ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާއެއް ނުދޭނަން: މެމްބަރު އީވާ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމަގާމުގައި ފުރުއްވަމުންގެންދަވާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުالله ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ، ރައީސް ނަޝީދު އިސްވެ ހުންނަވާ ހިންގަވާ "ފިކުރެއްގެ ދިރުން" ސިޔާސީ ހަރަކާތުގެ ފަރާތުން މާލޭގެ ބޮޑުފެންވަޅުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އިވާ ވަކިކުރުމުގެ މަސައްކަތް ވެރިކަން ކުރާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމެންޓަރީ ގްރޫޕުން އަންނަނީ ކުރަމުންނެވެ. އެގްރޫޕުން އީވާގެ އިތުބާރު ނެތް ކަމަށް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވަނީ އެކަމަނާ މިއަދު އެމްޑީޕީން ވަކިވެވަޑައިގެންފައިވާތީއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިން ދައުރަށްވެސް މެމްބަރު އީވާ އިންތިހާބުވެވަޑައިގަތީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވައިގެންނެވެ. އެހެން ނަމަވެސް, އެކަމަނާވަނީ މިއަދު އެ ޕާޓީން ދުރަށްޖެހިވަޑައިގެން "ފިކުރެއްގެ ދިރުން" ހަރަކާތުގެ ނަމުގައި އުފައްދާ އައު ސިޔާސީ ޕާޓީގައި މަސައްކަތްކުރެއްވުމަށް ނިންމަވާފައެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން އީވާ ވަކިކުރައްވަން އުޅުއްވާތީ، އެމްޑީޕީގެ ސުޕަރ މެޖޯރިޓީއެއް އޮތް ރައްޔިތުންގެ 19ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވަން ގަސްދުކުރައްވަންތޯ ނޫސްވެރިޔަކު ސުވާލުކުރުމުން، އީވާ ތަކުރާރުކޮށް ވިދާޅުވީ، އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. ނަމަވެސް މެމްބަރުވަނީ ނުފޫޒެއްގެ ތެރޭގައި ކަސްތޮޅު އެޅިގެން އިންނަވަން ބޭނުންފުޅުނުވާ ކަަމަށް ވިދާޅުވެފައެވެ.
އެނގިފައިވާ ގޮތުގައި އީވާ މިއަދު ޕާޓީން ވަކިވެވަޑައިގަތުމުގެ ކުރިން ވެސް ޕީޖީ ގްރޫޕުން އޮތީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ބޭނުންވާ ސޮއި ހަމަކޮށްފައެވެ. އަދި މިހާރު މަޝްވަރާ ކުރަމުން ދަނީ އެ މައްސަލަ ހުށަހެޅުމާ މެދުގައެވެ.
މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްވާނީ މަދުވެގެން 43 މެމްބަރުންގެ ވޯޓު ލިބިގެންނެވެ. އެމްޑީޕީގައި އަދިވެސް 50އަށް ވުރެ ގިނަ މެމްބަރުން ތިއްބެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ