ސަރުކާރު ކުންފުނިތަކުގެ ޑިރެކްޓަރުންނަށް މާލީ އަދި އެކައުންޓްސް ދާއިރާގެ ތަޖުރިބާހުރި ފަރާތްތައް ހޯދަނީ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް އައްޔަން ކުރާ އެކައުންޓްސް ފައިނޭންސް ދާއިރާގެ ޑިރެކްޓަރުންގެ ޕޫލެއް އެކުލަވާލުމުގެ މަސައްކަތް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ފަށައިފިއެވެ. ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ޕީސީބީން މިކަން ހާމަކޮށްފައިވަނީ، އެ ބޯޑުން ނެރުނު ނޫސްބަޔާނެއްގައެވެ.
ޕީސީބީން މިކަމާ ގުޅޭގޮތުން ނެރެފައިވާ ނޫސްބަޔާނެއްގައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑާއި ކުންފުނިތަކުގެ އިންޓަރނަލް އޮޑިޓް ކޮމިޓީތަކުގެ މަސައްކަތް ހަރުދަނާ ކުރުމުގެ މަސައްކަތް ޕީސީބީން ފަށާފައިވާ ކަމަށެވެ. އެގޮތުން އޮޑިޓް ކޮމެޓީގައި ހިމަނަން ޖެހޭ އެކައުންޓްސް ދާއިރާގެ ތަޖުރިބާ ހުރި ޑިރެކްޓަރުގެ މަޤާމަށާއި މުޅި ކުންފުނީގެ އިންޓަރނަލް ކޮންޓްރޯލްސް އަދި ރިސްކް މެނޭޖްމެންޓް ހަރުދަނާ ކުރުމަށާއި މާލީ ގޮތުން ފުދުންތެރި ކުންފުންޏަކަށް ހެދުމަށް އިރުޝާދު ދެވޭނެ ފަދަ ފަންނީ ފަރާތްތަކެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޕީސީބީން ބުނެއެވެ.
ޕީސީބީން ބުނީ މިބަދަލާއެކު ކުންފުނިތަކުގެ ބޯޑުގައި އެކައުންޓިނގް އެންޑް ފިނޭންސް ދާއިރާގެ ތަޖުރިބާ ހުރި އަދި އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓެންޓްސް (އައިފެކް) އިން ޤަބޫލުކުރާ ފެންވަރުގެ ފަންނީ ފަރާތްތައް ހިމެނޭކަން ކަށަވަރު ކުރެވިގެންދާނެ ކަމަށެވެ.
ޕީސީބީން ކުންފުނިތަކަށް ޑިރެކްޓަރުން އައްޔަން ކުރާނީ ނޮން އެގްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައެވެ. ކުންފުނިތަކުގެ ބޯޑަށް ޑިރެކްޓަރުން އައްޔަންކުރާނީ ޑިރެކްޓަރުންގެ ޕޫލްގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޕީސީބީން އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެކުންފުންޏަކަށް އެންމެ އެކަށީގެންވާ ފަރާތްތައް ކަމަށް ޕީސީބީން ބުނެއެވެ.
ޑިރެކްޓަރުންގެ ޕޫލުގައި ހިމެނުމަށް އެދޭ ފަރާތްތަކުން 15 ޖުލައި 2024 ގެ 13:00 ގެ ކުރިން ކަމަށް އެކަމަށް އެދި ހުށަހެޅުމަށް ޕީސީބީންވަނީ ހުޅުވާލާފައެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޑިރެކްޓަރުން އައްޔަން ކުރުމަށް ސިޔާސަތެއް އޮވެއެވެ. ނަމަވެސް އެސިޔާސަތު ޤަވާއިދަކަށް ބަދަލުކުރުމަށް މިހާރު ޑްރާފްޓް ކުރެވިފައިވާ ކަމަށް ޕީސީބީން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ