ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށް ގިނަ ރައްޔިތުން ދެކޭ: ރައީީސް ނަޝީދު

ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ގިނަ ދިވެހި ރައްޔިތުން ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ، ހއ.ދިއްދޫގައި ރޭ ބޭއްވި ތިލައުތުރު އެވޯޑު ދިނުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ރައްޔިތުން މިއަދު "ފެޑެރަލް" ނިޒާމަކަށް ބަދަލުވާާން ނުވިސްނައިފިނަމަ، ވަރަށް ހިތާމަވެރި މަންޒަރެއް ފެނިގެން ހިނގައިދާނެ ކަމަށެވެ.
ރައީީސް ނަޝީދު އިތުރަށް ވިދާޅުވީ، ރާއްޖޭގައި އޮންނާން ފެންނަ ވެރިކަމުގެ ނިޒާމާއިމެދުގައި ރައްޔިތުން ދެކޭ ގޮތް ހޯދުމަށްޓަކައި، ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ ވާޖިބެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
ރައީީސް ނަޝީދު މިހެން ވިދާޅުވިއިރު، އެމަނިކުފާނު މީގެ ކުރިންވެސް ވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި މި އަހަރުގެ ރިޔާސީ އިންތިޚާބު ނުބާާއްވައި، ނިޒާމީ ވޯޓަކަށް ދިޔުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށްވެސް ހުށަހެޅުއްވިއެވެ.
ރާއްޖޭގައި އޮންނާން ފެންނަ ވެރިކަމުގެ ނިޒާމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް، 2007 ވަނަ އަހަރުގައި ނެގުނު ވޯޓުގައި، ރައްޔިތުން އިހްތިޔާރު ކުރީ ރިޔާސީ ނިޒާމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ