ގްރޫޕަށް ހަވީރު ނޫހާއި އޮންލައިން ލިބުނީ ޒާހިރު ބަދަލުކޮށްދިނުމުން ކަމަށް ބުނެފި

ހަވީރު މީޑިއާ ގްރޫޕުގެ ދަށަށް ހަވީރު ނޫހާއި އޮންލައިން ބަދަލުވެފައި ވަނީ ހ. ނީލްވިލާ، ޑރ. މުހައްމަދު ޒާހިރު ހުސައިން އެތަކެތި އެ ގްރޫޕުގެ ދަށަށް ގާނޫނީ ހަމަތަކުގެ މަތިން ބަދަލުކޮށްދިނުމުން ކަމަށް ބުނެ ޝަރީއަތުގެ މަޖިލީހަށް ޖަވާބުދާރީވެއްޖެ އެވެ. ހަވީރު މީޑިއާ ގްރޫޕުގެ ދަށަަށް ހަވީރު ނޫހައި އޮންލައިން ދިޔަގޮތް ސާފުކޮށްދިނުމަށް ޝަރީއަތުން ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ހަވީރު މީޑިއާ ގްރޫޕަށް އަންގައިފަ އެވެ. އެއަށް ޖަވާބުދާރީވަމުން ހަވީރު މީޑިއާ ގުރޫޕުގެ ފަރާތުން ޝަރީއަތަށް ހުށަހެޅި ސިޓީގައި ބުނެފައި ވަނީ އެ ގްރޫޕުގެ ދަށަށް ހަވީރު ނޫހާއި އޮންލައިން ބަދަލުވީ ޒާހިރު ހުސައިން "ގާނޫނީ ހަމަތަކުގެ މަތިން" ބަދަލުކޮށްދިނުމުން ކަމަށެވެ. ހަވީރު މީޑިއާ ގްރޫޕުން މިދިޔަ ހަފްތާ ވަނީ ހަވީރު މައްސަލާގައި އެ ގްރޫޕުން ތަދައްހުލުވި ތަދައްހުލުވުން އަނބުރާ ގެންގޮސްފަ އެވެ. ސަބަބެއް ކަމަށް ބުނީ ކޯޓުގައި ޝަރީއަތް ހިނގަމުންދާލެއް ލަސްކަމުން، ކުންފުނީގެ އެކައުންޓްތައް ބޭނުން ނުކުރެވި އެއްވެސް މުއާމަލާތެއް ނުހިގައި، ކުންފުނި ބަނގުރޫޓޫވުމާ ކާރިވެފައިވުމުން ކަމަށެވެ. އެކަމާ ގުޅިގެން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވިދާޅުވީ ޝަރީއަތް ބަދުނާމުވާ ގޮތަށް އެފަދަ ވާހަކަ ނުދެއްކުމަށް އެދޭ ކަމަށެވެ. އަދި ހަވީރު މީޑިއާ ގުރޫޕުގެ ވަކީލު ޗުއްޓީއަށް ދާން އެދުމުން އުފުރުސަތު ޝަރީއަތުން ދީފައިވާނެ ކަމަށާއި އެއްވެސް ހާލެއްގައި މައްސަލަ ލަސްކުރަން ޝަރީއަތުން މަސައްކަތް ނުކުރާ ކަމަށް ގާޒީ ވިދާޅުވި އެވެ. ހަވީރު މީޑިއާ ގުރޫޕުން މައްސަލައިން ބޭރުވާން ބޭނުންވިޔަސް މައްސަލައިން ބޭރު ނުވެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އެ ގްރޫޕުން ވަކީލަކު އައްޔަން ކުރުމަށް އިތުރު ފުރުސަތަކަށް އެދުމުން ގާޒީ ވަނީ ދެ ދުވަހުގެ ފުރުސަތެއް ދެއްވައިފަ އެވެ. މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހަވީރު އޮޑިޓް ކުރުމަށް ހަވާލުކުރި އީއެންވައި އޮޑިޓް ފާމްއަށް އަންގާފައި ވަނީ މީގެ ކުރިން ވެސް ހަވީރު އޮޑިޓް ކުރީ އެ ފާމުންކަމުން ވޭތުވެ ދިޔަ ތިން އަހަރުގެ އޮޑިޓް ރިޕޯޓުތައް ޝަރީއަތަށް ހުށަހެޅުމަށެވެ. ހަވީރު ނޫސް އެޖެންސީއަކީ ހަވީރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިންގެ ެއެކަނި އެޖެންސީއެއް ނޫން ކަމަށާއި ގ. ކޮއްކިރި އަބްދުﷲ ފާރޫގު ހަސަނާއި ހ. މީރުބަހުރުގެއާގެ އިބްރާހިމް ރަޝީދުގެ ހިއްސާ ވެސް ވާތަނެއް ކަމަށް ހައި ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ އޯގަސްޓު މަހު އެވެ. ހަވީރު ނޫހުގެ މިލްކިއްޔާތާ ބެހޭ ގޮތުން ހައި ކޯޓުން ނިންމި މައްސަލަ އިސްތިއުނާފު ކުރުމަށް ޑރ. ޒާހިރު ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ ކޯޓަށް ބަލައިގަންނަން ނުފެންނަ ކަމަށް ނިންމައި އެ މައްސަލަ ވަނީ ބޭރުކޮށްލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ