ދިވެހިރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ކުރެވިދާނެކަން ރައްޔިތުން ސާބިތުކޮށްދީފި: ސިރާޖް

ދިވެހިރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ކުރެވިދާނެކަން ދިވެހިން ސާބިތުކޮށްދީފިކަމަށް ބާކައުންސިލްގެ ރައީސް ޙުސައިން ސިރާޖް ވިދާޅުވެއްޖެއެވެ.
 ދިވެހިރާއްޖޭގެ އެކައުންސިލް އާއި އެމެރިކަން ބާ އެސޯސިއޭޝަން ރޫލް އޮފް ލޯ އިނީޝިއޭޓިވް ގުޅިގެން ކުރިއަތް ގެންދިޔަ ސިވިކް އެޑުކޭޝަން ފޯރަމްގައި ވާހަކފުޅު ދައްކަވަމުން ސިރާޖް ވިދާޅުވީ، ދިވެހިރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ކުރެވިދާނެކަން ވޭތުވެދިޔަ 12 އަހަރުގެ ތެރޭގައި ދިވެހިރައްޔިތުން ސާބިތުކޮށްދީފައިވާކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕްރޮފެސަރ ޓޮމްސް ގިމްސްބާގް 2012 ވަނަ އަހަރުގެ ރިޕޯޓަށްފަހު މިދިޔަ 12 ވަރަކަށް އަހަރުގެ ތެރޭގައި ދިވެހިން ސާބިތުކޮށްދީފި ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ހިންގުމަކީ ކުރެވިދާނެކަމެއްކަމަށް"
ސިރާޖް ވިދާޅުވިއެވެ.
ސިރާޖް ވިދާޅުވީ، ދިވެހިރާއްޖެއަކީ ޑިމޮކްރެޓިކް އުސޫލުތަކެއްގެ މައްޗަށް ބިނާވެފައި އޮތް ޖުމްހޫރީ ދަޢުލަތެއްކަމަށާއި، މިފަދަ ދައުލަތެއްގެ އެންމެ އަސާސީ ސިފައަކީ ދައުލަތުގެ އެންމެހާ ބާރުތައް ރައްޔިތުންގެ ކިބައިން ފެށިގެން އައުންކަމަށެވެ. އެހެންކަމުން، ތަޖުރިބާކާރުންގެ އެއްބަސްވާގޮތުން ޤައުމެއްގައި ޖުމްޙޫރިއްޔަތެއް ހިންގޭނީ ވިދިވިދިގެން އެއްފަހަރަށްވުރެ ގިނަ ފަހަރު މިނިވަން އިންސާފުވެރި އިންތިޚާބެއްގެ ތެރެއިން ރައްޔިތުން އިޚްތިޔާރުކުރާގޮތަށް ވެރިކަމުގެ ދައުރުތައް ބަދަލުވެގެން ދިއުމުންކަން ވެސް ސިރާޖް ވަނީ ފާހަގަކުރައްވާފައެވެ.
ހަމައެއާއިއެކު، ކޮންސިޓިއުޝަން އެޑުކޭޝަން ނުވަތަ ޤާނޫނު އަސާސީގައި ދައުލަތް ހިނގުމަށް އެކަށައެޅިފައި ހުރި އުސޫލުތަކާއި އެ އުސޫލުތައް އެކަށައެޅިފައި ހުރި ކޮން މަގްސަދެއްގައިކަން އަދި ކޮން ވިސްނުމެއްގައި އެނގި އެކަމަށް ހޭލުންތެރިވުމަކީ މުހިއްމުކަމެއްކަމަށް ވެސް ސިރާޖް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ