ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި މުޅި ރާއްޖޭގައި ކުރާ އިހްތިޖާޖު ފަށައިފި

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި މުޅި ރާއްޖޭގައި ކުރާ އިހްތިޖާޖު ފަށައިފިއެވެ. 
މިއަދު ހަވީރު 4:30 ގައި ފެށުނު މި އިހްތިޖާޖު މާލެ އާއި ރާއްޖޭގެ ގިނަ ރަށްރަށުގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ.
މާލޭގައި ކުރިއަށްދާ އިހްތިޖާޖު ކުރިއަށް ދަނީ އިދިކޮޅުގެ މާހެފުމަކާއި ވެސް އެކުގައެވެ. 
މި އިހްތިޖާޖު ގެ ތެރެއިން އިންތިޖާޖުގެ ބައިވެރިން އަންނަނީ ރައީސް ޔާމީނަށް ކޮށްފައިވާ "ހަރާމް ހުކުމް" ބާތިލުކޮށް އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލަމުންނެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް އިދިކޮޅުން ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ސަރުކާރުން ކިތަންމެ ގިނަ މަސައްކަތް ތަކެއް ކުރި ނަމަވެސް އެކަން ނުހުއްޓާނެ ކަމަށާ، އެކަން ހުއްޓުވޭނެ ހަމައެކަނި ގޮތަކީ އެމަނިކުފާނު މިނިވަންކޮށް ގެއަށް އައުމުން ކަމަށްވެސް އިހްތިޖާޖު ގެ ބައިވެރިން އަންނަނީ ބުނަމުންނެވެ. 
މި އިހްތިޖާޖުގެ ތެރެއިން ވާހަކަ ދައްކަވަމުން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ، ސިޔާސީ ބައެއް ފަރާތްތަކުންނާއި، އެނޫންވެސް ފަރާތްތަކުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ޔާމީން ނޫން އެހެން ބޭފުޅެއް އައްޔަން ކުރަން އުޅޭ ކަމަށް ވާހަކަ ދެއްކެވި ނަމަވެސް، އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ. 
އަދި އެކަން ބަދަލު ނުކުރެވޭނެ ކަމަށާ، ރައީސް ޔާމީން މިނިވަން ކޮށް، އެމަނިކުފާނު ވެރިކަމަށް ގެނައުމަށް އިދިކޮޅުން މަސައްކަތް ކުރަނީ، ރައްޔިތުންގެ އުއްމީދުތަކުގައި ކުލަޖައްސައިދެވޭނެ ހަމައެކަނި ލީޑަރަކީ އެމަނިކުފާނަށް ކަމަށް ވާތީ އާއި އަދި ރާއްޖެ އެދޭ ތަރައްޤީ ގެނެސް ރާއްޖެ ބޭރު ގައުމުތަކުގެ ނުފޫޒުން މިނިވަން ކުރެވޭނީވެސް އެމަނިކުފާނަށް ކަމަށް ވާތީ ކަމަށް އަދުރޭ ވިދާޅުވި އެވެ. 
އަދުރޭ ވިދާޅުވީ، ރައީސް ޔާމީން ގެ ނަން ބޭނުން ކޮށްގެން ބައެއް ކެންޑިޑޭޓުން ވެރިކަމަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވާ ކަމަށެވެ. އަދި އެފަރާތްތަކުގެ އެ މަސައްކަތް ހުއްޓާލުމަށް ގޮވާލަމުން އަދުރޭ ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބު ޕީޕީއެމްގެ ކެންޑިޑޭޓަކާއި ނުލައި ނުބާއްވާނެ ކަމަށާ އަދި އެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ތަކުރާރު ކޮށް ވިދާޅުވެފައެވެ. 
ވ. އާރަށުގެ މުއާމަލާތާއި ގުޅިގެން ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެ މައްސަލަ މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އަދި ހައިކޯޓު މަރުހަލާގައި އެމަނިކުފާނު މިނިވަންވާނެ ކަމަށާ، އެއަށްފަހު ރިޔާސީ އިންތިހާބުގެ ކެމްޕެއިން ކަންކަމުގައި އަމަލީގޮތުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށްވެސް އިދިކޮޅުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ