އައްޑޫ ސިޓީ ހިމެނޭހެން މުޅި ރާއްޖެ ތަރައްގީކުރާނަން: ރައީސް

އައްޑޫ ސިޓީ ހިމެނޭހެން މުޅި ރާއްޖެ ތަރައްޤީކުރުމަށް ވެވަޑައިގެންފައިވާ އެންމެ ވައުދެއްވެސް ދޫކޮށް ނުލާނެކަމަށާއި، ހުރިހާ ވަޢުދެއް ރަނުން ރަނަށް ފުއްދާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.އެމަނިކުފާނު މިހެން ވިދާޅުވީ، އައްޑޫ ސިޓީގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީ މާލެއާއި އެއް ފެންވަރުގައި ރާއްޖޭގެ ބައެއް ސަރަހައްދުތައް ތަރައްގީކުރުމަކީ އެމަނިކުފާނުގެ ސަރުކާރުގެ ވަރަށް މުހިއްމު ސިޔާސަތެއް ކަމަށެވެ. އެގޮތުން އެންމެ ދެކުނުގެ ހަތަރު އަތޮޅު ތަރައްގީވެގެން އަންނައިރު އެ ސަރަހައްދުގެ މައި މަރުކަޒަކަށް ވާނީ އައްޑޫ ސިޓީ ކަމަށް ވިދާޅުވި އެވެ. އެގޮތުން އައްޑޫ ސިޓީގެ ހުރިހާ ކަމެއް މާލެއާއި އެއް ފެންވަރެއްގައި ތަރައްގީކުރެއްވުމަށް ބޭނުންވާ ކަމަށް ވިދާޅުވި އެވެ."މި ސަރަހައްދަށް ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށްޓަކައި ދެކުނުގެ ހަތަރު އަތޮޅު އިންޓަގްރޭޓެޑް ޒޯނެއްގެ ގޮތުގަައި ތަރައްގީކުރަން ބޭނުންވަނީ. ހަމައެގޮތަށް ރާއްޖޭގެ އެންމެ އުތުރުންވެސް ހަތަރު އަތޮޅު އެފަދަ ޒޯނެއް ގޮތަށް ތަަރައްގީކުރުން އެއީ އަމާޒަކީ. އަދި މެދު ރާއްޖޭތެރޭގައި ހަތް އާބަން ސެންޓަރު ތަރައްގީކުރުން ދެން މިއޮތީ،" ރައީސް ވިދާޅުވި އެވެ.ރައީސް ވަނީ އައްޑޫ ސިޓީގައި ކުރިއަށް ގެންދަން ރާއްވަވާފައިވާ ބައެއް މަޝްރޫއުތަކުގެ ތަފްސީލު ވެސް ދެއްވާފައެވެ. ވިދާޅުވީ އައްޑޫ އެއާޕޯޓްގެ ތަަރައްގީ މިހާރު އޮތް ސްކޭލަށް ވުރެ ފުޅާ ކުރައްވާނެ ކަމަށެވެ. އަދި ހައި ސީޒަން އަންނަވާއިރަށް އައްޑޫއަށް ސީދާ ދަތުރުތައް ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.އައްސޭރި ޓޫރިޒަމްގެ މަޝްރޫއު ކުރިއަށްދާ ކަމަށާ އެ މަޝްރޫއުގެ ދަށުން 6000 އެނދު ތަރައްގީ ކުރެެވޭނެ ކަމަށެވެ. އަދި ހަންކެނޑެ މަޝްރޫއު ވެސް އޮތީ އަމަލީ މަސައްކަތް ފެށުމާ ދާދި ކައިރީގައި ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި އެއީ2080 އެނދުގެ މަޝްރޫއުއެކެވެ."އަޅުގަނޑުމެން އަމަލީ ގޮތުން ކުރާނީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ވާހަކައެއްގެ ގޮތުގައި ތަރައްގީއެއް ނުބާއްވާނަން. ފޮތެއްގައި ލިޔެފައެއް ނުބާއްވާނަން. އަމަލީ ގޮތުން ތަރައްގީ ގެނެސް ދޭނީ އަޅުގަނޑުމެން،"މީގެ އިތުރުން އިންޓަނޭޝަަނަލް ޕޯޓްގެ މަޝްރޫއު ވެސް ކުރިއަށް އެބައޮތް ކަމަށެވެ. ފެނުގެ ނިޒާމު އަޕްގުރޭޑް ކުރުމުގެ މަސައްކަތް މި ހަފްތާގައި ހަވާލު ކުރާނެ ކަމަށާ ސިމެންތި ލޭޔަރު އަޅައިގެން ހަދަމުންދާ މަގުތަކުގައި ތާރު އަޅައި ދޭނެ ކަމަށެވެ. ރައީސް ވިދާޅުވީ ތަރައްޤީގެ އުންމީދު ތާއަބަދު ދެބަ ދޭތެރޭގައި ތިބޭ ބަޔަކަށް ރައްޔިތުން ވާން ނޭދޭ ކަމަށެވެ. އަދި މީގެ ކުރިން ސަރުކާރުތައް އަލަށް އުފެދިގެން އަންނައިރު ބޮޑެތި މަސައްކަތް ނުފަށާ ކަމަށާއި އެމަނިކުފާނު ބޭނުންފުޅުވީ އެކަން ބަދަލު ކުރެއްވުމަށް ކަމަށްވެސް ވިދާޅުވިއެވެ.ދައުރު ނިމެން ގާތްވުމުން މަޝްރޫއުތައް ފެށުމުން އެއީ އިހްލާސްތެރިކަމެއް ނޫން ކަމަށާއި ވެރިކަމަކީ ބޮޑު އަމާނާތަކާ ޒިންމާއެއް ކަމަށް ވެސް އެމަނިިކުފާނު ވިދާޅުވި އެވެ.ރައީސް އިތުރަށް ވިދާޅުވީ ލެއާއި އެއް ފެންވަރުގެ ޚިދުމަތް ނުވަތަ އެއަށްވުރެ މަތީ ފެންވަރަށް އައްޑޫ ސިޓީ ތަރައްގީކުރައްވާނެ ކަމަށެވެ. އަދި ރައީސް ވަނީ ދެކުނު ޒޯންގެ މައި ހަބަކީ އައްޑޫ ސިޓީކަމުގައި ހަދާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.ރައީސް ވިދާޅުވީ މިހާރު އޮތްފަދަ މަޖިލީހަކުން ހުރިހާ ކަމެއް ހުއްޓިވިދާނެ ކަމަށާއި، އެކަމަށް ފުރުސަތު ނުދިނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ