ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރު ކުންފުނިތަކުން އިތުރަށް ފައިސާ ދެނީ

ސަރުކާރުގެ ބައެއް ކުންފުނިތަކުން މުވައްޒަފުންނަށް ރޯދަ އިނާޔަތުގެ އިތުރުން ރޯދަ ހަދިޔާގެ ގޮތުގައި ފައިސާ ދޭން ނިންމައިފިއެވެ. ވަޒީފާއާ ބެހޭ ގާނޫނު ބުނާ ގޮތުން ރޯދަ މަސް ފެށުމުގެ ކުރިން މުސްލިމް ކޮންމެ މުވައްޒަފަކަށް 3000 ރުފިޔާ އިނާޔަތުގެ ގޮތުގައި ދޭން ޖެހޭނެއެވެ. ކޮންމެ އަހަރަކު ވެސް ބައެއް ސަރުކާރާއި ބައެއް އަމިއްލަ ކުންފުނިތަކުން ރޯދަ އިނާޔަތުގެ ގޮތުގައި މުވައްޒަފުންނަށް ގާނޫނުގައި ބުނާ އަދަދަށް ވުރެން އިތުރަށް ފައިސާ އާއި ތަކެތި ދެއެވެ. އެގޮތުން އެމްއޭސީއެލްއިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ ރޯދަ އިނާޔަތުގެ ގޮތުގައި ދޭ 3000 ރުފިޔާގެ އިތުރުން އެ ކުންފުނީގެ ހުރިހާ މުސްލިމް މުވައްޒަފުންނަށް އިތުރަށް 2000 ރުފިޔާ ދޭން ނިންމާފައިވާ ކަމަށެވެ. ސްޓެލްކޯއިން އެ ކުންފުނީގެ މުވައްޒަފުންނަށް ރޯދަ އިނާޔަތުގެ އިތުރުން 2500 ރުފިޔާ ވަނީ ޖަމާކޮށްދީފައެވެ. އަދި އެމްޑަބްލިޔުއެސްސީއިން ރޯދަ އިނާޔަތުގެ އިތުރުން ކޮންމެ މުވައްޒަފަކަށް ދިން 3000 ރުފިޔާއާއެކު ޖުމުލަ 6000 ރުފިޔާ ވަނީ ޖަމާކޮށްދީފައެވެ. އެމްޓީސީސީއިން ބުނީ އެ ކުންފުނީގެ މުވައްޒަފުންނަށް ރޯދަ އިނާޔަތުގެ އިތުރުން 1،000 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށެވެ. ފައިސާގެ އިތުރުން މަސްދަޅު ކޭހާއި ކަދުރު ފަދަ ބައެއް ތަކެތި ވެސް ކުންފުނިތަކުން އަންނަނީ މުވައްޒަފުންނަށް ދެމުންނެވެ. ކަލަންޑަރު ބުނާގޮތުން މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ބުރާސްފަތި ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ