ޞިއްޙީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފިއެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް، އެކަން ޢިއުލާން ކުރެއްވީ މިއަދު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެވެ.
މިއަދު ދައުލަތުގެ މީޑިއާއި ރައީސް އޮފީހުގެ މީޑިއާ މެދުވެރިކޮށް ރައީސް ދެއްވި ހާއްސަ މެސެޖެއްގައި މިކަން ޢިއުލާން ކުރެއްވި އިރު އެ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ވަނީ ގެންނަވާފައެވެ.
މިގޮތުން ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނެވުނު ހެޔޮބަދަލު ހާމަކުރައްވައި، ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، ބައެއް މަޤާމްތަކުގެ މުސާރަބޮޑު ކުރެވިގެން ދިޔަ އަދަދުތައް ވެސް ހާމަކުރައްވާފައެވެ.
މިގޮތުން ކުރިން އިތުރުގަޑިއާ އެކު 20،459 ރުފިޔާގެ މުސާރަ ލިބޭ، ސީނިއަރ ރެޖިސްޓަރޑް ނަރުހަކަށް މި ބަދަލާއެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް 29،271 ރުފިޔާ ލިބޭނެ ކަމަށާއި، ސްޕެޝަލިސްޓް ނަރުހަކަށް، 41،976 ރުފިޔާ ލިބޭނެ ކަން ހާމަކުރައްވާފައިވެއެވެ.
މީގެ އިތުރުން، ސީނިއަރ މެޑިކަލް އޮފިސަރުންނަށް އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 41،541 ރުފިޔާ، އަދި ސަބް ސްޕެޝަލިސްޓް ކޮންސަލްޓަންޓުންގެ އެންމެ މަތީ ގިންތީގެ މުވައްޒަފުންނަށް އިތުރު ގަޑީގެ އެލަވަންސް ނުލައި 98،137 ރުފިޔާގެ މުސާރައެއް ލިބޭނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޞާލިޙް ވިދާޅުވިގޮތުގައި ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއެކު، މެއި 1 ވަނަ ދުވަހުން ފެށިގެން، ސައިކޮލޮޖިސްޓުންނާއި، ކައުންސިލަރުންނާއި، ސޯޝަލް ވޯކަރުންނާއި، ޝޯސަލް ސަރވިސް ވޯކަރުން ހިމެނޭ ގޮތަށް، ސޯޝަލް ސާވިސް ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް ގެންނަވަން ވަނީ ނިންމަވާފައެވެ.
ހަމައެހެންމެ، ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިއްބެވި ބޭފުޅުންނަށް ވެސް، މާދަމާއިން ފެށިގެން އެ އެލަވަންސް ލިބެން ފަށާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ މެޑިކަލް އަދި ޑެންޓަލް އިންޓާ ޝިޕް ފުރިހަމަ ކުރާ ފަރާތްތަކަށް އިންޓަން އެލެވަންސެއް ދިނުމަށް ވެސް ނިންމާފައިވާކަން ވެސް ހާމަކުރައްވާފައެވެ. އަދި ޞިއްޙީ ދާއިރާއިން ދިވެހިން މަދު ފަންނުތަކުން މީހުން ބިނާކުރުމަށް ސްކޮލާޝިޕާއި ލޯނު ޕްރޮގްރާމްތައް ތައާރަފްކުރެއްވުމަށް ވެސް ނިންމާފައިވާކަން ވަނީ ހާމަކުރައްވާފައެވެ.
ރައީސް ޞާލިޙްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މިގެންނަ ހެޔޮ ބަދަލާއި، ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް ލިބޭ އެލަވަންސާ އެކު، ޖުމްލަ 9838 މުވައްޒަފުންގެ މުސާރައަށް ހެޔޮބަދަލެއް އަންނެކަމަށެވެ. އަދި މި ހުރިހާ ބަދަލަކަށް، އަހަރަކު ގާތްގަނޑަކަށް 482 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޞިއްޙީ ދާއިރާއަށް ގެންނަ މިފަދަ ބަދަލުތަކުގެ ސަބަބުން، މި ދާއިރާއަށް ޝައުޤުވެރިވާ ދިވެހިންގެ ޢަދަދު އިތުރުވެ، އަދި ޞިއްޙީ ދާއިރާއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ދުވަހުން ދުވަހަށް ރަނގަޅުވެގެންދާނޭ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވެސް ރައީސްގެ މެސެޖުގައި ވިދާޅުވެފަވެއެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ