އަންނަ މަހުން ފެށިގެން މިސްކިތްތަކުގެ ކަރަންޓް ބިލު ޑޮމެސްޓިކް ރޭޓުގައި ދައްކާގޮތަށް ލުއިދޭނަން: ރައީސް

އަންނަ މަހުން ފެށިގެން މިސްކިތްތަކުގެ ކަރަންޓްބިލު ޑޮމެސްޓިކް ރޭޓުގައި ދައްކާގޮތަށް ލުއިދެއްވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިހާރު އުތުރުގެ ހަތަރު އަތޮޅަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރޭ ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މާލެސިޓީއާއި އެހެން ހުރިހާ ސިޓީތަކާއި ރަށްތައް ހިމެނޭހެން މި ބަދަލުގެންނެވީ ކައުންސިލުތަކަށް މިހާރު ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭ މަދު ފައިސާކޮޅުން ކަރަންޓު ބިލަށް ކުރަންޖެހޭ ބޮޑު ހަރަދަށް ލުޔެއް ހޯދައިދެއްވުމުގެ ގޮތުން ކަމަށާއި ކައުންސިލުތަކަށް ކަންކަން ފަހިކޮށްދީގެން ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދިނުމަށް ކަމަށެވެ. އަދި އެ ބަދަލާއެކު ފެނަކަ އާއި ސްޓެލްކޯއަށް މަދުވާ އާމްދަނީ އެހެން އުސޫލަކުން ހޯދޭނެ ގޮތެއް ފަހި ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށްއޮތް އަހަރުތަކުގައި އިގްތިސޯދު ވަރުދަގަވަމުންދާ ވަރަކުން މަގުބައްތިތައް ދިއްލުމާއި ޕާކްތައް އަދި އާންމު މައިދާންތަކުގެ ކަރަންޓަށް ނަގާ ރޭޓުވެސް "ގަވާމަންޓު ރޭޓް"ގެ ބަދަލުގައި ޑޮމެސްޓިކް ރޭޓަށް ބަދަލުކޮށްދެއްވާނެ ކަމަށެވެ.
އުތުރުގެ ހަތަރު އަތޮޅު ތަރައްގީގެ ޒޯނެއްގެ ގޮތުގައި ކުރިއަށް ގެންދާއިރު ކުޅުދުއްފުށި ސިޓީވާނީ އުތުރު ތަރައްގީގެ މައި ހަބުގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުޅުދުއްފުށި ސިޓީގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި އެއާޕޯޓް ފެންވަރު މަތިކުރުމާއި އެ ސިޓީގެ ޕޯޓް ފުޅާކޮށް ކެޕޭސިޓީ އިތުރުކުރުމާއި ސިއްހީ ހިދުމަތް ތަރައްގީކުރުންފަދަ އެ ސިޓީގެ ތަރައްގީއަށް ރޭވިފައިވާ އެކިއެކި މަޝްރޫއުތަކަށް ރައީސް ވަނީ ހިއްސާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ