ސެކިއުރިޓީ ދާއިރާގެ ސްކޮލަޝިޕްތަކެއް ލިބޭ އެއްބަސްވުމެއްގައި އިންޑިއާގެ ޔުނިވާސިޓީއަކާ އެކު ސޮއިކޮށްފި

ރާއްޖޭގެ ސެކިއުރިޓީ ދާއިރާގައި މަސައްކަތް ކުރައްވަ ފަރާތްތަކަށް އިންޑިއާގެ ލަވްލީ ޕްރޮފެޝަނަލް ޔުނިވާސިޓީގައި ސްކޮލަޝިޕް ފުރުސަތުތަކެއް ލިބޭ އެއްބަސްވުމެއްގައި ޑިފެންސް މިނިސްޓްރީން ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު އޮތީ ކޯސްޓް ގާޑް ބިލްޑިންގައެވެ. އެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ. އަދި ޔުނިވާސިޓީގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވާސިޓީ ހިންގާ ކުންފުނި ކަމަށްވާ ލަވްލީ އިންޓަނޭޝަނަލް ޓްރަސްޓުގެ ވައިސް ޗެއަރަމަން ނަރޭޝް މިއްތަލް އެވެ. އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ އެއްބަސްވުމަކީ ޓެރަރިޒަމާ ދެކޮޅަށް ރައީސް ޔާމީން ފައްޓަވާފައިވާ މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ މީހުން ހޭލުންތެރި ކުރުވުމާއި ޓެރަރިޒަމްގެ ނުރައްކާތެރިކަމުން ގައުމު ރައްކާތެރި ކުރުވުމަށް ފަރުދުންގެ ލެވެލްގައި މަސަައްކަތް ކުރާނެ މީހުން ބިނާ ކުރުމުގެ މަގްސަދުގައި ވެވުނު އެއްބަސްވުމެއް ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު އެކި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. "މި އެއްބަސްވުމުގެ ދަށުން އަޅުގަނޑުމެން މަސައްކަތްކުރަމުން ދާއިރު، މި އެމްއޯޔޫގައިވާ ގޮތުގެ މަތިން އިރާދަ ކުރެއްވިއްޔާ ރާއްޖޭގައި ސެކިއުރިޓީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ހެޔޮ އަގުގައި ސްކޮލާޝިޕްތައް ލިބިގެން ދާނެ،" މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މި އެއްބަސްވުމާ އެކު ރާއްޖެ ވެގެންދާނީ ބައިނަލް އަގުވާމީ ދުނިޔޭގައިވެސް ޓެރަރިޒަމާ ދެކޮޅަށް އިސްކޮށް މަސައްކަތް ކުރަމުންދާ ގައުމެއް ކަމުގައެވެ. ލަވްލީ ޕްރޮފެޝަނަލް ޔުނިވާސިޓީ އަކީ އިންޑިއާގެ އެންމެ ބޮޑު އެއް ޔުނިވާސިޓީ އެވެ. އެ ޔުނިވާސިޓީގެ ތައުލީމީ ބޭނުމަށް ބޭނުން ކުރާ އިމާރާތްތަކުގެ ބޮޑުމިން 10 މިލިއަން އަކަފޫޓަށް އަރައެވެ. 3500 ޓީޗަރުން ކިޔަވައިދޭ މި ޔުނިވާސިޓީގައި މިހާރުވެސް 50 ގައުމެއްގެ 30،000 ދަރިވަރަކު ތައުލީމާއި ތަމްރީން ހާސިލް ކުރަމުން ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ