ގާސިމް ނޫނީ ގައުމުގެ މައްސަލަތަކަށް ހައްލު ހޯދޭނެ ކެންޑިޑޭޓަކު ރޭހުގައި ނެތް: އަމީން

ގައުމަށް ދިމާވި އެންމެ ބޮޑެތި ކަންކަމުގެ ތެރޭގައި އުޅުއްވައި ކަންކަން ތަޖުރިބާ ކުރައްވާފައި ހުންނެވި ބޭފުޅެއްގެ ހައިސިއްޔަތުން، އެ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ހޯއްދެވޭނެ ކެންޑިޑޭޓަކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފިޔަވައި މި އަހަރުގެ ރިޔާސީ އިންތިހާބުގެ ރޭހުން ފެންނަން ނެތް ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ގާސިމްގެ އިތުރުން ހަތަރު ޕާޓީއަކުން އިންތިހާބުގައި ވާދަކުރާނެ ކަމަށް މިހާތަނަށް ވަނީ އިއުލާންކޮށްފަ އެވެ. އެއީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިދިކޮޅު ޕީޕީއެމުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ އިތުރުން އަލަށް އުފައްދަން މަސައްކަތް ކުރާ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓެކެވެ.
އެ ޕާޓީ ކޯލިޝަނަކާ ވަކިން ވާދަކުރާ ނަމަ، ރިޔާސީ ކެންޑިޑޭޓަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ބެލެވެ އެވެ.
ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން: އޭނާ ވިދާޅުވީ މައްސަލަތަކުގެ ތެރޭގައި އުޅުއްވައި ހައްލު ހޯދަން އެނގިވަޑައިގަންނަވާ ބޭފުޅަކީ ގާސިމްކަމަށް. --ފޮޓޯ: ޖޭޕީ
ޖުމްހޫރީ ޕާޓީގެ ކެމްޕޭން ހަރަކާތްތައް ވަރުގަދަކުރަން ޓީމުތަކާ އެކު ރޭ ބޭއްވި ބައްދަލުވުމުގައި އަމީން ވިދާޅުވީ، އަންނަ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ "ހަގީގީ ކެންޑިޑޭޓަކީ ގާސިމް" ކަމަށެވެ. އޭނާ އަށް ވުރެން ގާބިލް، ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އެހެން އެއްވެސް ކެންޑިޑޭޓަކު ރިޔާސީ ރޭހުގައި ނެތް ކަމަށް ވިދާޅުވި އެވެ.
އަމީން ވިދާޅުވި ގޮތުގައި ގާސިމް ނުކުމެ ހުންނެވީ ގައުމަށް ހައްލުތަކެއް ހޯދައި ދެއްވުމަށެވެ.
"މި ތިއްބެވި ކެންޑިޑޭޓުންނާ އަޅާބަލާއިރު ބައްލަވާށޭ، ހަގީގީ ކެންޑިޑޭޓަކީ އަޅުގަނޑުމެންގެ ލީޑަރޭ. ސޮލިއުޝަން އަކީ އެއީ. ވަކިވަކިން ނަންނަން ކިޔާނެ ކަމެއް ނެތް، ބައްލަވާ ވާދަކުރައްވަން ތިއްބެވި އެއްވެސް ބޭފުޅެއްގެ އަމިއްލަ ތަޖުރިބާ އެބަހުރިތޯ މިއިން އެއްވެސް ކަމެއްގައި،" އަމީން ވިދާޅުވި އެވެ.
ޓޫރިޒަމާއި މަސްވެރިކަމަށް ބެލިޔަސް ގާސިމް ހުންނެވީ ތަޖުރިބާ ލިބިވަޑައިގެން ކަމަށާއި މައްސަލަތައް ހައްލުކުރަން ޖެހޭ ގޮތް އެނގިވަޑައިގަންނަވާ ކަމަށް އަމީން ވިދާޅުވި އެވެ. އެ ކޮލިޓީގައި މައްސަލަތަކުގެ ހައްލަށް ވާސިލް ވެވޭނެ އެހެން ބޭފުޅަކު ނެތް ކަމަށް އަމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދިވެހި ރައްޔިތުން ބޭނުންވެގެން އުޅޭ ސޮލިއުޝަނަކީ އެ މަނިކުފާނަށް ވީތީ މި ދަންނަވަނީ ތި ހުރިހާ ބޭފުޅުން ތި ތިއްބެވީ މި ފަހަރު އޮތް އެންމެ ފުރިހަމަ ޓްރެކްގައޭ،" ކެމްޕޭން ޓީމުތަކަށް އިޝާރާތް ކުރައްވައި އަމީން ވިދާޅުވި އެވެ.
އިންތިހާބުގައި ގާސިމް ވާދަކުރައްވާނެ ކަން އިއުލާންކޮށްފައި ވިޔަސް އެކަމާ ގުޅޭ ގޮތުން މިހާތަނަށް މާ ގިނަ ވާހަކަތަކެއް އޭނާ ނުދައްކަވަ އެވެ. އެކަމަކު ކެމްޕޭން ބާރަށް ހިންގައި ފުޅާކުރަން ޓީމުތަކަށް އަންނަނީ އިރުޝާދު ދެއްވަމުންނެވެ. އަދި ޖުމްހޫރީ ޕާޓީ އަށް އަލަށް ސޮއިކުރާ މީހުންގެ ފޯމުތަކާ ވެސް ހަވާލުވެވަޑައިގަންނަވަނީ ސީދާ ގާސިމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ