އެމީހަކަށް ޔަޤީން ނުވާ ކަންކަމުގެ ތެރެއަށް ވަންނަނަމަ އެކުރެވެނީ ޙަރާމް ކަމެކެވެ!

ވިޔަފާރިއެއް ކުރިނަމަވެސް އެހެން ކަމެއް ކުރިނަމަވެސް އަދި އަޅުކަމެއް ކުރިނަމަވެސް މިކުރެވެނީ ޙަލާލް، ހުއްދަ ކަމެއްކަން ޔަޤީންކުރަންވާނެއެވެ. ޝައްކެއްގެ މަތީގައި ހުރެ އެއްވެސް ކަމެއް ނުކުރާށެވެ. އެހެނީ އެއިރުން އެދެވެނީ ޙަރާމްގެ މަގުންނެވެ. 
މުސްލިމުންނަށް އޮތީ އެއްވެސް ކަމެއް ޝައްކުގެ މަގުން ނުކުރުމެވެ. މިކުރެވެނީ ދީނުގައި ހުއްދަ އަދި ޙަލާލް ކަމެއްކަން ތިމާއަށް ޔަޤީންނުކުރެވޭ އެއްވެސް ކަމެއް ނުކުރުމެވެ. ޙަލާލް ކަންކަން ކަމުގައި ޔަޤީންކުރެވޭ ކަންކަން ކުރުމުން ފުދޭނެއެވެ. 
މިޘާލަކަށް އެއީ ޤުރްއާނާއި ސުންނަތުން ޘާބިތުވާ އަޅުކަމެއްކަން ޔަޤީން ނުކުރެވޭ ކަމެއް، އެއީ އަޅުކަމެއްކަމަށް ހީކޮށް ކުރުމުން އެކަން ފެތިގެންދާނީ ބިދުޢަކަށެވެ. އެއިރުން އެމީހަކަށް ހުރީ ގެއްލުމެވެ. ޘަވާބު ލިބުމުގެ ބަދަލުގައި ލިބޭނީ ޢަޛާބެވެ. 
ވަރަށް ކުދި ކަންކަމުން ފެށިގެން ވަރަށް ބޮޑެތި ކަންކަމާއި ހަމައަށް އެއީ އަޅުކަންކަން ޘާބިތުވާ ކަންކަން އެބަހުއްޓެވެ. ވީމާ އެމީހަކަށް ކުރެވެން އޮތް ވަރަކުން ބޭނުން ކަމެއް އިޚްތިޔާރުކުރުމުގެ ފުރުޞަތު އޮތްއިރު އަހުރެމެންނަށް އޮތީ އެފުރުޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމެވެ.   
އެކަން އެނގެނީ އަންނަނިވި ޙަދީޘްފުޅުންނެވެ. 
އަބޫ ޢަބްދު ﷲ، އައްނުޢުމާން ބިން ބަޝީރު رَضِيَ اللَّهُ عَنْهُمَا ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: 
ރަސޫލު ﷲ ﷺ ޙަދީޘް ކުރައްވަނިކޮށް ތިމަން އަޑުއެހީމެވެ: 
”ހަމަކަށަވަރުން ހަލާލު ވަނީ ބަޔާންވެގެންނެވެ. އަދި ހަމަކަށަވަރުން ހަރާމް ވެސް ވަނީ ބަޔާންވެގެންނެވެ. އަދި އެ ދެމެދުގައި ޝައްކު ހުންނަ ކަންތައްތަކެއް ވެއެވެ. މީސްތަކުންގެ ތެރެއިން ގިނަ ބަޔަކަށް އެ ކަންތައްތަކެއް ނޭނގޭނެއެވެ. (އެބަހީ: ހަރާމް ހަލާލުތޯ ވަކި ކުރާކަށް ނޭނގޭނެއެވެ.) ފަހެ އެ ޝައްކު ހުންނަ ކަންތައްތަކުން ރައްކާތެރިވެގެންފި މީހާ، (އެ ވަނީ) އޭނާގެ ދީނާއި އަބުރަށް ޓަކައި (އެ ކަންތައްތަކުން) ބަރީއަވެ (ސަލާމަތް) ވެގެންނެވެ. އަދި އެ ޝައްކު ހުންނަ ކަންތައްތަކަށް އަރައިގެންފި މީހާ، (އެ ވަނީ) ހަރާމްގެ ތެރެއަށް ވަދެފައެވެ. އެއީ ހިމާޔަތް ކުރެވިފައިވާ އިމެއްގެ ވަށައިގެން ބަކަރި ހުއިހައްޕާ މީހަކު ފަދައިންނެވެ. އެ ބަކަރިތައް އެ އިމަށް ވަދެ ހުއިކެއުމަކީ ގާތުގައިވާ ކަމެކެވެ. ދަންނާށެވެ! އަދި ހަމަކަށަވަރުން ކޮންމެ ރަސްކަލަކަށް ހިމާޔަތް ކުރެވިފައިވާ އިމެއް ވެއެވެ. ދަންނާށެވެ! އަދި ހަމަކަށަވަރުން ﷲގެ ހިމާޔަތް ކުރެވިފައިވާ އިމަކީ، އެ އިލާހު ހަރާމް ކުރެއްވި ކަންކަމެވެ. ދަންނާށެވެ! އަދި ހަމަކަށަވަރުން ހަށިގަނޑުގައި މަސްކޮޅެއް ވެއެވެ. އެ މަސްކޮޅު އިސްލާހުވެއްޖެ ނަމަ، މުޅި ހަށިގަނޑު ވެސް އިސްލާހުވެ ދެއެވެ. އަދި އެ މަސްކޮޅު ފާސިދުވެއްޖެ ނަމަ، މުޅި ހަށިގަނޑު ވެސް ފާސިދުވެ ދެއެވެ. ދަންނާށެވެ! އެއީ ހިތެވެ.“
މި ޙަދީޘް ރިވާ ކުރެއްވީ ބުޚާރީއާއި މުސްލިމެވެ. 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ