އެސްއީޒެޑް ގާނޫނުގައި ރައީސް ސޯލިހު އަތް ނުލީ ކީއްވެ؟

އެސްއީޒެޑް ގާނޫނުން އަންނާނީ 100 މިލިއަން ޑޮލަރުގެ ބޮޑެތި މަޝްރޫއުތަކެވެ. މި ގާނޫނުން ފުރަތަމަ އިންވެސްޓްމަންޓް ވަނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފަ އެވެ.
ރާއްޖެއަށް ބޭރުގެ ބިޔަ އިންވެސްޓްމަންޓުތަކެއް ގެނެސް އިގްތިސޯދީ ބޮޑެތި މަޝްރޫއުތަކެއް ފަށަން ހިތްވަރު ލިބޭ ގޮތަށް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނު ވުޖޫދު ކުރީ ރައީސް އަބްދުﷲ ޔާމީންގެ ދުވަސްވަރު އެވެ. އެކަމަކު އެ ވެރިކަން ނިމިގެން ދިޔައިރުވެސް އެ ގާނޫނުގެ ދަށުން ޕްރޮޖެކްޓެއް ގެނެވޭ ގޮތްވެފައެއް ނެތެވެ. އެހެންވެ ގިނަ ބަޔަކު އުންމީދު ކޮށްގެން ތިބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ މުހިންމު ގާނޫނުގެ ބޭނުން ރަނގަޅަށް ހިފައި އިގްތިސޯދު ބަދަލުކޮށްލާނެ ކަމަށެވެ. 
އެހެން ނަމަވެސް ފަސް އަހަރުގެ ވެރިކަމެއް ނިމިގެން ދިޔައިރު އެ ގާނޫނުގެ ވާހަކަ ނުވެސް ދައްކަ އެވެ. އެއިން ރާއްޖެއަށް ލިބޭނީ ކޮން މަންފާއެއްތޯ ވެސް ނުބަލަ އެވެ. ރައީސް ސޯލިހުގެ އެ ވެރިކަމުގައި ފެނިގެން ދިިޔައީ އެއްގޮތަކަށް ވެސް އެސްއީޒެޑް ގާނޫނުގެ ބޭނުން ހިފަން ބޭނުން ނުވިތަނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ވަނީ އެސްއީޒެޑް ގާނޫނު އެކްޓިވޭޓްކޮށް ތަންފީޒު ކުރަން ފަށާފަ އެވެ. އެ ފަހުން އިއްޔެ ވަނީ ފުރަތަމަ މަޝްރޫއު ހިންގަން އެ މަނިކުފާނުގެ ސަރުކާރުން ހުއްދަ ދީފަ އެވެ. މި ހުއްދަ ދީފައިވާއިރު، މިދިޔަ ފަސް އަހަރު އޭރުގެ ސަރުކާރުން މި ގާނޫނުގައި އަތްލާން ބޭނުން ނުވީ ކީއްވެގެންތޯ އެއީ އޮތް ސުވާލެކެވެ. 
ޔަގީނުން ވެސް އެނގޭ ކަމަކީ މިދިޔަ ފަސް އަހަރުގެ ކުރީކޮޅަކީ އެންމެ ގިނައިން ހިލޭ އެހީ ލިބުނު އަހަރުތަކެވެ. ސަބަބަކީ ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ހުދުމުހުތާރު ބޭފުޅެއް ކަމަށް ދައްކުވައި ދުނިޔޭގެ ސަމާލުކަން ހޯދައިގެން ކަމަށްވުމެވެ. އެހެންވެ ދުނިޔޭގެ ބޮޑެތި ބޭންކްތަކާއި ފަންޑުތައް އެ ދުވަސްވަރު ރާއްޖެއާ ގާތަށް ޖެހިލިތަން ފެނުނެވެ. އެހެންވެ އެ ދުވަސްވަރު އެސްއީޒެޑް ފަދަ އިންވެސްޓަރުންގެ ޝައުގުވެރިކަން ދަމައިގަންނާނެ ވިޔަފާރީގެ ގާނޫނުތަކެއް "އެކްޓިވް" ކުރިނަމަ ފޮރިން ގިނަ އިންވެސްޓްމަންޓްތަކެއް ރާއްޖެއަށް އައިސްފައި ހުންނާނެ އެވެ. ހާއްސަކޮށް ޓޫރިޒަމުން ބޭރުން އިންވެސްޓްމަންޓްތަކެއް އަންނާނެ އެވެ. އެކަމަކު އެކަން އެހެންނެއް ނުވި އެވެ. ފެނުނީ އެ ސަރުކާރުގެ އެއްވެސް ޝައުގުވެރިކަމެއް ދިވެހި އިގްތިސޯދު މިނިވަން ކުރުމަށް ނެތްތަނެވެ. އަދި އޭގެ ބަދަލުގައި ފެނުނީ މުޅި އާމްދަނީގެ ބޮޑު ޕަސެންޓެއް އެއް ގައުމެއްގެ މައްޗަށް ބަރޯސާ ކުރި ތަނެވެ. މިއީ އިގްތިސޯދީ މާހިރުން ވެސް އެ ދުވަސްވަރު ސުވާލު އުފެއްދި މައްސަލައެކެވެ.
"އެސްއީޒެޑް ގާނޫނު ފާސްކުރީ ވަރަށް މަސައްކަތުން. އެކަމަކު އޭގެ ފޮނި މީރުންކަން ހަތް އަހަރު ވަންދެން ނުލިބި އޮތުމަކީ އިހުމާލެއް. މި ގާނޫނާ ގުޅިގެން ހަދަން ޖެހޭ ގަވައިދުތައް ވެސް ހުރީ ނިމިފަ. އެހެންވެ ގާނޫނު ހިންގޭނެ. އެކަމަކު ހަމަ ޝައުގުވެރިކަން ނެތީ ކަމަށް ބެލެވެނީ،" އެސްއީޒެޑް ގާނޫނު ފަރުމާ ކުރުމުގައި މަސައްކަތް ކުރެއްވި އިގްތިސޯދީ ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ. 
ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނުގެ ބޭނުމަކީ ރާއްޖެއަށް ތަރަގީގެ ބިޔަ މަޝްރޫއުތަކެއް ގެނެސް ޒޯންތަކެއް މެދުވެރިކޮށް ސީދާ އަމާޒުކޮށް، ޒޯނުތައް މެދުވެރިކޮށް ތަރައްގީ ކުރުމެވެ. 
މިކަން ހާސިލް ކުރުމަށްޓަކައި ހެދި ގާނޫނުގައި އަތް ނުލައި އޮތްނަމަވެސް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ވަނީ މި ގާނޫނު ހިންގަން ފައްޓާފަ އެވެ. ރައީސުލް ޖުމްހޫރިއްޔާ އަށް ލިބި ވަޑައިގަންނަވާ ބާރުގެ ދަށުން ނެރުއްވި އެސްއީޒެޑްގައި އިންވެސްޓް ކުރެވޭ އެންމެ ކުޑަ މިންވަރު ކަނޑައެޅުމުގެ ބާރުގެ ދަށުން ނެރުއްވެވި ގަރާރުގައިވާ ގޮތުން ރާއްޖޭގައި ގާއިމް ކުރާ އެސްއީޒެޑް ގައި ހިންގިދާނެ މަސައްކަތްތާއި އެންމެ ކުޑަ އެއިން ޒޯނެއްގައި ހިމެނޭ އެންމެ ކުޑަ އިންވެސްޓްމަންޓެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ 100 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާ ) އެއެވެ. މާނައަކީ ގާނޫނުގެ ދަށުން އަންނާނީ 100 މިލިއަން ޑޮލަރަށްވުރެ ބިޔަ މަޝްރޫއުތަކެވެ. 
ފުރުސަތު ހުޅުވާލުމާއެކު ފުރަތަމަ އިންވެސްޓްމަންޓް ރާއްޖޭގައި ވަނީ ރަޖިސްޓްރީކޮށްފަ އެވެ. ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫން ރާއްޖޭގައި ފަށާ ފުރަތަމަ މަޝްރޫއުގެ ގޮތުގައި 150 މެގަވޮޓުގެ ފްލޯޓިން ސޯލާގެ މަޝްރޫއެއް ހިންގަން ކެނެޑާގެ ކުންފުންޏަކަށް ހުއްދަދީފަ އެވެ. 
އެސްއީޒެޑްގެ މި މަޝްރޫއާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މިއީ އެސްއީޒެޑް ގާނޫނުގެ ދަށުން ރަޖިސްޓްރީ ކުރާ ފުރަތަމަ އިންވެސްޓްމަންޓް ކަމަށެވެ. 
"މީގައި ފާހަގަ ކޮށްލަން ޖެހެނީ. މިއީ އެންމެ ފުރަތަމަ އެސްއީޒެޑް ގާނޫނުގެ އިންވެސްޓްމަންޓްކަން،،" ސައީދު ވިދާޅުވި އެވެ. 
ރާއްޖޭގެ ތާރީހުގައި ހިންގާ އިޔާދަހަކަތައިގެ އެންމެ ބޮޑު މަޝްރޫއުގެ ގޮތުގައި ފެނިގެންދާނެ މި މަޝްރޫއު ހިންގަނީ ރާއްޖޭގެ އާބާދީގެ 90 ޕަސެންޓް ދިރިއުޅޭ ގްރޭޓާ މާލެ ސަރަހައްދުގަ އެވެ. މި މަޝްރޫއު ހިންގުމުގެ ހުއްދަ އެސްއީޒެޑް ގާނޫނުގެ ލިބިގެންދާ ހާއްސަ އިހުތިޔާރުގެ ދަށުން ދީފައި ވަނީ ކެނެޑާގެ އެބެކްސް ޕަވާ ކުންފުންޏަށެވެ. މި ކުންފުންޏާއެކު މި މަޝްރޫއުގައި ފަންނީ ކަންކަމުގައި ސަން ގްލޯ ޕަވާ ސަޕްލައި ކޯޕަރޭޝަން ހަރަކާތްތެރި ވާނެ އެވެ. މި ދެ ކުންފުންޏަކީ ވެސް މި ބާވަތުގެ މަސައްކަތްތަކުގައި ދުނިޔޭގައި މަޝްހޫރު ދެ ކުންފުންޏެވެ. 
މި ގާނޫނުގެ މުހިންމުކަމުގެ ވާހަކަ ދައްކާއިރު ރާއްޖޭގެ ވިޔަފާރިއަށް އަންނަން ޖެހޭ މުހިންމު ބަދަލެއް މި ގާނޫނުން ޔަގީންކޮށްދެ އެވެ. އެއީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޮޑެތި މަސައްކަތްތަކެއް ފަށަން ފުރުސަތު ފަހިވުމެވެ. މިހާރު ގާނޫނުތައް އޮތްގޮތުން އައްޑޫގައި މަޝްރޫއެއް ފެށިނަމަވެސް މާލެ ސަރަހައްދުގައި ފެށުމެނޭ އެ އިންވެސްޓް ކުރާ ބަޔަކަށް ތަފާތެއް ނެތެވެ. ނަމަވެސް އެސްއީޒެޑުގެ މަޝްރޫއަކަށް އިންވެސްޓްކުރަން އައްޑޫގައި އަންނަ މަޝްރޫއެއްނަމަ ހާއްސަ އިނާޔަ ތްތަކެއް ލިބޭނެ އެވެ. މިއީ މުޅި ރާއްޖެ އަށް އިންވެސްޓްމަންޓުތައް ބެހިގެންދާން ލިބޭނެ ޔަގީންކަކެވެ.  މިކަމަށް ކޮށިގެންދާނެ ފަހި ފުރުސަތެކެވެ. 
އެސްއީޒެޑް ގާނޫނަށް އަމަލު ކުރަން ފަށާފައިވާއިރު ކުރިއަށް އޮތްތަނުގައި އެކަން ފެނިގެންދާނެ އެވެ. ރާއްޖޭގެ އާބާދީ ބޮޑު ސަރަހައްދުތަކުގައި ބޮޑެތި އެސްއީޒެޑް މަޝްރޫއުތަކެއް އަންނަތަން ފެންނާނެ އެވެ. ހަގީގީ ލާމަރުކަޒީ ނިޒާމުގެ ފޮނު މީރުކަން ލިބޭނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ބިޔަ މަސައްކަތްތަކެއް ފެށިގެންނެވެ. އެހެންނޫނަމަ ފާހާނާ ހޮޅިއެއް އަޅައިގެން ލިބޭ ނަރުދަމާއެއް ނޫން އިތުރު ކުރިއެރުމެއް ދިވެހި އާއިލާއަކަށް ނުލިބޭނެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ