ﷲ ތަޢާލާ މަތިވެރިކޮށް ދީނުގެ ވާހަކަދައްކާ މަޖިލިސްތަކަށް ދިއުމަކީ ﷲ ގެ ރުހިވޮޑިގަތުން ލިބި ނިޢްމަތްތައް އިތުރުވާން އޮތް އެންމެ ފަސޭހަ އެއް މަގު!: މުފްތީ މެންކް

ދުނިޔޭގައި ޓެކްނޮލޮޖީގެ ތަފާތު ވަސީލަތްތައް ޢާންމުވެފައިވުމާއިއެކު ގޭގައި ހުރެގެން ނުވަތަ އެނޫންވެސް ތަނެއްގައި ހުރެގެން ދީނީ ދަރުސްތަކާއި ފޯރަމްތައް ބަލައިލުމަކީ ވަރަށް ފަސޭހައިން ކުރެވެން އޮތްކަމެކެވެ. ދީނީ ޢިލްމުވެރިން ދެއްވަވާ ދަރުސްތައް އަޑުއެހުމަކީ މައުލޫމާތު މުއްސަނދިވެ ދީނަށް ލޯބި އިތުރުވާނެ ކަމެކެވެ. އަދި ހިތުގައި އުފެދޭ ގިނަ ސުވާލުތަކަށް ޢިލްމުވެރިންގެ އަރިހުން ޖަވާބުވެސް ލިބިގެންދާ ކަމެވެ.
ވިސްނައިލަންވީ ކަމަކީ ދީނީ ދަރުސް އަޑުއެހުމަށް އެއްވާ އެއްވުންތަކަކީ ﷲ ތަޢާލާ މަތިވެރިކުރަން، ﷲ ތަޢާލާގެ ދީން މަތިވެރިކުރަން އެއްވާ އެއްވުންތައް ކަމެވެ. އެފަދަ ކޮންމެ އެއްވުމެއް ފެށުމާއިއެކު ރަޙްމަތުގެ މަލާއިކަތުން ފައިބައިވަޑައިގެން މުޅި އެ ސަރަހައްދު ވަށައިލައްވަވައެވެ. އެތަނުގައި ތިބި އެންމެންނަށް ހެޔޮ ރަހްމަތް ލެއްވެވުން އެދިވަޑައިގެން ދުޢާކުރެއްވުންމަތީގައި ބައްދަލުވުން ނިމެންދެން މަޑުކުރައްވަވަތެވެ.
މަލާއިކަތުން ދުޢާކޮށް ދެއްވަވާނީ ހަމައެކަނި ޖުމުލަކޮށް އެތަނުގައި ހާޟިރުވެ ތިބި އެންމެންނަކަށް ނޫނެވެ. ވަކިވަކިން ކޮންމެ މީހަކަށްވެސް ދުޢާކޮށްދެއްވަވާނެތެވެ. އެމީހާގެ ނަން ވިދާޅުވުމާއި ވެސް އެކުގައެވެ. އަދި ބައްދަލުވުން ނިމިގެން ދިއުމުން އެހިސާބުން އެކަން ނިންމަވައިލައްވަވަނީއެއް ނޫނެވެ. ﷲ ތައާލާގެ ޙަޟްރަތަށް ވަޑައިގެން އެކަމުގެ ވާހަކަ ދަންނަވަތެވެ. އެވެނި މީހެއްގެ ދަރި މިވެނި މީހަކު އެ ބައްދަލުވުމުގައި ބައިވެރިވި ކަމުގެ ވާހަކަދަންނަވައެވެ. އަދި އެމީހަކަށްޓަކައި ﷲ ތަޢާލާ ގިނަގުނަވެގެންވާ ނިޢްމަތްތައް މިންވަރު ކުރައްވަވަތެވެ.
ވިސްނައި ފާހަގަކުރަން އޮތް ކަމަކީ ބައްދަލުވުމަށް ނުގޮސް ގޭގައި ނުވަތަ އެމީހަކު ބޭނުންތަނެއްގައި އިނދެގެން ދަރުސްތައް އަޑުއެހިނަމަވެސް މަލާއިކަތުންގެ ދުޢާ، އެއްވުމުގައި ބައިވެރިވި މީހުންނާއި އެއްވަރަށް ނުލިބޭނެ ކަމެވެ. ބައްދަލުވުމުގައި ބައިވެރިވެ ﷲ ތަޢާލާ މަތިވެރިކުރި އަޅުންނަށް ﷲ ތަޢާލާ މިންވަރުފުޅު ކުރައްވަވާ ނިޢްމަތްތައް މަތިވެރިވާނެ ކަމެވެ. ވީމާ އެމީހަކަށް ވަގުތު އޮތްވަރަކުން ދީނީ ދަރުސްތަކުގައި ބައިވެރިވާން ވާނެއެވެ. މަލާއިކަތުންގެ ހެޔޮ ދުޢާ އާއި ﷲ ތައާލާގެ ރުހިވޮޑިގަތުން ލިބިގަންނަން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.
އަދި ޙާލަތު ދިމާވާ ގޮތަކު ނުދެވުނަސް ގޭގައި ތިބެގެން ނުވަތަ އެމީހަކު ހުރިތަނެއްގައި ހުރެގެން އަޑުއަހާށެވެ. ގޭގައިނަމަ ވީހާ ގިނަ ބައަކު ބައިވެރިވެ މަޖިލީހެއް ހަދައިގެން އަޑުއަހަން މަސައްކަތްކުރާށެވެ! ﷲ ތަޢާލާ އިރާދަ ކުރައްވަވާ މިންވަރަކަށް ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ
މުފްތީ މެނަކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ