ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުންނާއި ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުންގެ އެކަނި ވޯޓުން ރައީސް ޑރ. މުހައްމަދު މުއިއްޒު، އަޒުލުކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލަ ސަރުކާރުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަކީ ބަންޑާރަނައިބު އަހުމަދު އުޝާމް ކުރެއްވި ވަރަށް ވިޔާނުދާ ކަމެއް ކަމަށް ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ކުރިން ބަޔާންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް މަގާމުން އަޒުލު ކުރެވޭނީ މަޖިލީހުގެ ތިންބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންގެ ވޯޓެވެ. ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ އާއްމު ކޮމިޓީން ވަނީ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާ އާއި 203 ވަނަ މާއްދާގެ އިތުރުން 49 ވަނަ މާއްދާއަށް އިސްލާހުތަކެއް ގެނެސްފައެވެ.
އަލަށް ގެނައި އިސްލާހުގައިވާ ގޮތުން މަޖިލީހުގެ މެންބަރުން ގުނަން ޖެހޭނީ ހުސްވި ގޮނޑިތައް ނުހިނަމައެވެ. އެގޮތަށް ގުނާއިރު މިހާރު މަޖިލީހުގައި ތިއްބެވީ 80 މެންބަރުންނެވެ. އެ އަދަދަށް ބަލާއިރު މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އަދަދަކީ 54 މެންބަރުންނެވެ. އެހެންކަމުން މަޖިލީހުގައި އޭރު ތިއްބެވި އެމްޑީޕީގެ 55 މެންބަރުންގެ ވޯޓުންވެސް ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސް އަޒުލު ކުރެވޭނެއެވެ.
އޭޖީ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ "މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ (ކ)، (އ) އަދި (ވ)ގައި 'މަޖިލީހުގެ ޖުމުލަ މެމްބަރުން' އެ އިބާރާތަށް ދީފައިވާ މާނަކުރުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ހިލާފަށް ދީފައިވާ މާނަކުރުމެއް" ކަމަށެވެ. އެހެންވެ އެ ތިން އަކުރަކީ ބާތިލު އަކުރުތަކެއް ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
އެ މައްސަލައާ ގުޅޭގޮތުން ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހަސަން ލަތީފް މިރޭ ވިދާޅުވީ ރައީސް މުއިއްޒު އަދި ބަންޑާރަނައިބު އުޝާމް ވެސް އެ ކުރައްވަނީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލުމުގެ މަސައްކަތް ކަމަށެވެ.
"ހަގީގަތުގައި ވަރަށް ވިޔާނުދާ ކަމެއް ބަންޑާރަނައިބު އުޝާމް ކުރައްވައިގެން އެ ހުންނެވީ. އެއް ކަމަކަށް ރުހުން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމީމަ، ކަނޑައެޅިގެން ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހަށް އިހުތިޔާރެއްގެ ގޮތުގައި ދޫކޮށްލާފައި އޮތް ކަމެއް ވަޒީރުންނަށް ރުހުން ދޭނެތޯ ނޫންތޯ ނިންމުމުގެ އެ ބާރު. ރައްޔިތުންގެ މަޖިލީހުން ބަންޑާރަނައިބު އުޝާމަށް ރުހުމެއް ނެތޭ، އެހެން އެގޮތަށް ނިންމީމަ އަނެއް ދުވަހު ރައީސުލްޖުމްހޫރިއްޔާ ގެންދަވާފައި އަދިވެސް އެއްފަހަރު ބަންޑާރަނައިބަށް ހުންނަވާށޭ ވިދާޅުވީމާ އެކަން ގަބޫލުފުޅުކުރައްވައިގެން ހުންނަވައި، އަދި އޭގެ މައްޗަށް މިފަދަ އަމަލުތައް ހިންގެވުން އެއީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ކުރައްވާ ކަންކަން،" އޭނާ ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވީ އެއީ އުޝާމްގެ އަމިއްލަ މަސްލަހަތު ވަރަށް ބޮޑަށް އެކުލެވޭ މައްސަލައެއް ކަމަށާއި ރުހުން ނެތް ވަޒީރަކު، އޭނާގެ ރުހުމާ މެދު ސުވާލު އުފެދިފައި އޮއްވައި ކޯޓަށް ވަޑައިގެން ބަންޑާރަނައިބުގެ ގޮތުގައި ތަމްސީލުކުރައްވައިގެން މަސައްކަތްކުރައްވާނީ ސަރުކާރު ދިފާއުކުރެއްވުމަށް ކަމަށެވެ. އަދި ބަންޑާރަނައިބަކީ މުޅި ދައުލަތް ތަމްސީލުކުރައްވަން ކޯޓަށް ވަޑައިގަންނަވާ ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ.
"ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނެސްފައި އޮތް ބަދަލެއް ބަދަލުކުރަން އެ ވަޑައިގަންނަވަނީ. ރައްޔިތުންގެ މަޖިލިސް ތަމްސީލުކުރައްވަން ވެސް ވަޑައިގަންނަވާނީ ބަންޑާރަނައިބު، އަޅުގަނޑަށް އެނގިފައި އޮންނަ ގޮތުގައި. އެހެންވީމާ ދެން ކިހިނެއްތޯ ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ބަހެއް ބުނެ ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުން. ރައްޔިތުންގެ މަޖިލިސް ތަމްސީލުކުރައްވަން އެ ވަޑައިގަންނަވަނީ ހަމަ އެ ބަންޑާރަނައިބު. އިހަށްދުވަހު ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ބަންޑާރަނައިބު. ދެން ކިހިނެއްތޯ ރައްޔިތުންގެ މަޖިލިސް ތަމްސީލުކުރާނީ، ތަމްސީލެއް ނުކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.
ހަސަން ލަތީފް އިތުރަށް ވިދާޅުވީ އެއީ ސުޕްރީމް ކޯޓަށް ބަލައިގަނެވޭނެ މައްސަލައެއް ވެސް ނޫން ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަންވީ ގޮތާއި، ބަދަލު ގެންނާނެ އިރަކާއި، ގެންނާނެ މިންވަރެއް ވެސް އެނގޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ. އަދި އެއީ ސުޕްރީމް ކޯޓަށް އެނގޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް "ވަން" އަށް މިއަދު ވިދާޅުވީ އޭޖީ އޮފީހުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ. ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅީ މަޖިލީހުގެ މެންބަރުންގެ އަދަދު ގުނުމުގެ އިސްލާހުތައް ގެނައީ ގާނޫނާ ހިލާފަށް ކަމަށް ގަބޫލުކުރެވޭތީ ކަމަށް އުޝާމް ވިދާޅުވިއެވެ.
ރައީސް އަޒުލުކުރުމުގެ އަޑު ފެތުރުނު ފަހުން އެމްޑީޕީގެ 13 މެންބަރަކު ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. އެހެންވެ އެމްޑީޕީގެ މެންބަރުންގެ އެކަނި ވޯޓުން ރައީސް އަޒުލުކުރާ ވަރަށް މެންބަރުން މިހާރު ހަމައެއް ނުވެއެވެ. ނަމަވެސް އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް މެމްބަރުންގެ ވޯޓުން ރައީސް މަގާމުން ވަކިކުރެވޭނެއެވެ. އެ ދެ ޕާޓީއަށް ނިސްބަތްވާ ޖުމުލަ 57 މެންބަރުން މަޖިލީހުގައި އެބަ ތިއްބެވިއެވެ.
އެމްޑީޕީން ވަނީ ދަ ޑިމޮކްރެޓްސްއާ ގުޅިގެން ރައީސް އަޒުލުކުރުމުގެ ގަރާރަށް ސޮއި ހަމަކޮށްފައެވެ. ނަމަވެސް އެ މައްސަލަ އަދި މަޖިލީހަށް ހުށަހަޅައިފައެއް ނުވެއެވެ.
އުޝާމް އެ ކުރައްވަނީ ވަރަށް ވިޔާނުދާ ކަމެއް، ކޯޓުން މައްސަލަ ބަލައެއް ވެސް ނުގަންނާނެ: ހަސަން ލަތީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ