މޫސާގެފާނު ވާހަކަ- 6: މޫސާގެފާނު ފިރުޢައުނުގެ ދަރުބާރުގައި

ޢަލީ އިޙްޞާން ފިރާޤް
 
މޫސާގެފާނު ފިރުޢައުނުގެ ދަރުބާރުގައި:
އަލްޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. މޫސާގެފާނާއި، ހާރޫނުގެފާނު މިޞްރަށް ވަޑައިގެން ފިރުޢައުނާއި އޭނާގެ ބޮޑުންނަށް މާތްﷲ ގެ މަގަށް ގޮވައިލެއްވިއެވެ. ނުހަނު ޞަރީޙާ މުޢުޖިޒާތްތަކާއި، ފާޅުވެގެންވާ ދަލީލުތަކާއެކުގައެވެ. ފިރުޢައުނާއި އޭނާގެ މީސްތަކުންނަށް އެ މުޢުޖިޒާތްތައް ފެނުމުން އެބައިމީހުންނަށް އެއީ މާތްﷲ ގެ ޙަޟްރަތުން އެކަލޭގެފާނު ގެންނެވި މުޢުޖިޒާތްތަކެއްކަން އެނގުނެނެވެ. ނަމަވެސް އެބައިމީހުންގެ ކާފިރުކަމާއި، ނުބައިކަމުގެ ސަބަބުން އެބައިމީހުން އިސްކުރީ ޖަދަލުކުރުމެވެ. ގޮތްދޫނުކުރުމާއި ނުސިޔާނުކަމެވެ.{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު އިންގްލިޝް އެޑިޝަން ހަތްވަނަ ޖިލްދުގެ 405 ވަނަ ޞަފްޙާ}
ފިރުޢައުނާއި އޭނާގެ މީސްތަކުން މޫސާގެފާނާއި، ހާރޫނުގެފާނަށް ދެއްވި ޖަވާބު ބަޔާން ކުރައްވައި ޤަޞަޞު ސޫރަތުގެ 36 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
فَلَمَّا جَاءَهُم مُّوسَىٰ بِآيَاتِنَا بَيِّنَاتٍ قَالُوا مَا هَـٰذَا إِلَّا سِحْرٌ مُّفْتَرًى وَمَا سَمِعْنَا بِهَـٰذَا فِي آبَائِنَا الْأَوَّلِينَ ﴿٣٦﴾
މާނައީ: [ފަހެ، ބަޔާންވެގެންވާ حال، ތިމަންރަސްކަލާނގެ ހެކިތަކާއިގެން موسى ގެފާނު އެއުރެންގެ ގާތަށް ވަޑައިގަތްހިނދު، އެއުރެން ބުނޫއެވެ. މިއީ އަމިއްލައަށް ހަދައިގެންއުޅޭ ޖާދޫއެއްކަމުގައި ނޫނީ ނުވެތެވެ. އަދި ތިމަންމެންގެ ކުރީގައި އުޅުނު ކާބަފައިންގެ ތެރޭގައިވެސް މިފަދަ ވާހަކައެއް (ވާކަމަކަށް) ތިމަންމެން ނާހަމުއެވެ.]
މޫސާގެފާނާއި، ހާރޫނުގެފާނު، ފިރުޢައުނުގެ ދަރުބާރަށް ވަޑައިގެން ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި ސޫރަތުލް އަޢުރާފުގެ 104 ވަނަ އާޔަތާއި 105 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ.
وَقَالَ مُوسَىٰ يَا فِرْعَوْنُ إِنِّي رَسُولٌ مِّن رَّبِّ الْعَالَمِينَ ﴿١٠٤﴾ حَقِيقٌ عَلَىٰ أَن لَّا أَقُولَ عَلَى اللَّـهِ إِلَّا الْحَقَّ ۚ قَدْ جِئْتُكُم بِبَيِّنَةٍ مِّن رَّبِّكُمْ فَأَرْسِلْ مَعِيَ بَنِي إِسْرَائِيلَ ﴿١٠٥﴾
މާނައީ: [موسى ގެފާނު ވިދާޅުވިއެވެ. އޭ فرعون އެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން ފޮނުއްވި رسول އަކީމެވެ. ތިމަންކަލޭގެފާނަށް حق ވެގެންވަނީ، حق ތެދުފިޔަވައި (އެހެން އެއްވެސް އެއްޗެއް) اللَّه އާމެދު ތިމަންކަލޭގެފާނު ވިދާޅުނުވުމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ތިމަންކަލޭގެފާނު މިވަޑައިގަތީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ބަޔާންވެގެންވާ ހެތްކަކާއިގެންނެވެ. ފަހެ، އިސްރާޢީލުގެދަރިން ތިމަންކަލޭގެފާނާ އެކުގައި ފޮނުވާށެވެ!]
މޫސާގެފާނާއި ހާރޫނުގެފާނުގެ ދަޢުވަތު ފިރުޢައުނު ގެންދިޔައީ ދޮގު ކުރަމުންނެވެ. އެކިއެކި ބަހަނާތަކާއި، ދަލީލުތައް ދައްކައިގެންނެވެ. އެއްފަހަރަކު އޭނާ މޫސާގެފާނާ ދިމާލަށް ބުނެފައިވެއެވެ.
[ކަލޭގެފާނު އުފަންވީއްސުރެން ފެށިގެން އަހުރެމެންގެ ތެރޭގައި ކަލޭގެފާނު ބަލައިބޮޑުކުރީ އަހުރެމެން ނޫންހެއްޔެވެ؟ އަދި ކަލޭގެފާނުގެ عمر ފުޅުން އެތައް އަހަރެއްވަންދެން އަހުރެމެންގެ ތެރޭގައި ކަލޭގެފާނު ހުންނެވީމުއެވެ. އަދި ކަލޭގެފާނު (ތިމަން ކޮށްދިން ހެޔޮކަންތަކަށް) ދެކޮޅުވެރިވާ حال، ކަލޭގެފާނު އެ ކުރެއްވިކަމެއް ކުރެއްވީމުއެވެ.] {ޝުޢަރާ ސޫރަތުގެ 18 ވަނަ އާޔަތާއި 19 ވަނަ އާޔަތުގެ މާނަ}
ޖަވާބުގައި މޫސާގެފާނު ވިދާޅުވިއެވެ. [އެހެންވިއްޔާ ތިމަންކަލޭގެފާނަށް އެކަންތައް އޭރު އެ ކުރެއްވުނީ، މަގު ގެއްލިފައިވާ މީހުންގެ ތެރެއިންވާ حال ގައެވެ. ފަހެ، ތިޔަބައިމީހުން ދެކެ ތިމަންކަލޭގެފާނު ބިރުފުޅުގަތްހިނދު، ތިޔަބައިމީހުންނަށް ފިއްލަވައިގެން (مدين އަށް) ވަޑައިގަތީމެވެ. ފަހެ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ، ތިމަންކަލޭގެފާނަށް حكمة އާއި، ވިސްނުން ދެއްވިއެވެ. އަދި رسول ންގެ ތެރެއިން ތިމަންކަލޭގެފާނު ލެއްވިއެވެ. ފަހެ، ތިޔަބައިމީހުން ދެކެ ތިމަންކަލޭގެފާނު ބިރުފުޅުގަތްހިނދު، ތިޔަބައިމީހުންނަށް ފިއްލަވައިގެން (مدين އަށް) ވަޑައިގަތީމެވެ. ފަހެ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ، ތިމަންކަލޭގެފާނަށް حكمة އާއި، ވިސްނުން ދެއްވިއެވެ. އަދި رسول ންގެ ތެރެއިން ތިމަންކަލޭގެފާނު ލެއްވިއެވެ.] {ޝުޢަރާ ސޫރަތުގެ 20 ވަނަ އާޔަތުން ފެށިގެން 22 ވަނަ އާޔަތުގެ ނިޔަލަށް ތަރުޖަމާ}
މި އަޑު އިވުމުން ފިރުޢައުނު ވަރަށް ރުޅި އަތުވެއްޖެއެވެ. އޭނާ މޫސާގެފާނާ މުޚާތަބުކޮށް ބުންޏެވެ.
[(ކަލޭގެފާނު އެފަރާތަކުން رسول ކަމާއިގެން ވަޑައިގެންނެވި) عالم ތަކުގެ ވެރިރަސްކަލާނގެއަކީ ކޮބައިހެއްޔެވެ؟] موسى ގެފާނު ދެންނެވިއެވެ. [އެއީ އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ އެއްޗެއްގެ ވެރިރަސްކަލާނގެއެވެ. ތިޔަބައިމީހުން އެކަން يقين ކުރާ ކަމުގައިވާނަމައެވެ.] ދެން ފިރުޢައުނުގެ އޭނާގެ ވަށައިގެން ތިބި ބޮޑުންނާ ދިމާލަށް ބުންޏެވެ. [ކަލޭމެންނަކަށް ނީވޭހެއްޔެވެ؟] موسى ގެފާނު ވިދާޅުވިއެވެ. [އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެވެސް ވެރިރަސްކަލާނގެއެވެ.] މިއަޑު އަހައި ފިރުޢައުނު ބުންޏެވެ. [ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ ތިޔަބައިމީހުންގެ رسول އަކީ، މޮޔައެއްކަން ކަށަވަރެވެ.] {ޝުޢަރާ ސޫރަތުގެ 23 ވަނަ އާޔަތުން ފެށިގެން 27 ވަނަ އާޔަތުގެ ނިޔަލަށް ތަރުޖަމާ}
މޫސާގެފާނު ފިރުޢައުނަށް އަޤްލީ ދަލީލުތަކާއި ނަޤްލީ ދަލީލުތައް ދައްކަވަމުން ގެންދިޔަހެން އޭނާވެސް ގެންދިޔައީ އެކަލޭގެފާނަށް ދުއްތުރާކޮށް ތަފާތު އިންޒާރުތައް ދެމުންނެވެ. އެގޮތުން އެއްފަހަރަކު އޭނާ މޫސާގެފާނަށް އިންޒާރުދީ ބުނެފައިވެއެވެ.
[ކަލޭގެފާނު ތިމަންފިޔަވައި އެހެން إله އަކު ހިއްޕަވައިފިނަމަ، ހަމަކަށަވަރުން، ހުރަގޭގައި ހައްޔަރުކުރެވިގެންވާ މީހުންގެ ތެރެއަށް ކަލޭގެފާނު ލާހުށީމެވެ.] موسى ގެފާނު ދެންނެވިއެވެ. [(ތިމަންކަލޭގެފާނުގެ رسول ކަމުގެ މައްޗަށް) بيان ވެގެންވާ دليل އެއް ކަލޭގެ ގާތަށް ގެންނެވި ނަމަވެސް ހެއްޔެވެ؟] ފިރުޢައުނު ބުންޏެވެ. "ކަލޭގެފާނު ތެދުވެރިންގެ ތެރެއިން ވާނަމަ، ފަހެ، دليل ގެންނަވައިބައްލަވާށެވެ!] {ޝުޢަރާ ސޫރަތުގެ 29 ވަނަ އާޔަތުން ފެށިގެން 31 ވަނަ އާޔަތުގެ ނިޔަލަށް ތަރުޖަމާ}
ދެން، މޫސާގެފާނު ފިރުޢައުނަށް ދެ މުޢުޖިޒާތެއް ދެއްކެވިއެވެ. އެ ދެ މުޢުޖިޒާތުގެ ވާހަކަ ބަޔާން ކުރައްވައި ޝުޢަރާ ސޫރަތުގެ 32 ވަނަ އާޔަތާއި 33 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
فَأَلْقَىٰ عَصَاهُ فَإِذَا هِيَ ثُعْبَانٌ مُّبِينٌ ﴿٣٢﴾ وَنَزَعَ يَدَهُ فَإِذَا هِيَ بَيْضَاءُ لِلنَّاظِرِينَ ﴿٣٣﴾
މާނައީ: [ދެން އެކަލޭގެފާނުގެ އަސާކޮޅު އެކަލޭގެފާނު އެއްލެވިއެވެ. ފަހެ، އެހިނދު އެ އަސާކޮޅު، ފާޅުވެގެންވާ ހަރުފަޔަކަށް ވެއްޖެއެވެ. އަދި އެކަލޭގެފާނުގެ އަތްޕުޅު ނެރުއްވިއެވެ. ފަހެ، އެހިނދު، ބަލަންތިބި މީހުންނަށް އެ އަތްޕުޅު ފެންނަންއޮތީ (ވިދަވިދާއޮތް) ހުދު އަތްޕުޅެއް ކަމުގައެވެ.]
މި ބޮޑު ދެ އިލާހީ މުޢުޖިޒާތް ފެނުމުން ވެސް ފިރުޢައުނާއި އޭނާގެ ބޮޑުން އީމާނެއް ނުވިއެވެ. ފިރުޢައުނު އޭނާގެ ވަށައިގެންވާ އޭނާގެ ބޮޑުންނަށް ބުނެފައިވެއެވެ.
[ހަމަކަށަވަރުން، މިއީ މޮޅަށް ދަންނަ ޖާދޫގަރެއްކަން ކަށަވަރެވެ. އެކަލޭގެފާނު އެދިވަޑައިގަންނަވަނީ، އެކަލޭގެފާނުގެ ޖާދޫގެ ބާރުގައި ތިޔަބައިމީހުންގެ ބިމުން ތިޔަބައިމީހުން ނެރެލާށެވެ. ވީމާ، ތިޔަބައިމީހުން أمر ކުރާގޮތަކީ ކޮބައިހެއްޔެވެ؟" ފިރުޢައުނުގެ ބޮޑުން ބުންޏެވެ. [އެކަލޭގެފާނާއި، އެކަލޭގެފާނުގެ أخ، އިހަށް ބައިތިއްބާށެވެ! އަދި (މީހުން) އެއްކުރުމަށް ގޮވާބަޔަކު ރަށުތެރެޔަށް ފޮނުވާށެވެ! އޭރުން އެއުރެން (ގޮސް) މޮޅަށްދަންނަ ހުރިހާ ބޮޑެތި ޖާދޫގަރުން ކަލޭގެ ގާތަށް ގެނެސްދޭނެތެވެ.] {ޝުޢަރާ ސޫރަތުގެ 34 ވަނަ އާޔަތުން ފެށިގެން 37 ވަނަ އާޔަތުގެ ނިޔަލަށް ތަރުޖަމާ}
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ